ފަހު ވަގުތު ޖެހި ގޯލުން ސެވިއްޔާ އަތުން ޔުވެންޓަސް ސަލާމަތްވެއްޖެ

ގައްޓީގެ ގޯލަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

ޔޫއެފާ ޔޫރޮޕާ ލީގުގައި ފަހު ވަގުތު ޖެހި ގޯލުން ސްޕެއިންގެ ސެވިއްޔާ އަތުން އިޓަލީގެ ޔުވެންޓަސް ސަލާމަތްވެއްޖެއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގު މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ޔުވެންޓަސް އަދި ސެވިއްޔާ އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ 25 ވަނަ މިނެޓުގައި ދެ ޓީމު ވެސް ނުރައްކާކޮށް ފެނިގެންދިޔަ އިރު، ދެ ޓީމުން ވެސް ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން ސެވިއްޔާގެ އާޖެންޓީނާ މިޑްފީލްޑަރު ލޫކަސް އޮކަމްޕޯސްގެ ދެ ހަމަލާއެއް ޔުވެންޓަސްގެ ޕޮލެންޑް ކީޕަރު ވޮޖްސިއެޗް ސެޒްނީ މަތަކުރި އިރު، ޔުވެންޓަސްގެ ސާބިއާ ފޯވަޑް ޑުސާން ވްލަހޮވިޗް ފޮނުވާލި ދެ ހަމަލާއެއް ސެވިއްޔާގެ މޮރޮކޯ ކީޕަރު ޔަސީން ބޯނާ ވަނީ މަތަކޮށްފައެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ސެވިއްޔާ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އޮކަމްޕޯސް ނަގައިދިން ހުރަހަކުން ސެވިއްޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ފޯވަޑް ޔޫސުފް އެން ނަސީރީއެވެ. ޔުވެންޓަސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ނަސީރީއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެވިއްޔާއަށް ލީޑު ފުޅާކޮށްލުމަށް ވެސް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ސެވިއްޔާގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗަށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ ޔުވެންޓަސްގެ ކީޕަރު ސެޒްނީ މަތަކުރި އިރު، އެން ނަސީރީ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސެވިއްޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސް އިން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ޔުވެންޓަސްގެ އިނގިރޭސި ފޯވަޑް ސެމުއެލް އިލިން ޖޫނިއާ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އެންޖެލް ޑި މަރީއާ ދިން ބޯޅައަކުން އިލިން ޖޫނިއާ ފޮނުވާލި ހަމަލާ، ސެވިއްޔާގެ ކީޕަރު ބޯނޯ ވަނީ މަތަކޮށްފައެވެ.

ޔުވެންޓަސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ޕައުޕް ޕޮގްބާ ދިން ބޯޅައަކުން ޔުވެންޓަސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އެޓީމުގެ އިޓަލީ ޑިފެންޑަރު ފެޑެރީކޯ ގައްޓީއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ސެވިއްޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

ސެމީ ފައިނަލުގެ އަނެއް މެޗުގައި ބައްދަލުކުރީ އިޓަލީގެ ރޯމާ އާއި ޖަރުމަންގެ ބަޔާން ލެވަކޫސަންއެވެ. އަމިއްލަ ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ލެގު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރޯމާ އިންނެވެ.

comment ކޮމެންޓް