ރައީސާއި ނަޝީދާ ޖެހުނީ އެންމެ މައްސަލައެއް: ދެން ދިޔައީ ފަޅައިގެން!

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން: ސަން ގްރެފިކްސް-- އިބްރާހީމް ފަހީމް

ދެހާސް އަށާރަ ވަނަ އަހަރެވެ. ހަރުކަށި ވެރިކަމެއް ރައީސް އަބްދުﷲ ޔާމީން ކުރެއްވިއިރު ސިޔާސީ ގިނަ ބޭފުޅުންތަކެއް ތިއްބެވީ ޖަލުގައެވެ. ގައުމުގައި ސިޔާސީ ހަރަކާތުގައި ވަރަށް ކެރޭ ބޭފުޅުންތަކެއް ޖަލަށް ލިޔަސް ވަރިހަމަ ކަމަށް ތިއްބެވިއެވެ. އަދި, ރާއްޖޭން ބޭރުން ސިޔާސީ ހިމާޔަތް ހޯދަވައިގެން ސިޔާސީ މަސައްކަތުގައި ވެސް އިސް ބޭފުޅުންތަކެއް ތިއްބެވިއެވެ. އޭގެ ތެރެއިން އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އޭރުގެ އިދިކޮޅު ކޯލިޝަނުން ވިސްނަމުން ދިޔައީ އެ އަހަރުގެ ރިޔާސީ އިންތިޚާބުން އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ރައީސް ޔާމީންގެ ބަލި ކުރެވޭނެ ފޯމިއުލާއަކަށެވެ.

ރައީސް ޔާމީނާ އިންތިޚާބުގައި ވާދަ ކުރާނެ ބޭފުޅަކު ކަނޑައެޅުން ފަސޭހަ ކަމަކަށް ނުވިއެވެ. ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފަދަ ރިޔާސީ ރޭހަށް ނުކުންނަވާނެ ކަމަށް ބެލެވޭ ހުރިހާ ބޭފުޅުންނަށް އިންތިޚާބުގައި ކުރިމަތި ނުލެއްވޭގޮތް އެ ސަރުކާރުން އޮތީ ގަދަބާރުން ހަދާފައެވެ. ނަމަވެސް ފަހު ވަގުތާ ހަމައަށް ވެސް ނަޝީދު ރިޔާސީ ޓިކެޓް ހޯދެއްވުމަށް އެތައް މަސައްކަތެއް ކުރެއްވިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފުލުހުން ނުކުމެ ހުއްޓުވުމުން ވެސް ދުލެއްނުދެއްވިއެވެ. ކޮންމެ ގޮތަކުން ނަމަވެސް ނަޝީދު ބޭނުންފުޅުވީ ވެރިކަމަށް ވަޑައިގަންނަވާށެވެ.

"ފަހުން ރައީސަށް {ނަޝީދު} ވެސް އެނގިވަޑައިގެންފި ކުރިމަތި ނުލެއްވޭނެކަން ވަކި ހިސާބަކުން. އެ ހިސާބުން ރާގު ބަދަލުވެއްޖެ. އޭރު ލަންކާގައި އަޅުގަނޑުމެންގެ ބައްދަލުވުންތައް ބާއްވަނީ. އެއް ދުވަހަކު އަޅުގަނޑުމެން ގާތުގައި ބުނެފި ތިމަންނައަށް ކުރިމަތި ނުލެވޭނަމަ އެމްޑީޕީއިން ކެންޑިޑޭޓަކު ނެރޭނެ ކަމެއް ނެތޭ. ތިމަންނަ ނޫނީ އެހެން ކެންޑިޑޭޓެއް އެމްޑީޕީއަކުން ނެރެގެން ނުވާނޭ،" ނަޝީދުގެ އަރިސް ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.

ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް-- ސަން ގްރެފިކްސް: އަޙްމަދު ސާއިލު އަލީ

އެ ހިސާބުން ނަޝީދު އެކި ގޮތްގޮތުން ރޭއްވެވީ އެމްޑީޕީގެ ޓިކެޓް އެހެން ބޭފުޅަކަށް ނުދޭނެ ގޮތްތަކެއް ހޯދުމަށެވެ. ނަމަވެސް އެ ޕާޓީގެ އިސް ބޭފުޅުން އެކަމާ ފާޅުގައި ދެކޮޅު ހެއްދެވިއެވެ. އިންތިޚާބު ބޮއިކޮޓް ނުކުރާނެ ކަމަށް ސީދާ ވިދާޅުވިއެވެ. އެއާ އެކު ދެން ނަޝީދު ހުށަހެޅުއްވީ ޖަރުމަނުން އޭރު ސިޔާސީ ހިމާޔަތް ހޯދަވައިގެން ހުންނެވި ގާސިމްގެ ޖުމްހޫރީ ޕާޓީއަށް ރިޔާސީ ޓިކެޓް ދިނުމަށް ފަހު އެމްޑީޕީއިން އެ ޕާޓީއަށް ތާއީދު ކުރުމަށެވެ.

"އަޅުގަނޑުމެން އަނެއްކާވެސް ސީދާ ދެކޮޅު ހެދިން. އަޅުގަނޑު ދެންނެވިން 50،000 މީހުން ހިމެނޭ ޕާޓީއަކުން ކީއްކުރަންހޭ 10،000 މެންބަރުން ހިމެނޭ ޕާޓީއަކަށް ޓިކެޓުދީ ފަހަތަށް އަރަންވީ. އާއްމު ރައްޔިތުން ވެސް އެކަން ގަބޫލު ނުކުރާނެ ނޫންހޭ." ކުރިން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވިއެވެ.

އެގޮތަށް އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް އެމްޑީޕީއިން ނަޝީދު ނޫން ބޭފުޅަކަށް ރިޔާސީ ޓިކެޓް ނުދިނުމަށް އެ މަނިކުފާނު ލައްކަ މަސައްކަތް ކުރެއްވިއެވެ.

ނަމަވެސް ލީޑާޝިޕްގެ ބޭފުޅުން އެކަމަކަށް އެއްބަހެއް ނުވިއެވެ. އެއާ އެކު ކެންޑިޑޭޓެއް ޕާޓީ ތެރެއިން ހޯދުމުގެ މަސައްކަތް ފެށިއެވެ. އެންމެ ފުރަތަމަ ހުށަހެޅުނު ނަންތަކުގެ ލިސްޓްގެ ކުރީގައި އޮތީ މަޖިލީހުގެ ރައީސްކަން ކުރެއްވި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ނަންފުޅެވެ.

https://sun.mv/151285

"ނަޝީދު ސީދާ ދެކޮޅު ހެއްދެވީ ޝާހިދަށް ޓިކެޓް ދިނުމަށް. ވިދާޅުވީ ވަހީދަށް {ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު} އަށް ހުވާލައިދިން މީހާއޭ ޝާހިދަކީ. އެހެންވީމަ އޭނާއަށް ވެރިކަން ދޭން ބޭނުމެއް ނުވޭ. އެ ހިސާބުން އިބޫގެ ނަން މި އައީ،" ލަންކާގައި 2018ވަނަ އަހަރު ކުރިއަށް ގެންދިޔަ މަޝްވަރާތައް އޭނާ ކިޔައިދެއްވިއެވެ.

ރައްޔިތުން ބަލައިގަންނާނެ ކެންޑިޑޭޓަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ވާނެ ކަމަށް އެމްޑީޕީގެ ލީޑާޝިޕަށް ގަބޫލު ކުރެވުނެވެ. އެއީ، ރައީސް ނަޝީދުގެ ކުޑައިރުއްސުރެ ގާތް މިތުރަކަށް ވެފައި އަދި އާއިލީ ގޮތުން ވެސް ތިމާގެ ބޭފުޅަކަށް ވުމާ އެކު ނަޝީދު ވެސް ފަހުން އެ ކަމަށް އެއްބަސްވިއެވެ. ނަމަވެސް ލަންކާގައި ބޭއްވުނު ބައްދަލުވުންތަކުގައި ދެން ރައީސް ޞާލިހާ، ނަޝީދު ކުރިމަތި ކުރުވީ ބޮޑެތި ސުވާލުތަކެކެވެ.

