އާ އުސޫލާ އެކު ގްރޭޑް 9 އިން މަތީގެ ކުދިންނަށް ތުނބުޅި ބެހެއްޓޭނެ

މާލޭ ކަލާފާން ސްކޫލުގެ އެސެމްބްލީއެއް ތެރެއިން -- ސަން ފޮޓޯ

ސަރުކާރު ސްކޫލުތަކުގައި ދަރިވަރުން ޔުނީފޯމް އެޅުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަލަށް އެކުލަވައިލި އުސޫލުގައި، ގްރޭޑް ނުވައަކުން މަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހަދައިފިއެވެ.

މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ވަނީ ސްކޫލުތަކަށް ސާކިއުލާއެއް ފޮނުވާފައެވެ. އެ ސާކިއުލާގައި ވާގޮތުން، މި ބަދަލު ގެނައީ ސްކޫލުތަކުގެ އިސްވެރިންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހުގައެވެ. އަދި، ބަދަލުތަކަށް އަމަލުކުރަން ފަށާނީ 2027 ވަނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެންނެވެ.

އާ އުސޫލުގައި ވަނީ ކީ ސްޓޭޖް ހަތަރެއް އަދި ފަހެއްގެ ދަރިވަރުންނަށް ތުނބުޅި މަތިމަސް ބެހެއްޓޭ ގޮތަށް ބަދަލު ގެނެސްފައެވެ. އެއީ، ގުރޭޑް ނުވައަކުން ފެށިގެން 12 ވަނަ ގްރޭޑާ ހަމައަށެވެ. މީގެ ކުރިން އެ ދަރިވަރުންނަށް ތުނބުޅި މަތިމަސް ބެހެއްޓުމުގެ ފުރުސަތެއް ނުދެއެވެ.

އެކަމަކު، އެ ދަރިވަރުންގެ ތުނބުޅިއާއި މަތިމަސް ހުންނަންވާނީ އެއްވަރަށް ރީތިކޮށް ކޮށާފައި ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

https://sun.mv/214858

މީގެ އިތުރުން، އާ އުސޫލުގައި ވަނީ ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ޔުނީފޯމާ އެކު ސްކާޓް ލާނަމަ، ހަރުވާޅުލާން މަޖުބޫރުކޮށްފައެވެ. ބުރުގާ ނާޅާ ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހޭނެއެވެ. އަދި، އެ ކުދިންގެ ގަމީހުގެ އަތްކުރުކޮށް ވެސް އަދި ދިގުކޮށް ވެސް ބެހެއްޓުމުގެ އިޙުތިޔާރު ދީފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔުނީފޯމަށް ބޮޑު ބަދަލެއް ގެންނަނީ އެކަމުގައި ސްކޫލުތަކާއި ބެލެނިވެރިންގެ ޝަކުވާ ބޮޑުވުމުން ކަމަށް ބުނެފައެވެ. އުސޫލަށް އަމަލުކުރަން ފެށުމުން ޔުނީފޯމް އަގު ވެސް ހެޔޮވެ ފަސޭހައިން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެކަމަކު، އުސޫލަށް ގެނައި ބައެއް ބަދަލުތަކާ ގުޅިގެން ބައެއް މީހުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް