އެލްޖީއޭގެ ސީއީއޯ ކަމުން އަފްޝަން އިސްތިއުފާ ދެއްވަައިފި

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފް -- ސަން ފޮޓޯ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭގެ) ސީއީއޯގެ މަގާމުން އަފްޝަން ލަތީފު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އެކަން އަފްޝަން ވަނީ "ސަން" އަށް ކަށަވަރު ކޮށްދެއްވާފައެވެ. އަފްޝަންގެ އިސްތިއުފާ ސިޓީ މިހާރު ފޮނުވާފައިވާއިރު، އަންނަ ބުރާސްފަތި ދުވަހަކީ އޭނާ ވަޒީފާއަށް ނުކުންނަވާނެ އެންމެ ފަހު ދުވަހެވެ.

އަފްޝަން ވިދާޅުވީ، އޭނާ އެލްޖީއޭއަށް ކޮށްދެއްވި ޚިދުމަތް ގަބޫލު ކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު ވިދާޅުވި ކަމަށެވެ. އަދި މިހާރު އެންމެ ބޮޑު ސަމާލު ކަމެއް ދެއްވަނީ އެލްޖީއޭއާއި ކައުންސިލްތަކާ އެކު އެއްވެސް ދަތިކަމެއް ނެތި މަސައްކަތްތައް ކުރިއަށް ގެންދެވޭގޮތަށް މަގު ފަހިކޮށްދެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ އެލްޖީއޭގެ ސީއީއޯކަމުގެ މަގާމުގައި އެންމެ އިސްކަމެއް ދެއްވީ ލޯކަލް ކައުންސިލްތަކާއި، ސަރުކާރާއި، ރައްޔިތުންނާމެދު އޮންނަ ގުޅުން ހަރުދަނާކޮށް ލާމަރުކަޒީ ނިޒާމަށް އޮންނަ އިތުބާރު އިތުރު ކުރުމަށް ކަމަށެވެ.

އަދި، ކައުންސިލްތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި އަމިއްލަ މުއައްސަސާ ތަކާއި، މަދަނީ ޖަމިއްޔާތަކާއި، ވިޔަފާރިކުރާ ފަރާތްތަކާއި ކައުންސިލްތަކާ ޖެހޭ މައްސަލަތައް ހައްލު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވައި، އެފަދަ ހާލަތްތަކުގައި ކައުންސިލްތަކުގެ ހައްގު ދިފާއު ކުރުމަށް ވީހާވެސް ބޮޑު އިސްކަމެއް ދެއްވާފައިވާކަން ފާހަގަ ކުރައްވާފައިވެއެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމަށް އަފްޝަން އައްޔަން ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އަފްޝަން އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާއިރު، އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ މައްސަލައިގައި އަފްޝަންގެ ފިރިކަލުން، އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވަނީ މިދިޔަ މާރޗު މަހު އެ މަގާމުން ވަކިކޮށްފައެވެ.

އަމްރު މަސައްކަތް ކުރައްވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާ ގުޅިވަޑައިގެންނެވެ.

comment ކޮމެންޓް