ބީއެމްއެލް އާއި ތައުލީމީ ވުޒާރާ ގުޅިގެން މާލީ ހޭލުންތެރިކަން އިތުރު ކުރަން ޕްރޮގްރާމެއް

ބީއެމްއެލާއި ތައުލީމީ ވުޒާރާ ގުޅިގެން މާލީ ހޭލުންތެރިކަން އިތުރު ކުރަން ޕްރޮގްރާމެއް މިއަދު ފަށައިފި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި, ވިސާ އަދި ތައުލީމީ ވުޒާރާ ގުޅިގެން މުޅި ރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން ބީއެމްއެލްއިން ވަނީ މުޅި ރާއްޖޭގައި މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުމަށް، ޑިޖިޓަލް ޕޭމަންޓް ހައްލުތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ އިސް ސަފުގައި ހިމެނޭ ވިސާއާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފައެވެ.

މި ޕްރޮގްރާމުގެ ދަށުން ޒުވާނުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ތައުލީމީ އިދާރާތަކާއި އެކިއެކި މުޖުތަމައުތަކުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށް، އެއްބަސްވުމުގައި ސޮއިކުރެއްވީ ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަވަންތި ކޮލަމްބަގެއާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފްއެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް އެޑިއުކޭޝަން އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލާއި ތައުލީމީ ވުޒާރާ ގުޅިގެން މާލީ ހޭލުންތެރިކަން އިތުރު ކުރާ ޕްރޮގްރާމް އިފްތިތާހުކުރި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން އިސްމާޢީލް ޝަފީޢު ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ/ ބީއެމްއެލް

ބީއެމްއެލްއިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލްއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން، ވިސާގެ ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމްގެ 'ޕްރެކްޓިކަލް މަނީ ސްކިލްސް' އަދި 'ޕްރެކްޓިކަލް ބިޒްނަސް ސްކިލްސް' ސެޝަންތައް ރާއްޖޭގައި ހިންގާނެއެވެ. އެގޮތުން މި ސެޝަންތަކުގައި ބަޖެޓްކުރުމާއި ފަހަށް ރައްކާކުރުމާއި ދަރަނި ހެޔޮގޮތުގައި މެނޭޖްކުރާނެ ގޮތުގެ އިތުރުން ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތްތައް ކިޔައިދެވޭނެއެވެ.

މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ފައިސާ މެނޭޖްކުރާނެ ގޮތުގެ އިރުޝާދުތަކާއި ކޭޝް ފްލޯ މެނޭޖްކުރާނެ ގޮތާއި، އަގު ކަނޑައެޅުމާއި، ޑިޖިޓަލް ޕޭމަންޓް އަދި ކަސްޓަމަރުން އިތުރުކުރާނެ ގޮތްތަކާއި ވިޔަފާރީގެ އުކުޅުތައް ވެސް ކިޔައިދެވޭނެއެވެ.

ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަކީ ބޭންކުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެއް. މި ޕްރޮގްރާމަކީ އަންނަން އޮތް ޖީލުތަކަށް މާލީ ކަންކަމުގައި ހޭލުންތެރިކަމާއެކު ގޮތް ނިންމުމުގައި އެހީތެރި ވުމަށް ބޭންކުން ދޭ އިސްކަން ހާމަކޮށްދޭ ޕްރޮގްރާމެއް. ދަރިވަރުންނަށް ހަރުދަނާ މާލީ ބިންގާއެއް އެޅުމަށް އެހީތެރިވެރިވެދިނުމަކީ މި ގައުމުގެ އިގްތިސާދު ހަރުދަނާކުރުމަށް ދިގުމުއްތަކަށް އެޅޭ މުހިންމު ފިޔަވަޅެއް، ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް

ވިސާއަކީ ޑިޖިޓަލް ޕޭމްންޓުތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ އިސް ސަފުގައި ފާގަކޮށްލެވޭ ކާޑް ނެޓްވޯކެވެ. އެގޮތުން މާޗަންޓުންނާއި މާލީ އިދާރާތަކާއި ސަރުކާރު އިދާރާތަކުގެ ފައިސާގެ މުއާމަލާތްތަކުގެ ވެސް މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރެއެވެ.

ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ އަވަންތި -- ފޮޓޯ/ ބީއެމްއެލް

އެކަމާއި ގުޅިގެން ވިސާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރު އަވަންތި ކޮލަމްބަގެ ވިދާޅުވީ، މާލީ ހޭލުންތެރިކަމަކީ ހަރުދަނާ އިގްތިސާދުގެ ކުރިއެރުމެއް އެޅޭ މުހިންމު ބިންގާއެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިސާގެ 'ޕްރެކްޓިކަލް މަނީ ސްކިލްސް އަދި ޕްރެކްޓިކަލް ބިޒްނަސް ސްކިލްސް' ޕްރޮގްރާމް ރާއްޖެއަށް ތައާރަފްކުރުމާއެކު، އާންމު ފަރުދުންނާއި ކުދި ވިޔަފާރިތައް ބާރުވެރިކުރުވައި، ދެމެހެއްޓެނިވި އަދި މާލީ ގޮތުން އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ގާބިލު ޑިޖިޓަލް މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދޭނެއެވެ.

ހަމައެއާއެކު މި މަސައްކަތަކީ ރާއްޖެއަށް ޑިޖިޓަލް ބޮޑު އިންގިލާބެއް ގެނުވައި ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ސިނާއަތްތަކާއެކު ރަނގަޅު އިގްތިސާދެއް ބިނާކުރުމަށް ރާއްޖޭގެ ދިގު ރާސްތާ ޕްލޭނަށް އެހީތެރިވުމަށް ވިސާއިން ދޭ އަހުމިއްޔަތުކަން ހާމަވާ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލްއިން ރާއްޖޭގެ އެކި އުމުރުފުރާތަކުގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް އެކި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ބޭންކުން ވަނީ ސްކޫލުތަކާއި އެކި މުޖުތަމައުތަކުގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް 200 އަށް ވުރެ ގިނަ ސެޝަންތައް ހިންގާފައެވެ.

comment ކޮމެންޓް