ދުނިޔޭގެ ފުރަތަމަ 3ޑީ ޕްރިންޓް މިސްކިތް ދުބާއީގައި

ފާއިތުވި ދެތިން އަހަރެއްގެ ތެރޭގައި އެންމެ ހަލުވި ސްޕީޑެއްގައި ކުރިއަރަމުން އަންނަ އެއް ޓެކްނޮލޮޖީ އަކީ ތުރީޑީ ޕްރިންޓިންގެ ޓެކްނޮލޮޖީއެވެ. ކުދިކުދި އެއްޗެހި ޕްރިންޓުކޮށް ފަސޭހަ ކޮށްދިން މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޮޑެތި އިމާރާތްތައް ވެސް ޕްރިންޓު ކުރާ ހިސާބަށް މިހާރު މި ދިޔައީއެވެ. މިފަހަރު ދުނިޔޭގެ ފުރަތަމަ ޕްރިންޓް ކުރި މިސްކިތެވެ.

ދުބާއީއިން އަންނަނީ ދުނިޔޭގެ ފުރަތަމަ ތުރީޑީ ޕްރިންޓް ޓެކްނޮލޮޖީ މިސްކިތުގެ މަސައްކަތް ކުރަމުންނެވެ. ދުބާއީގެ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓެބަލް އެކްޓިވިޓީސްގެ ހެޑް އިންޖިނިއަރު އަލީ މުހައްމަދު އަލްހަލްޔާން އަލްސުވައިދީ ފާހަގަކުރާގޮތުގައި ސަރުކާރުން ޕްރިންޓުކުރާ މިސްކިތަކީ އެއްފަހަރާ 600 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ތައްޔާރުކުރާ ބޮޑު މިސްކިތެކެވެ.

އަދި މި މިސްކިތް ނިމޭއިރު މިސްކިތުގައި ދެ ފަންގިފިލާ ހުންނާނެ ކަމަށާއި މިސްކިތުގެ ބޮޑުމިނުގައި 2،000 ސްކުއެއާ މީޓަރު ހުންނާނެ ކަމަށް އޭނާ ފާހަގަކުރެއެވެ.

މި މިސްކިތް ބިނާކުރުމަށް ބޭނުންވާ ތައްޔާރީތަކުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މި މިސްކިތް ބިނާކުރުމަށް ހާއްސަ ކޮންކްރީޓް މިކްސްއެއް ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅުގައި ފެށުމަށް ހަމަޖެހިފައިވާއިރު 2025ގެ ތެރޭގައި މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް އަލްހަލްޔާން ފާހަގަކުރެއެވެ.

"ތުރީޑީ ޕްރިންޓް ކޮށްގެން މިސްކިތެއް ބިނާކުރުމަށް އަސްލު ނިންމާފައިވަނީ މީގެ ސަބަބުން ވަރަށް ބޮޑަށް ވަގުތު ސަލާމަތްވެގެން ދާއިރު ވަސީލަތްތައް ބޭނުން ކުރާ ވަރުވެސް މަަދު ވެގެންދާނެތީ،" އަލްހަލްޔާން ވިދާޅުވިއެވެ.

ދުބާއީއިން އަންނަނީ ތުރީޑީ ޕްރިންޓިންގެ ޓެކްނޮލޮޖީއިން ދުނިޔޭގެ ފާހަގަކުރެވޭ ތަނަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން 2030 ވާން ވާއިރަށް އެ ސިޓީގެ އާ އިމާރާތްތަކުގެ 25 ޕަސެންޓް އިމާރާތްތަކަކީ ތުރީޑީ ޕްރިންޓް ކުރެވިފައިވާ އިމާރާތްތަކެއް ކަމުގައި ހެދުމަށް ދުބާއީއިން ވަނީ ސިޔާސަތުތަކެއް ކަނޑައަޅާފައެވެ.

comment ކޮމެންޓް