ތާރީޚީ ރިކޯޑެއް: މަތީ އަރުތަވެރީންގެ އިނާމު 847 ދަރިވަރަކަށް

މަތީ އަރުތަވެރީންގެ އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ފުރަތަމަ ފަހަރަަށް މަތީ އަރުތަވެރީންގެ އިނާމު 847 ދަރިވަރަކަށް ލިބޭއިރު، 2021-2022 ވަނަ އަހަރުގެ ސާނަވީ ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާގެ ފުރަތަމަ ދަންފަޅި ރޭ ބާއްވައިފިއެވެ.

މި ޖަލްސާގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މަތީ އަރުތަވެރީންގެ އިނާމް ދިނުމުގެ ހަފުލާތަކުގެ ތެރެއިން މިފަހަރު ހަފުލާއަކީ ތާރީޚީ ހަފުލާއެއް ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް 847 ދަރިވަރުން މި އިނާމް ހާސިލުކުރުމަކީ ތާރީޚީ ރިކޯޑެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސާނަވީ ނިންމާ އިމްތިހާނުތަކުން މަތީ އަރުތަވެރީންގެ އިނާމު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން 844 ދަރިވަރުންނަކީ މުޅި ރާއްޖެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނެވެ. މިއީ މި އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން 13 އިންސައްތަ ދަރިވަރުންނެވެ. ފާސްވި ނިސްބަތަށް ބަލާއިރު، އިޚްތިޔާރީ މާއްދާތަކުން 60 އިންސައްތައަށްވުރެ ގިނަ ދަރިވަރުން ވަނީ ފާސްވެފައެވެ.

މަތީ އަރުތަވެރީންގެ އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި، 2021-2022 ވަނަ އަހަރު ސާނަވީ ނިންމާ އިމްތިހާނުތަކުގެ ވަކިވަކި މާއްދާތަކުން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިފައެވެ.

އެގޮތުން، ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ފުރަތަމަ ފަހަރަށް 75 އިންސައްތައަށް ވުރެ ގިނަ ދަރިވަރުން ފާސް ނަތީޖާ ވަނީ ހޯދައިފައެވެ. އަދި އާޓްސްގެ އިތުރުން ސައިންސް މާއްދާތަކުން އިމްތިހާނުގައި ބައިވެރިވި 80 އިންސައްތަ ދަރިވަރުން ފާސް ނަތީޖާ ހޯދާފައިވާއިރު، މިއީ ފާއިތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު، ކުރިއެރުމެކެވެ.

ހަމަ އެއާއެކު، މަޖުބޫރު މާއްދާތައް ކަމަށްވާ އިސްލާމާއި ދިވެހި މާއްދާއިން އިމްތިހާން ފުރިހަމަ ކުރި ދަރިވަރުންގެ 75 އިންސައްތަ ފާސްވެފައިވާއިރު، ހިސާބު މާއްދާއިން 62 އިންސައްތަ ދަރިވަރުން ވަނީ ފާސްވެފައެވެ. އަދި އިނގިރޭސި ބަހުން ފާސްވި ދަރިވަރުންގެ އަދަދު 73 އިންސައްތަ ކުރިއަރާފައިވާއިރު، 2020 ވަނަ އަހަރުގެ ކުރިން، ހިސާބު އަދި އިނގިރޭސި މި ދެ މާއްދާއަކީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ދެބައިކުޅަ އެއްބައި ދަރިވަރުންނަށް އެކަނި ފާސް ނަތީޖާ ނެރެވޭ މާއްދާތަކެވެ.

މަތީ އަރުތަވެރީންގެ އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، "އޭ" ގްރޭޑް ހާސިލުކުރި ދަރިވަރުންގެ އަދަދު ކުރީ އަހަރުތަކާ އަޅާބަލާއިރު، ތިން އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. އަދި "ބީ" ގްރޭޑް ހާސިލުކުރި ދަރިވަރުންގެ ނިސްބަތް އެއް އިންސައްތަ އިތުރުވިއިރު، އެންމެ ދަށް ގްރޭޑް ލިބުނު ދަރިވަރުންގެ ނިސްބަތް އެއް އިންސައްތަ މަދުވެފައިވާ ކަމަށެވެ.

މިފަހަރު ވެސް، 16 ދަރިވަރަކު ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންގެ ލިސްޓުން ޖާގަ ހޯދިއިރު، ނުވަ ދަރިވަރަކު ވަނީ އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ހޯދާފައެވެ.

މަތީ އަރުތަވެރީންގެ އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މިނިސްޓްރީން ބުނީ، އަހަރުތަކެއްގެ އިންތިޒާރަކަށްފަހު، މަތީ އަރުތަވެރީންގެ އިނާމަށް ވާދަކުރުމުގެ ފުރުސަތު އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ލިބި، އެ ދަރިވަރުންނަށް މަތީ ވަނަތަކެއް ލިބުމަކީ ވެސް މިފަހަރުގެ އިނާމް ދިނުމުގެ ހަފުލާ އިތުރަށް ޚާއްސަވާ ސަބަބެއް ކަމަށެވެ.

ސާނަވީ ނިންމާ އިމްތިހާނުތަކުން 844 ދަރިވަރަކު ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ނަމަވެސް 847 ދަރިވަރަކަށް މަތީ އަރުތަވެރީންގެ އިނާމު ލިބެނީ އެކި މާއްދާތަކުން ވަނަ ހޯދި ކުދިން ހިމެނޭ ހެންނެވެ. އެއީ ވަކި ވަކި މާއްދާތަކުން ވަނަ ލިބޭ ކުދީންގެ ތެރޭގައި ގައުމީ ގަދަ 10ގައި ނުހިމެނޭ ކުދިން ތިބޭނެތީއެވެ.

މި ފަހަރު 2021-2022 ވަނަ އަހަރު ސާނަވީ ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް މަތީ އަރުތަވެރީންގެ އިނާމް ދިނުމުގެ ޖަލްސާ ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ދެވަނަ ދަންފަޅި އޮންނާނީ މިރެއެވެ.

އޭގެ ކުރީ އަހަރު، ސާނަވީ ނިންމާ އިމްތިހާނު ހެދި 5،955 ދަރިވަރުންގެ ތެރެއިން 757 ދަރިވަރުން ގަދަ 10ގައި ވަނީ ހިމެނިފައެވެ. ހަމައެއާއެކު ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން 28 ދަރިވަރަކު އޯލެވެލް ގަދަ 10ގެ އެއްވަނައިގައި ވަނީ ހިމެނިފައެވެ.

ހަމައެއާއެކު، އެ އަހަރު އޯލެވެލް ގައުމީ ގަދަ 10ގައި ހިމެނުނު ދަރިވަރުންގެ ތެރެއިން 13 ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10ގައި ހިމެނިފައިވާއިރު ހަ ދަރިވަރަކު ވަނީ ހައި އެޗީވްމެންޓް އެވޯޑް ހާސިލުކޮށްފައެވެ.

comment ކޮމެންޓް