ސުވަރުގޭގައި ފަޤީރުން ގިނަވަނީ ކީއްވެ؟

މީހަކު މަގުމަތީގައި ސަލާން ޖަހަނީ-- ފޮޓޯ: ޝަޓާސްޓޮކް

އިސްލާމްދީނަކީ ދުނިޔޭގެ ދިރިއުޅުމަށް މާބޮޑު ސަމާލުކަމެއްނުދޭ، ފަޤީރު ނިކަމެތި ދިރިއުޅުމަށް ހިތްވަރުދޭ ދީނެއްކަމަށް ދޭހަވާގޮތަށް ވާހަކަދައްކާމީހުން މަދުންނަމަވެސް އުޅެއެވެ. އަދި އެފަރާތްތަކުން އާއްމުކުރާ މިފަދަ - ސޯޝަލްމީޑިއާ - ޕޯސްޓުތަކާމެދު މާބޮޑު ވިސްނުމެއްނެތި އެ ޕޯސްޓުތައް އެކި މަންސަތަކުގައި ފަތުރާ މީހުން ގިނައެވެ. މިފަދައިން ފަތުރާ އެއްޕޯސްޓަކީ 'ސުވަރުގޭގައި އެންމެ ގިނައީ ފަޤީރުން' ކަމަށް އޮންނަ ޙަދީޘެވެ.(ބުޚާރީ: 6449) އެ ޕޯސްޓުގައި ޙަދީޘްގެ ތަފުސީލެއް ނޯވެއެވެ. ވީމާ، މިކަމުގެ ޙަޤީޤަތަކީ ކޮބައިތޯ ބަލައިލަމާހިނގާށެވެ.

އިސްލާމްދީނަކީ ރޫޙާނިއްޔަތާއި އިޖުތިމާޢީ އަދި އިޤްތިޞާދީ މުޢާމަލާތުތައް ހިމެނޭ، ދިރިއުޅުމުގެ ފުރިހަމަ ނިޒާމެކެވެ. އިންސާނާ ބިމުގައި ލައްވަވާފައިވަނީ މައިގަނޑު ދެމަޤްޞަދަކަށްޓަކައެވެ. އެއީ ﷲ ތަޢާލާއަށް އަޅުކަން ކުރުމާއި، ބިން ޢިމާރާތްކޮށް ޚަލީފާއެއްގެ މަސްއޫލިއްޔަތު އަދާކުރުމެވެ. ފަޤީރުކަމާއި ނިކަމެތިކަމާއެކު ދިރިއުޅުމަކީ އިސްލާމްދީނުގައި އެއްވެސް ވަރަކަށް ހިތްވަރުދޭ ކަމެއްނޫނެވެ. އޭގެ ބަދަލުގައި އިސްލާމްދީން ބާރުއަޅަނީ ފަޤީރުކަމުން ސަލާމަތްވެ ތަނަވަސްކަމާއި ފުދުންތެރިކަން ލިބިގަތުމަށެވެ. ޙަލާލު މަގުތަކުން ތަނަވަސްކަން ލިބިގަނެ، އެންމެންގެ މެދުގައި ޢަދުލުވެރިކަމާއެކު އެ ތަނަވަސްކަން ބެހިގެންދިއުމަށެވެ.(ޙަޝްރު: 7) ނަމާދުކޮށް އަވަދިވެއްޖެހިނދު ދިރިއުޅުމުގެ މައިދާނަށް ނުކުމެ، ﷲ ގެ ފަޟުލުވަންތަކަމުން ރިޒުޤަށް އެދި އެ ހޯދުމަށް މަސައްކަތް ކުރުމަށް އަންގަވާފައިވެއެވެ.(ޖުމުޢަ: 10) ހަމަމިއާއެކު، އިންސާނުންނަށްޓަކައި ފަސޭހަ ތަނެއްކަމުގައި ބިން ލެއްވިކަމަށާއި، އެ ބިމުގެ ކަންކޮޅުތަކުގައި ހިނގައި ދަތުރުކޮށް، އަދި އެކަލާނގެ ދެއްވި ރިޒުޤުން ކައި އުޅުމަށް އެންގެވިއެވެ.(މުލްކު: 15) ޒަކާތް ވާޖިބުކުރައްވައި، ޞަދަޤާތާއި ހަދިޔާއަކީ ލޮބުވެތިވެގެންވާ، ސަވާބު ހުރި ކަންތައްތައްކަމުގައި ލެއްވެވުމުގެ އެއްޙިކުމަތަކީވެސް ވަކިވަކި ފަރުދުންނާއި ޢާއިލާތަކާއި ޖަމާޢަތުގެ ފުދުންތެރިކަން ދެމިގެން ދިއުމެވެ.

ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވިޔަފާރިކޮށް ތަނަވަސްކަން ހޯދުމަކީ ވަރަށް ބޮޑަށް ހެޔޮވެގެންވާ ކަމެއްކަން ނަބަވީ ބަސްފުޅުން އެނގެއެވެ. ތެދުވެރި އަމާނާތްތެރި ވިޔަފާރިވެރިޔާ ޤިޔާމަތްދުވަހުގައި ވާހުށީ ނަބީންނާއި ޞިއްދީޤުންނާއި އަދި ޝަހީދުންނާއެކުގައިކަމަށް ޙަދީޘްގައިވެއެވެ.(އިބުނު މާޖާ: 2139) ފަޤީރުކަމާއި ނިކަމެތި ކަމަކީ މުޞީބާތެއްކަމާއި އެކަމުން ސަލާމަތްކުރައްވާތޯ ދުޢާކުރަންޖެހޭކަންވެސް ސުންނަތުން ސާފުކޮށް އެނގެއެވެ. އެގޮތުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ތަފާތު ދުޢާތަކުގެތެރޭގައި މި ދުޢާތައް ހިމެނެއެވެ. اللهم إني أعوذُ بك من الكُفر والفقر (ނަސާއީ: 1347) 'އޭ ﷲ! ކާފިރުކަމާއި ފަޤީރުކަމުން ސަލާމަތްކޮށްދެއްވުމަށް އިބަ އިލާހުގެ ޙަޟުރަތުގައި މިއަޅާ ދަންނަވަމެވެ.' اللهم إني أعوذُ بكَ منَ الهمِّ والحزَنِ، وأعوذُ بكَ منَ العجزِ والكسلِ، وأعوذُ بكَ منَ الجُبنِ والبخلِ ؛ وأعوذُ بكَ مِن غلبةِ الدَّينِ وقهرِ الرجالِ (ބުޚާރީ: 6363) އޭ ﷲ! ހަމަކަށަވަރުން، ފިކުރުބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދުންތެރިކަމުންނާއި، ކަންނެތްކަމުންނާއި، ބަޚީލުކަމުންނާއި، ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މިއަޅާގެ މައްޗަށް (ނުޙައްޤުން) ގަދަވެގަތުމުން މިއަޅާ ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ.' އަދި މީގެ އިތުރުންވެސް، ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ދެއްވުން އެދިވަޑައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާކުރެއްވިއެވެ.

އިސްލާމްދީން މުއުމިނުންނަށް ބާރުއަޅަނީ އުފެއްދުންތެރި އިޤްތިޞާދީ ހަރަކާތްތަކުގައި ބައިވެރިވެ، އެމީހުންގެ ހުނަރާއި ޤާބިލިއްޔަތު ފުރިހަމަގޮތުގައި ބޭނުންކުރުމަށެވެ. އެއީ އަމިއްލަ މަންފާއާއި މުޖުތަމަޢުގެ ލާބައަށްޓަކައެވެ. ގަނެވިއްކުމާއި، ކުއްޔަށް ދިނުމާއި، ޢާރިޔާގެ ގޮތުގައި ތަކެތި ދިނުމާއި އަދި ހެޔޮގޮތުގައި ދެވޭ ދަރަނިފަދަ މުޢާމަލާތުތައް ޝަރަޢަކުރައްވާފައިވަނީ މިހެންވެގެންނެވެ. ނަބީކަން ލިބިވަޑައިގެންނެވުމުގެ ކުރީން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ވިޔަފާރި ކުރެއްވުމުގެ ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމުގައި އެކަލޭގެފާނު ވަނީ އެންމެ މަތިވެރި ނަމޫނާ ދައްކަވާފައެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމުގައެވެ. ޢަދުލުރިކަމާއި މަސައްކަތުގެ އަޚުލާޤުގައިވެސްމެއެވެ. އިސްލާމްދީނުގައި މުއްސަނދިކަމަކީ އޭގެ ޒާތުގައި ނުބައިކަމެއްކަމުގައި ނުދެކެއެވެ. އޭގެ ބަދަލުގައި، އިސްލާމީ އަޚުލާޤުގެ މަތީގައި ތަނަވަސްކަން ހޯދުމަށާއި އެ ތަނަވަސްކަމުގައި ހިމެނޭ އެހެން މީހުންގެ ޙައްޤުތައް އަމާނާތްތެރިކަމާއެކު އަދާކުރުމަށް އަންގަވާފައިވެއެވެ.

