އަމިއްލަ ޚަރަދުގައި މިސްކިތްތައް އެއާކޯން ކުރުމަށްފަހު ބިލް ނުދައްކާ މައްސަލަ ބޮޑުވެފައި ވާކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
ސިޓީ ކައުންސިލުން މިގޮތައް ހާމަކޮށްފައި ވަނީ އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 154ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭގެ މިސްކިތެއް އަމިއްލަ ފަރާތަކުން އޭސީކުރުމަށްފަހު އެއަށް ބޭނުންވާ ކަރަންޓު ޚަރަދު ނުކޮށް ހުންނަތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެފައި ވާކަމަށެވެ.
އޭނާ ވިދާޅުވީ އެ މިސްކިތުގައި އޭސީ ހުރި ނަމަވެސް ކަރަންޓު ދާ ވަރުން އޭސީ ނުޖެއްސޭ ކަމަށެވެ. އަދި މިސްކިތުގައި އޭސީ ހަރުކުރި ފަރާތުން މިހާރު ހުރީ އެކަމާ ޒިންމާވާ ގޮތަށް ނޫން ކަމަށްވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު މިދަންނަވަނީ އެއާކޯން ލާން ޕްރޮޕޯސްކުރާ ބަޔަކު އަސްލު އެކަން ކުރަން ޖެހޭނެއޭ. އެކަހަލަ ކަމަކަށް ގާތްގަނޑަކަށް ދެ ލައްކައެއްހާ ރުފިޔާ އެބަ ހަރަދުވޭ." މޭޔަރު އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އަމިއްލަ ފަރާތަކުން ހުޅުމާލޭ އާސަހަރާ މިސްކިތުގައި ވެސް އޭސީ ކޮށްފައި ވަނީ ހަމައެކަނި ފިރިހެނުން ނަމާދުކުރާ ތަން ކަމަށެވެ. މުޅި މިސްކިތުގައި އެއާކޯން ހަރުކުރަން ހުށައަޅާ މިގޮތައް ކަންތައް ކުރުމަކީ ވަރަށް ބޮޑު ނާއިންސާފެއްކަން ފާހަގަކޮށް މޭޔަރު ވިދާޅުވީ، އަންހެނުންގެ ބައިގައި އޭސީ ހަރުކޮށް ބިލް ދައްކަން މިހާރު ޖެހިފައި ވަނީ ސިޓީ ކައުންސިލަށް ކަމަށެވެ.
އާޒިމް ވިދާޅުވީ އޭސީ ކޮށްފައި ހުންނަ މިސްކިތެއްގެ ކަރަންޓު ބިލަށް މަހަކު 15000އެއްހާ ރުފިޔާ އަރާ ކަމަށެވެ.
އޭނާ ވިދާޅުވީ މިސްކިތަކަށް ވުމުން އެގްރިމެންޓެއް އޮތްނަމަވެސް އެމީހުން ގޮވައިގެން ކޯޓަށް ދެވެން ނޯންނަ ކަމަށެވެ. އެއީ އުނދަގޫ ކަމެއް ކަމަށާއި މިއީ މުސްތަގުބަލުގައި ކައުންސިލުން ވިސްނަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ސިޓީ ކައުންސިލުން އަމަލުކުރި އުސޫލަކީ މިސްކިތްތަކުގައި އޭސީ ހަރުކުރަން ބޭނުންވާ ފަރާތަކުން އޭސީ ހަރުކުރުމަށްފަހު އެއަށް ވަކި މީޓަރެއް ހަރުކޮށް އެ ބިލް އަމިއްލައަށް ދެއްކުމެވެ.