އަލްހާންގެ ކިންގްސް ޓްރޭޑިންއަށް އެއް ލައްކަ އިންވެސްޓް ކުރި މީހަކަށް އަނބުރާ ފައިސާ ދޭން ހުކުމް ކޮށްފި

މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ: އޭނާގެ ކިންގްސް ޓްރޭޑީންއަށް އެއް ލައްކަ އިންވެސްޓް ކުރި މީހަކަށް އަނބުރާ ފައިސާ ދޭން ވަނީ ހުކުމެއްކޮށްފަ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއަށް އެއް ލައްކަ ރުފިޔާ އިންވެސްޓް ކުރި މީހަކަށް އަނބުރާ ފައިސާ ދިނުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ރ. ރަސްމާދޫ / ނަސީމީވިލާ, އިސްމާއީލް އަނީސްއެވެ. އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ކިންގްސްފޮރެސްޓީ އޮންލައިން ކޮޕީ ޓްރޭޑާއަކަށް ވުމުގެ އެއްބަސްވުމާ އެއްގޮތަށް އޭނާ އިންވެސްޓްކުރި ފައިސާއިން ފައިދާ ލިބެމުން ނުދާތީ އިންވެސްޓްކުރި ފައިސާ އަނބުރާ ދިނުމަށް އެއްބަސްވި ނަމަވެސް އެ ފައިސާ އަނބުރާ ދީފައި ނުވާ ކަމަށެވެ. އެއީ 90,000 ރުފިޔާއެވެ.

އެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ ޣައިރު ހާޒިރުގައެވެ. އެއީ އެ ފަރާތް ދިރިއުޅޭ އެޑްރެސް ނޭންގުމުގެ ސަބަބުން ލިޔެކިޔުންތައް ރައްދުކުރެވިފައި ނުވާތީއެވެ.

ޓްރޭޑް ކުރުމަށް ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެކައުންޓަށް އަނީސް 100,000 ރުފިޔާ ވަނީ ފޮނުވާފައެވެ. އަދި އެ ފައިސާގެ ތެރެއިން 10000 ރުފިޔާ އޭނާއަށް އަނބުރާ ދީފައިވާއިރު ބާކީ 90,000 ރުފިޔާ 20 ދުވަސް ތެރޭގައި އަނބުރާ ދޭނެ ކަމަށް އޮތީ ބުނެފައެވެ. އެކަމަށް ބާރު ލިބޭ ހެކީގެ ގޮތުގައި އަނީސް އާ ކިންގްސް ކެޕިޓަލް ހޯލްޑިންގްސްއާ ދެމެދު ދައްކާފައިވާ ވާހަކައިގެ ޗެޓްލޮގް ވަނީ ހިމަނާފައެވެ.

ނަމަވެސް ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އިން އަނީސްއަށް ދައްކަންޖެހޭ 90,000 ރުފިޔާ ދައްކާފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެހެންކަމުން ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އެ 90,000 ރުފިޔާ އަކީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އިން އަނީސަށް ދޭން ޖެހޭ ފައިސާ ކަމަށެވެ. އަދި އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އިއްޔެ ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މަކަރާއި ހީލަތް ހަދައިގެން މީހުންގެ އަތުން ފައިސާނަގައި މަނީލޯންޑާ ކުރިކަމަށް ބުނެ ފުލުހުން ކުރި ތުހުމަތާ ގުޅިގެން މީގެ ކުރިން އަލްހާން ފުލުހަށް ހާޒިރު ކުރިއެވެ.

ފުލުހުން އޭނާ ހާޒިރުކުރީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކޮށް ބަޔާން ނެގުމަށެވެ.

އަލްހާން އިސްވެ ހުންނަވައި ހިންގަވާ ކިންގްސް ކުންފުނީގެ އެކައުންޓުތައް މިދިޔަ އަހަރުގެ މާޗު މަހުގެ 10ވަނަ ދުވަހު ބޭންކުން ވަނީ ޕޮންޒީ ސްކީމެއް ހިންގާކަމަށް ބުނެ، ސަމާލުވުމަށް އެމްއެމްއޭއާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އިލްތިމާސްކޮށްފައި ވުމުން ހިފަހައްޓައިފައެވެ.

އެ މައްސަލައިގައި އެކައުންޓު އަންފްރީޒް ކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެކައުންޓުތައް ފްރީޒްކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައިފައެވެ. އެއާއެކު އެކައުންޓުތައް އަންފްރީޒްކުރިއެވެ.

ފުލުހުން ބުނީ މިހާރު ވެސް މި މައްސަލައިގެ ތަހުގީގުކުރަމުން އަންނަކަމަށެވެ. އަދި ވަރަށް އަވަހަށް ދައުވާކުރަން ފޮނުވުމަށް ތައްޔާރުވަމުން އަންނަކަމަށް ވެސް ބުންޏެވެ.

އެމްއެމްއޭއިން އޭރު ބުނީ މިފަދަ ސްކީމްތައް ހިނގަނީ އެ ސްކީމްތަކާ އިތުރު މީހުން ގުޅި، ފައިސާ ލަމުންދާތީ ކަމަށެވެ. އަދި އެ ފައިސާ ބޭނުން ކުރަނީ ސްކީމް ހިންގާ ފަރާތުގެ އަމިއްލަ ބޭނުމަށް ކަމަށެވެ. އެހެންކަމުން، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކަމެއް ނޫންކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް