އިމްރާން ހާން ދޫކޮށްލަން ޕާކިިސްތާނުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން -- ފޮޓޯ/ގެޓީ އިމޭޖަސް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ހައްޔަރުން ދޫކޮށްލަން އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.

ޕާކިސްތާނުގެ މަޝްހޫރު ޓީވީ ޗެނަލް، ޖިއޯޓީވީއާ ހަވާލާދީ ރޮއިޓާސް ނޫހުގައިވާ ގޮތުގައި އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ އިމްރާން ހާން ދޫކޮށްލަން ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯ (އެންއޭބީ)ގެ މައްޗަަށް އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން މި އަމުރު ބާތިލުކުރީ އިމްރާންގެ ފަރާތުން ހައްޔަރު އަމުރު އިސްތިއުނާފުކުރުމާ ގުޅިގެންނެވެ. އެ އަމުރު ބާތިލުކުރުމަށް ފަހު ފަނޑިޔާރުން ވަނީ ގަޑިއިރެއްގެ ތެރޭގައި އިމްރާން ހާން ސުޕްރީމް ކޯޓަށް ހާޒިރުކުރަން ވެސް އަމުރުކޮށްފައެވެ.

އިމްރާން ހާންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގުކުރަމުން އަންނަ އެންއޭބީން އިމްރާން ހާން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހެވެ. މި ހައްޔަރާ ގުޅިގެން ޕާކިސްތާނުގެ މަސްރަހު ހަލަބޮލިވެ، އިމްރާން ހާނާއި އެ މަނިކުފާނުގެ ޕާޓީ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި)ގެ ސަޕޯޓަރުން އަންނަނީ މަގުމަތީގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.

https://sun.mv/177235

މުޒާހަރާތައް ހޫނުވެ ޕާކިސްތާނު ސަރުކާރަށް އެންމެ ފަހުން މަޖުބޫރުވީ އަމަން ބަލަހައްޓަން އަސްކަރިއްޔާ މަގުމައްޗަށް ނެރޭށެވެ. އެފަހުން ވެސް އިމްރާންގެ ސަޕޯޓަރުންނާއި ފުލުހުންނާއި ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ.

އިމްރާނާއި އޭނާގެ ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި އިމްރާންގެ އިސްތަށިފުޅުގައި ކޮރަޕްޝަންގެ މައްސަލަތައް އަޅުވަނީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ސަރުކާރުގެ ރޭވުމެއްގެ ދަށުންނެވެ. ނަމަވެސް، އެ ގައުމުގެ ސަރުކާރުން މި ވާހަކަތައް ދޮގުކުރެއެވެ.

comment ކޮމެންޓް