އަފްޝަންގެ އިސްތިއުފާ: ނަޝީދު ވިދާޅުވީ ސަރުކާރަށް ގެއްލުނީ ހީވާގި ކަނބަލެއް ކަމަށް

ރައީސް ނަޝީދު އާއި އަފްޝަން---

ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން އަފްޝަން ލަތީފު މިއަދު އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާތީ، ސަރުކާރަށް ގެއްލިގެން އެ ދިޔައީ މަސައްކަތްތެރި ހީވާގި އަދި ގާބިލް ކަނބަލެއްކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ސީއީއޯކަމުން އަފްޝަން ލަތީފް އިސްތިއުފާ ދެއްވުމަށް ނިންމެވުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސްގެ މަޤާމު ވެސް ފުރުއްވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަފްޝަން އަކީ ގޮންޖެހުންތަކާއި ފިއްތުންތަކުގެ ތެރެއިން ލާމަރުކަޒީ ނިޒާމް ކާމިޔާބުކުރުމަށް މަސައްކަތްކުރެއްވި ކަނބަލެއް ކަމަށެވެ.

އަފްޝަންގެ އިސްތިއުފާ ދެއްވުމަށް ނިންމަވާފައިމިވަނީ، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވަނިކޮށެވެ.

މިގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ބަޔަތުހިފުމުގައި އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ މައްސަލައިގައި އަފްޝަންގެ ފިރިކަލުން، އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވަނީ މިދިޔަ މާޗު މަހު އެ މަގާމުން ވަކިކޮށްފައެވެ.

އެލްޖީއޭގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަފްޝަން ލަތީފް މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާކަން "ސަން" އަށް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

ނަމަވެސް އިސްތިއުފާދެއްވުމަށް ނިންމެވި ސަބަބެއް ވިދާޅެއް ނުވެއެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމަށް އަފްޝަން އައްޔަން ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހުއެވެ.

comment ކޮމެންޓް