ކޮންމެ ތަނެއް ހިއްކައިގެން ވިޔަސް މާލޭ ރައްޔިތުންނަށް ގޯތި ދޭންޖެހޭ: ފަލާހު

ހުޅުމާލޭ ޔޮޓް މެރީނާ ތަރައްގީކުރަން ރާވާފައިވާ ސަރަހައްދު --- ފޮޓޯ/ސަން

މާލެއާ ކައިރި ކޮންމެ ފަޅަކުން ހިއްކާފަ ނަމަވެސް މާލޭގެ ރައްޔިތުންނަށް ގޯތި ދެވޭ ކަމުގައި ވަނީ ނަމަ އެކަން ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ ކުރިން ޔޮޓް މެރީނާ ބަނދަރެއް ތަރައްޤީކުރުމަށް ނިންމާފައިވާ ހުޅުމާލޭ ފަޅު، ބޯހިޔާވަހިކަމުގެ ބޭނުމަށް ހިއްކަން ސަރުކާރުން މަސައްކަތް ފެށުމާއި ގުޅިގެން އެކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށްބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅޭގޮތުން ފަލާހް ކުރެއްވި ޓްވީޓެއްގައި ބުނީ މާލޭ ރަށްވެހިންނަށް އެތައް ޒަމާނަކަށް ފަހު ގޯތި ދިނުމަށް ހިއްކަން ހުރި ތަނެއް ހިއްކާ އެކަން ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނާއި އެ ކޯލިޝަނަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން އެކަން އެގޮތަށް ވާން ނޭދޭ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.

ބިން ދިނުމަށް ގޮވާލާ ޓްވީޓާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، މާލޭ ރައްޔިތުންނަށް ގޯތި ނުލިބުމުގެ މައްސަލައަކީ މިހާރު ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، މާލޭ ރައްޔިތަކަށް ގޯތި ނުލިބޭތާ 40 ހަކަށް އަހަރު ވެދާނެ ކަމަށެވެ.

"މާލޭގައި މިހިރަ ގޯތިތައް ބައިކޮށް ކުދިކުދި ތަންކޮޅުކޮޅުގައި އުޅެންޖެހުމުގެ ސަބަބުން މިހާރު މިވަނީ އިޖުތިމާއީގޮތުން ބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހިފަ. 400 ނުވަތަ 500 އަކަފޫޓުގެ ތަންތަނުގައި ދިހަ ބާރަ މީހުން ދިރިއުޅެން ފެށީމައި ދިމާވާ އިޖުތިމާއީ މައްސަލަތައް އެބަހުރި ބައިވަރު. މިކަންކަން ހައްލުވާނީ މާލޭގެ ރައްޔިތުންނަށް ގޯތިދީގެން" ފަލާހް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު މުހައްމަދު ފަލާހު --- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ފަލާހް ވިދާޅުވީ މިފަދަ ކަންކަން މިގޮތަށް ހުރުމުން އޭނާ ގަބޫލު ކުރާ ގޮތުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ބޭނުން ބޮޑު ކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ އެކަން ކުރައްވާނޭ ބޭފުޅެއް ކަމަށާއި، މާލޭގެ ރައްޔިތުންނަށް ގޯތި ދޭ ވާހަކައަކީ ރައީސް އަބަދުވެސް ވިދާޅުވަމުންގެންދަވާ ވާހަކަފުޅެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަކީ ހަރަދުވެސް ބޮޑުކަމެއް. އެކަމަކުވެސް ސަރުކާރުން އެކަން ކުރައްވާނެ. މިހާރުވެސް ބޮޑެތި މަސައްކަތްތަކެއް ސަރުކާރުން އެބަ ކުރައްވާ" ފަލާހް ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ޑރ މުއިއްޒަށް ނިސްބަތްކުރައްވައި ފަލާހް ވިދާޅުވީ، މާލެއަށް ނިސްބަތްވާ މޭޔަރަކަށްވެ ވަޑައިގެން ހުންނަވައި މިހާރު އެ މަނިކުފާނު ދައްކަވާ ވާހަކަފުޅުތަކަކީ މާލޭގެ ރައްޔިތުންނަށް އިހުތިރާމް ކުޑަކުރުން ކަމަށެވެ. މޭލޭގެ ރައްޔިތުންގެ އުއްމީދުތަކަށް ހުރަސްއެޅޭ ފަދަ ވާހަކަ ދައްކަވާ މީހުން ރަނގަޅުވާނީ މާލޭގެ މޭޔަރަކަށް ނުހުންނެވުން ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.

ހުޅުމާލޭ ފަޅު، ބޯހިޔާވަހިކަމުގެ މަޝްރޫޢުއަށް ހިއްކުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މިއީ ލާމަރުކަޒީ ޤާނޫނާ ޚިލާފަށް މާލެ ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ހިންގަންއުޅޭ މަޝްރޫއެއް ކަމަށެވެ.

ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި މަތިން ފެންނަ ފޮޓޯއެއް --- ފޮޓޯ/ ޒިންހުއާ

މާލެ ސިޓީގެ ބިމަށް ބިން އިތުރުކުރުމަކީ އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަން ފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ، ރަނގަޅުކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް، އެކަން ކުރަންވާނީ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެއިން ބޯހިޔާވަހިކަމުގެ ބޭނުމަށް އެ ސަރަހައްދު ހިއްކަން ނިންމުމާ ގުޅޭގޮތުން އާބަންކޯއިން މީގެ ކުރިން ބުނީ ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް އެ ކުންފުންޏާއި ސަރުކާރާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ނުނިމެއެވެ.

comment ކޮމެންޓް