12 އަހަރަށް ފަހު ސައުދީން ސޫރިއާއަށް ސަފީރަކު ކަނޑައަޅައިފި

ބާރަ އަހަރަށްފަހު ސައުދީ އަރަބިއާއިން ވަނީ ސޫރިއާއަށް ސަފީރަކު ކަނޑައަޅާފައި -- ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

ބާރަ އަހަރަށް ފަހު ސައުދީ އަރަބިއާއިން ސޫރިއާއަށް ސަފީރަކު ކަނޑައަޅައިފިއެވެ.

ސައުދީން ސޫރިއާއަށް ކަނޑައަޅާ އާ ސަފީރަކަށް ހަމަޖެއްސީ ފައިސަލް މުޖްފެލްއެވެ.

އެމްބެސެޑަރު ހަމަޖައްސައިފައިވަނީ ދެ ގައުމުގެ ގުޅުން ކެޑިފައި އޮންނަތާ ގާތްގަޑަކަށް 10 އަހަރު ދުވަހަށް ފަހު، ދެ ގައުމުގެ ޚާރިޖީ ގުޅުން އަލުން ފެށިތާ ދުވަސްކޮޅެއް ފަހުންނެވެ.

ސޫރިއާއަށް ކަނޑައެޅި ސަފީރު ފައިސަލް މުޖްފެލްއަކީ ސައުދީގެ އަސްކަރިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ 2019 ވަނަ އަހަރު މޭޖާ ޖެނެރަލްގެ ރޭންކަށް ވެސް ޕްރޮމޯޓްވެފައެވެ.

އެންމެ ފަހުން އޭނާ ހުންނެވީ ސައުދީން ކެމަރޫންއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ.

ސައުދީ އަރަބިއްޔާއިން ދިމިޝްގުގައި ހުންނަ އެމްބަސީ ބަންދުކުރީ ސޫރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުން ހުއްޓުވި، ޑިމޮކްރަސީއަށް ތާއީދުކުރާ މުޒާހަރާތައް ސޫރިއާގައި ފެށިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުންނެވެ.

ސައުދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން ވަނީ މިދިޔަ މަހު ސޫރިއާއަށް ވަޑައިގެންފައެވެ. އޭގެ ކުރިން ސޫރިއާގެ ޚާރިޖީ ވަޒީރު ފައިސަލް މިގްދާދު ސައުދީއަށް ވެސް ދަތުރެއް ކުރައްވައިފައެވެ.

comment ކޮމެންޓް