ސްމާޓް ޕާކިންއިން 23 ޖާގަ ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި

ހުޅުމާލެ ސްމާޓް ޕާކިން -- ފޮޓޯ/ އާބަންކޯ

ރާއްޖޭގައި އަލަށް ގާއިމް ކުރި ސްމާޓް ޕާކިން 23 ޖާގަ ކުއްޔަށް ދޫކުރުމަށް އާބަންކޯއިން އިއުލާނުކޮށްފިއެވެ.

ހުޅުމާލެ ފިތުރޯނު މަގު، ފެރީ ޓާމިނަލް ޕާކު ކައިރީ ގާއިމްކޮށްފައިވާ ސްމާޓް ޕާކިން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން އަހަރުގެ މުއްދަތަކަށެވެ. އެގޮތުން 23 ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާއިރު މަހު ކުލީގެ ގޮތުގައި ބީލަން ކާމިޔާބުކުރާ ފަރާތުން ހުށަހަޅާ އަގެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

ތިން އަހަރު ދުވަހަށް ބަހާލައިގެން ކުލި ދެއްކުމަށް ހަމަޖެހިފައިވީ ނަމަވެސް، ތިން އަހަރު ދުވަހުގެ ކުލި އެއްފަހަރާ ދައްކާނަމަ ހަތް ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. އަދި ޕާކިންގެ ޖާގަ ހަވާލުކުރާ ދުވަހުން ފަށައިގެން ކުލި ހިނގަން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާބަންކޯއިން ބުނީ ބީލަން ފޯމް ބަލައިގަތުން ކުރިއަށްދާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ 13:00 އިން ފެށިގެން 14:00 އާ ދެމެދުކަމަށެވެ.

ހުޅުމާލެ ސްމާޓް ޕާކިން -- ފޮޓޯ/ އާބަންކޯ

އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްމާޓް ޕާކިން ގާއިމްކޮށްފައިވާ ސަރަހައްދަކީ 4.8 މީޓަރު ދިގުމިނުގެ އަދި 2.0 މީޓަރު ފުޅާމިނުގެ ސަރަހައްދެކެވެ.

ތަފާތު ފީޗާސްތަކާއެކު ގާއިމްކޮށްފައިވާ މި ޕާކިން ޒޯންގައި ޕާކިން ޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަންބަރު ބޯޑު އޮޓޮމެޓިކުން ދެނެގަތުމަށް އެއްމެ ފަހުގެ ޓެކުނޮލޮޖީ ބޭނުންކުރެއެވެ. މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާ އެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެއެވެ.

ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ މީހުންނަށް ޚާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ޖާގަތައް ހުންނާނެއެވެ. އަދި، ކުރުމުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް ވަނީ ތައްޔާރު ކުރެވިފައިވެއެވެ.

ހުޅުމާލެ ސްމާޓް ޕާކިން -- ފޮޓޯ/ އާބަންކޯ

އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ މީހުންނަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ. މީގެއިތުރުން ފަސޭހަކަމާ އެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެއެވެ. އަދި ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕްގެ ޒަރީއާއިން ފެންނާނެއެވެ.

މީގެ އިތުރުން މި ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 24 ގަޑިއިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް މޮނިޓާ ކުރެވޭނެއެވެ.

comment ކޮމެންޓް