މިސްކިތްތަކުގައި ދެ ނަމާދު ދޭތެރޭގައި ޤާރީ ކިލާސްތައް ހިންގަން މި ހަފުތާގެ ތެރޭގައި ހުއްދަ ދޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރުގެ ޕޯސްޓުގައި ވަނީ މި ކިލާސްތައް ހިންގުމަށް މި ހަފުތާގެ ތެރޭގައި ހުއްދަ ދެވޭނެ ކަމަށާއި މި ކިލާސްތަކުގައި އިމާމުންނާއި ޤުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދީ ދަސްކޮށްދީ ހެދޭނެ ކަމަށެވެ.
އަދި، މި ކަމަށް ޝައުގުހުރި ފަރާތްތަކުން ފޯމު ހުށައެޅެމަށް ވެސް މި ހަފުތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ އާ މަރުކަޒެއްގެ އިމާރާތް ބިނާކުރުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށް، ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވުނު ޖަލްސާގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.
އަދި، މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް މިހާރަށް ވުރެ ދެ ގުނަ ބޮޑުކުކުރުމަށް ނިންމަވާ އެކަން އިއުލާންކޮށްފައެވެ.