ދަރިން ކުރިމަތީގައި އަނބިމީހާއަށް ބޮޑެތި އަނިޔާތަކެއް ކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓު: ދަރިން ކުރިމަތީގައި އަނބިމީހާއަށް ބޮޑެތި އަނިޔާތަކެއް ކުރި އިންޑިއާ މީހަކު ވަނީ ހައްޔަރުކޮށްފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންހެނެއްގެ ދެ ދަރިންގެ ކުރިމަތީގައި އޭނާއަށް އަނިޔާކުރި ފިރިހެނަކު މާލެއިން އިއްޔެ ހައްޔަރުކޮށްފިއެވެ.

އިންޑިއާއަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ އެ ފިރިހެން މީހާގެ ބަންދަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރު ކޮށްދީފައެވެ. އޭނާގެ މައްޗަށް ތުހުމަތުކުރަނީ ގެވެށި އަނިޔާ ދިނުމުގެ އިތުރުން ބިރުދައްކައި މާރާމާރީ ހިންގައި އިންޒާރު ދިން ކަމަށެވެ.

ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ ވަނީ އަނބިމީހާއަށް ބޮޑެތި އަނިޔާތަކެއް ދީފައެވެ. އަދި އޭނާ އަނިޔާ ކޮށްފައިވަނީ އަނބިމީހާގެ ދެ ދަރިންގެ ކުރިމަތީގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

އެހެންކަމުން އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކާ ވުމުގެ ފުރުސަތު އޮތް އިރު އަނިޔާ ލިބުނު ފަރާތާއި މަންޒަރު ފެނުނު ފަރާތްތަކާ އޮތް ގުޅުމަށް ބަލާއިރު އޭނާގެ މަގާމުގެ ހައިސިއްޔަތުން އެމީހުންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތް ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި ފިރިމީހާ އަނިޔާކުރި ކަމަށް އަނބިމީހާ ވަނީ ފުލުހުންނަށް ބަޔާން ވެސް ދީފައެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ މި މައްސަލައިގެ އިތުރު ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

comment ކޮމެންޓް