"ފުރަތަމަ ދުވަހު އެއްސެވީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާނަންތޯ. ނަޝީދު އެގޮތަށް ރައީސް ގާތު އެއްސެވީމައި ރައީސް ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން އެ ނިޒާމު ގަބޫލެއް ނުކުރައްވަމޭ. ކުރީ ފަހަރު ވެސް އެ ނިޒާމް ގެންނަން މަސައްކަތް ކުރީ ޕާޓީގެ ނިންމުމެއް އޮތީމައޭ. އެ ދުވަހު ވެސް ރައީސް އެއްބަސްވެ ވަޑައެއް ނުގެންނެވި ނިޒާމް ބަދަލު ކުރާކަށް،" އެ ބައްދަލުވުމުގައި އިންނެވި ބޭފުޅަކު ވިދާޅުވިއެވެ.

"ދެވަނަ މީޓިންގައި ރައީސް ގާތު އައްސަވަނީ ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަން އެއްބަސްތޯ. ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް. އެ ކަމަށް ވެސް ރައީސް ޞާލިޙް އެއްބަސްވެ ވަޑައެއް ނުގެންނެވި. ވިދާޅުވީ އެއީ ކިހިނެއްވާނެ ކަމެއް ތޯ. އަދި، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް. އެހެން ވިދާޅުވެފައި އެ ދުވަހު މީޓިން ދޫކުރައްވައި ވަޑައިގަންނަވަމުން ވިދާޅުވީ އެފަދަ މަޝްވަރާއަށް ދެން ނުގުޅުއްވުމަށް،"

ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެއީ، ރައީސް ނަޝީދާއި ރައީސް ޞާލިޙާ އެކު އެ ބައްދަލުވުމުގައި އިންނެވި އެ ދެބޭފުޅުންގެ އަރިސް ބޭފުޅަކު ވިދާޅުވިގޮތެވެ. ނަމަވެސް ރައީސް ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން އެ ވާހަކަ ދައްކަވަނީ އެގޮތަކަށް ނޫނެވެ. އެ ބޭފުޅުން ރައީސް ޞާލިޙާ އެންމެ ނަފުރަތުވީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ފަހު ނަޝީދު ބޮޑުވަޒީރަކަށް ގެނައުމަށް ދެކޮޅު ހެއްދެވި ހިސާބުންނެވެ.

އެ ކަމަށް ބާރު ލިބޭ ހެއްކަކީ 2021ވަނަ އަހަރުގެ އޭޕްރީލް މަހުގެ 19ވަނަ ދުވަހު ރައީސް ނަޝީދު، ރައީސް ޞާލިޙަށް ކުރެއްވި މެސެޖެވެ. އެ މެސެޖްގައި ނަޝީދު ވިދާޅުވެފައި ވަނީ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމާ މެދު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. ރައީސް ނަޝީދުގެ މެސެޖުގައި ހުށަހެޅުއްވީ، 2023ގައި ރިޔާސީ އިންތިހާބު ނުބާއްވައި، ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރާށެވެ. އަދި، ސަރުކާރު އުވާލާށެވެ.

އެ މަނިކުފާނު ހުށަހެޅުއްވީ، މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އިންތިޚާބު ބާއްވަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށެވެ. އަދި، އަލަށް އިންތިޚާބު ކުރާ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތަށް ވެސް ހަމަޖެއްސުމަށް ހުށަހެޅުއްވިއެވެ. އެ މެސެޖު އެ މަނިކުފާނު ވަނީ ކެބިނެޓުގެ ބައެއް ވަޒީރުންނަށާއި މަޖިލިސް މެންބަރުންނަށް ވެސް ފޮނުއްވައިފައެވެ.

ނަޝީދުގެ އެ ހުށަހެޅުއްވުމަށް ރައީސް ޞާލިޙް ދެއްވީ ފިނި ޖަވާބެކެވެ. ވެރިކަން ކުރާ ނިޒާމު ބަދަލު ކުރުމާ މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ވިދާޅުވެ ރައީސް އެކަން ނިންމެވިއެވެ.

މި ހުށަހެޅުއްވުން ނަޝީދު މި ފަހުން ގާސިމަށް ވެސް ހުށަހެޅުއްވިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގާސިމަށް ތާއީދު ކުރައްވާނީ ބަރުލަމާނީ ނިޒާމަކަށް އެއްބަސްވުމުން ކަމަށް ވިދާޅުވެއެވެ. ނަމަވެސް ގާސިމް އެކަމަށް ދެކޮޅު ހެއްދެވިއެވެ. އެހެންވެ، ގާސިމާ ވެސް ނަޝީދު މި ވަނީ ފެޔަށް ޖެހިފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް: ރައީސް ޞާލިހް ޕްރައިމަރީ ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުން-- ސަން ގްރެފިކްސް: އަލީ ޝާހީން

ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި މަސައްކަތަށް ރައީސް ޞާލިޙް، ނޫނެކޭ ވިދާޅުވި ހިސާބުން ސަރުކާރު ގޯސްވިއެވެ. އެ ހިސާބުން އެކި ޖެއްސުންތައް ކުރަން ފެއްޓެވިއެވެ. މަޖިލީހުގެ ރައީސަކަށް ހުންނަވައި ރާއްޖެ ބަގުރޫޓު ވަނީ ކަމަށް ވިދާޅުވުން ފަދަ ޑެމޭޖްތައް ސަރުކާރަށް ދެމުން ގެންދެވިއެވެ. އެއާ އެކު ދެން ރައީސް ޞާލިޙަށް، ނަޝީދު އެންމެ ޕްރެޝަރު ކުރެއްވީ ސަރުކާރު ހިންގާ ކޯލިޝަން ރޫޅައިލުމަށެވެ. ކޯލިޝަނާ ދެކޮޅަށް މީޑިއާގެ ކުރިމަތީގައި ވެސް ސީދާ ފާޅުގައި ވާހަކަ ދެއްކެވިއެވެ.

"ނަޝީދު، ރައީސް ޞާލިޙަށް ދެންނެވީ ލީޑާޝިޕް މީޓިއެއްގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުންނޭ މި އަންގަނީ ކޯލިޝަން ރޫޅައިލާށޭ. ނަޝީދު އެގޮތަށް ވިދާޅުވީމައި ރައީސް ޞާލިޙް ވިދާޅުވީ އެކަމެއް ނުވާނޭ. މި ކޯލިޝަނަކީ ވެރިކަން ހޯދަން އެކުލަވާލި މިފަދަ ތިން ވަނަ ކޯލިޝަނޭ. މި ކޯލިޝަން ރޫޅާލައިފިއްޔާ ރައްޔިތުން ކޯލިޝަންތަކަށް އިތުބާރެއް ނުކުރާނޭ. އެހެންވީމަ އެ ކަމެއް ނުކުރައްވާނަމޭ." އެމްޑީޕީގެ ލީޑާޝިޕްގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

"އެއަށް ފަހު ރައީސް ވިދާޅުވި އެ މަނިކުފާނާ މެދު އިތުބާރު ނެތްނަމަ ގައުމީ މަޖިލީހުން އެކަން ފާސް ކުރާށޭ. އޭރުން އެ މަނިކުފާން އިސްތިއުފާ ދެއްވާނަމޭ. އެކަމަކު ކޯލިޝަން ރޫޅައެއް ނުލާނަމޭ،"

މި ސަރުކާރާ ދެކޮޅަށް އެންމެ ފާޅުގައި ނަޝީދު ކުރެއްވި އެއް ކަމަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުން ފާސް ކުރެއްވުމަށް އުޅުއްވުމެވެ. ފައްޔާޒު ޓާގެޓަކަށްވީ އެއީ މި ސަރުކާރުގައި ހުންނެވި އެންމެ ބާރުގަދަ އެއް ވަޒީރަށް ވުމާ އެކު ސަރުކާރު ބަލިކަށި ކުރުމަށް ޓަކައެވެ. ނަމަވެސް އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުންގެ ތާއީދެއް ވެސް އެ ކަމަކަށް ނުލިބުނެވެ.

ފަހަރަކު ކަމެއް ދައްކަމުން ގޮސް އެންމެ ފަހުން ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ދައުރު ކުޅުއްވީ ޕާޓީގެ ރައީސްގައި ހުންނަވައިގެން ރައީސް ނަޝީދެވެ. އެންމެ ފަހުން އެ މަނިކުފާނަށް ތާއީދު ކުރައްވާ މަޖިލީހުގެ 12 މެންބަރުން ޕާޓީއިން ވަކި ކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އެ ފެއްޓެވީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައެވެ. ސިޔާސީ ޕާޓީއެއްގެ އެންމެ އިސް އެއް މަގާމުގައި ހުންނަވައި އެހެން ސިޔާސީ ޕާޓީއެއް އުފައްދަން އުޅުއްވުމަކީ ޑިމޮކުރަސީ ކިހިނެއް ދަންނަން ކަމެއްތޯއެވެ؟

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވި ގޮތުގައި ރައީސް ނަޝީދާ ޖެހިފައި ވަނީ ވެރިކަމުގެ މައްސަލައެކެވެ. ފައްޔާޒު ވިދާޅުވީ ނަޝީދު ޕާޓީއިން ވަކިވުމަކީ ލިބޭ ދެރައެއް ކަމަށެވެ. އަދި، ޕާޓީ އެއްބައި ކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ނަމަވެސް އެ ކަމުގައި ފެއިލްވެފައިވާކަން ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މައިގަނޑު ގޮތެއްގައި މި އޮތީ ވެރިކަމާ ގުޅުން ހުރި ކަންތައްތަކެއް. ދެން ތިބޭފުޅުންނާ މި ވާހަކަ އަޅުގަނޑުމެން ކޮންމެހެން ދައްކާކަށް ނުޖެހޭނެ، ބުއްދި ސަލާމަތުން ހުރި ދިވެހި ރައްޔިތަކަށް ވެއްޖެއްޔާ މި ވާގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. މި މައްސަލައަކީ ވެރިކަމުގެ މައްސަލައެއް،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެ މައްސަލަ ހައްލު ކުރެވެން އޮތީ އެންމެ ގޮތެއް ކަމަށާއި އެއީ ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ދިނުން ކަމަށެވެ.

"ދެން ޕާޓީގެ ރައްޔިތުން ވަކި ގޮތަކަށް ނިންމަވާފައި އަދި ރައީސް ޞާލިޙް ވެސް އެ ކަމަށް ކުރިމަތިލައްވާފައި ހުރި ހިނދެއްގައި އެހެން ބޭފުޅަކު އެކަން ބޭނުންވި ކަމުގައި ވިޔަސް އެކަން ދެން ދޫކޮށްލަން ރައީސް ޞާލިޙަށް ދެންނެވުމަކީ ވެސް އަޅުގަނޑުމެންނަށް ދަތި ކަމަކަށްވޭ. އެހެންވީމަ އެއްވާން އޮތީ އެންމެ ގޮތެއް އެއީ ރައީސް ނަޝީދަށް އަޅުގަނޑުމެން ޓިކެޓު ދީގެން، އެ ނޫން ގޮތަކަށް އެއްވެވޭކަށް ނެތް،" އޭނާ ވިދާޅުވިއެވެ.

މި ވޭތުވެދިޔަ ތަނުގައި އެމްޑީޕީގައި ރަސްކަން ކުރައްވަމުން ގެންދެވީ ނަޝީދެވެ. ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެންނެވެ. އެ މަނިކުފާނާ ދެކޮޅު އެންމެން ގެންދެވީ ޕާޓީއިން ވަކި ކުރައްވަމުންނެވެ. ތިމަން މަނިކުފާން ނޫން މީހަކަށް ޕާޓީގެ އިސް މަގާމު ފުރުއްވުމުގެ ފުރުސަތެއް ނުދެއްވައެވެ. އެ ބާރު ގެއްލުމާ އެކު މިވަނީ ގޯސްވެފައެވެ.

އިއްޔެ ފިކުރެއްގެ ދިރުމުގެ 12 މަޖިލިސް މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭފުޅުން އެމްޑީޕީ ދޫކުރެއްވި ސަބަބުތަކެއް ދެއްކެވިއެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ވަކި ބޭފުޅެއްގެ ފަހަތުން ނޭނބުރުމެވެ. ދެން ދެއްކެވީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އޮތް ވާހަކައެވެ. ނަމަވެސް މާޒީއާއި މިހާރު ކަން ހިނގާ ގޮތުން ވެސް މިއީ ދައްކާ ބަހަނާތަކެއްކަން ސާފެވެ.

އަސްލު މައްސަލައަކީ ރައީސް ނަޝީދަށް ބާރުތައް ގެއްލުމެވެ. އެ މަނިކުފާނު މަގު އެ ކޮށްޓަވަނީ އަނެއްކާ ވެސް ވެރިކަމަށް އާދެވޭނެ ގޮތެއް ހޯދުމަށެވެ. ހަގީގީ މައްސަލައަކީ ވެރިކަން ބޭނުންވުމެވެ. ޖެހުނު މައްސަލައަކީ އެއީއެވެ.

comment ކޮމެންޓް