އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 31 ގައި

އެސްޓީއޯގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 31 ވަނަ ދުވަހު ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.

އެސްޓީއޯ އިން ބުނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާއަށް ހާޒިރުވެ އަދި އޮންލައިންކޮށް މައިކްރޮސޮފްޓް މެދުވެރިކޮށް އެ ޖަލްސާގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. އަދި މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ މީހުން މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 8:30 ގެ ކުރިން އެސްޓީއޯގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީ ކުރަން އެ ކުންފުނިން ވަނީ އެދިފައެވެ.

އަދި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖަލްސާ އޮންނަ ރޭގެ 20:25 ގެ ކުރިން ލޮގިން ވުމަށް އެކުންފުނިން އެދެއެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންވަނީ ރުހުން ދީފައެވެ. އެހެންކަމުން މިމަހުގެ 31 ގައި ބޭއްވޭ އަހަރީ އާންމު ޖަލްސާގައި ހިއްސާ ފާސްކުރެވޭނެއެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ވިޔަފާރިއަށް ބަލާއިރު، އެ ކުންފުނިން ވަނީ ރެކޯޑް އާމްދަނީއެއް ހޯދާފައެވެ. މިދިޔަ އަހަރު އެސްޓީއޯއިން 18.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައިވާއިރު، ވިޔަފާރި ހިންގައިގެން ވެސް ވަނީ އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައެވެ.

އެސްޓީއޯގެ 2022ވަނަ އަހަރުގެ ވަގުތީ މާލީ ބަޔާނަށް ބަލާއިރު، މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ވަނީ 742.21 މިލިއަން ރުފިޔާ ލިބިފައެވެ.

ލިސްޓްކުރުމުގެ ޤަވާއިދުގައިވާ ގޮތުން ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ޕަބްލިކް ކުންފުނިތަކުން، މާލީ އަހަރު ނިމޭތާ ފަސް މަސް ދުވަހުގެ ތެރޭގައި ނިމުނު އަހަރުގެ އަހަރީ އާއްމުޖަލްސާ ބާއްވަން ޖެހެއެވެ.

comment ކޮމެންޓް