ދުނިޔޭގެ ތަނަވަސްކަން ލިބިގަތުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވެއެވެ. އޭގެތެރޭގައި؛ ޙަރާމް މަގުތަކުން މަންފާ ނުހޯދުމާއި، ދަހިވެތިނުވެ އަދި އިސްރާފުވެސް ނުކޮށް، ހޭދަކުރުމުގައި މެދުމިންވުމާއި، ޙަރާމް ކަންކަމުގައި ހޭދަނުކުރުމާއި، ޒިންމާދާރުވުމާއި ޝުކުރުވެރިވުމާއި އަދި މުދަލަކީ ﷲ ގެ އަމާނާތެއްކަމަށް ޤަބޫލުކުރުންފަދަ ކަންކަން ހިމެނެއެވެ. ރިބާ ޙަރާމް ކުރެއްވުމުގެ އެއްޙިކުމަތަކީވެސް ފަޤީރުކަމާއި އަދި ނަހަމަ މުއްސަނދިކަން ނައްތައިލުމެވެ.

ސުވަރުގޭގައި އެންމެ ގިނައީ ފަޤީރުންކަމަށް އޮންނަ ޞައްޙަ ޙަދީޘަށް ބަލާއިރު، އެބައިމީހުން ސުވަރުގެއަށް ވެއްދެވުމުގެ ސަބަބަކީ އެމީހުން ދުނިޔެމަތީގައި ފަޤީރުންކަމުގައިވުމެއްނޫނެވެ. އޭގެ ސަބަބަކީ އެމީހުން ނިކަމެތި ފަޤީރުންކަމުގައިވީހާލު، އެކަމަށް ކެތްތެރިވެ ﷲ އަށް ކިޔަމަންތެރިކަމާއެކު ހެޔޮ ޢަމަލުކުރުމުގައި ދެމިތިބުމެވެ. ﷲ ގެ ނިޔާފުޅަށް ފުރިހަމައަށް ރުހި ޤަބޫލުވުމެވެ. މިއާޚިލާފަށް، އެމީހުންނަކީވެސް ﷲ އަށް އުރެދިފައިވާ ފާޖިރުންކަމުގައިވާނަމަ، އެމީހުންގެ ފަޤީރުކަމަކީ ސުވަރުގެއަށް އެމީހުން ގެންދާނެ ސަބަބެއްކަމުގައެއްނުވާނެއެވެ. ޙަދީޘްގައި އެވަނީ، ﷲ ގެ ޙިކުމަތްވަންތަކަމުން ބައެއްމީހުން ފަޤީރުންކަމުގައި ލެއްވިނަމަވެސް، އެބައިމީހުން އެކަމަށް ކެތްތެރިވެ މުއުމިނުންގެ ގޮތުގައިވީނަމަ، އާޚިރަތުގައި އެބައިމީހުންނަށް ހުރި ނިޢުމަތުގެ އުފާވެރި ޚަބަރެވެ. އެ ޙަދީޘަކީ އެއްވެސް ހާލެއްގައި ފަޤީރުކަމަށް އިސްލާމްދީން ބާރުއަޅާކަމަށް އޮތް ދަލީލެއްނޫނެވެ. އިސްލާމްދީނަކީ ރޫޙާނީ ކުރިއެރުމާއެކު މާއްދީ ތަރައްޤީ ހޯދުމަށް ގޮވައިލާ، ވަޒަންހަމަ ދިރިއުޅުމަކަށް މަގުދައްކައިދޭ އެންމެ ފުރިހަމަ ދީނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް