ބާލިން (8 ޖުލައި 2024): ސޫރިޔާއާ އެކު ގޯސްވެފައިވާ ގުޅުންތައް ރަނގަނޅުކުރުމަށްޓަކައި ރައީސް ބައްޝާރުލް އަސަދާ ބައްދަލުކުރަން ތައްޔާރަށް ހުންނެވި ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
ޖަރުމަނުގައި ކުރިޔަށްދާ ޔޫއެފާ (ޔުނިޔަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަންސް) ޔޫރޯގެ ކުއާޓާ ފައިނަލްގައި ތުރުކީއާއި ނެދަލޭންޑްސް ކުޅު މެޗު ބައްލަވާލެއްވުމަށް ޖަރުމަނަށް ކުރެއްވި ދަތުރުފުޅަށް ފަހު ޖަރުމަނުން ފުރާވަޑައިގެން ތުރުކީއަށް ކުރެއްވި ދަތުރުގައި މަތިންދާބޯޓުގައި ދެއްވި ބަޔާނެއްގައި އުރުދުޣާން ވިދާޅުވީ، ތުރުކީއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމުގެ ދައުވަތު ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ދޭން ނިންމަވާފައިވާ ކަމަށާއި ކޮންމެ ވަގުތަކު ވެސް މި ދައުވަތު ބައްޝާރަށް ލިބިވަޑައިގެންފާނެ ކަމުގައެވެ.
ބައްޝާރަށް މި ދައުވަތު ދިނުމުގެ ބޭނުމަކީ ސޫރިޔާއާ އެކު ގޯސްވެފައިވާ ގުޅުންތައް އަލުން ރަނގަނޅުކޮށް 2011 ވަނަ އަހަރު ދެ ގައުމުގެ ގުޅުންތައް ކެނޑުމުގެ ކުރިން އެ ގުޅުންތައް އޮތް ބަދަހި ހާލަތަށް ގެންދިއުން މަސައްކަތް ކުރުން ކަމަށް އުރުދުޣާން ވިދާޅުވިއެވެ.
އުރުދުޣާން ވިދާޅުވީ، ތުރުކީ މިހާރު އޮތީ ސޫރިޔާއާ އެކު ގުޅުންތައް ބަދަހިކޮށް ކުރީގެ ހާލަތަށް އެނބުރި ދާން ތައްޔާރަށެވެ. ސޫރިޔާގެ ފަރާތުން ރައީސް ބައްޝާރު މި ގޮތަށް ނިންމަވައިފިނަމަ ދެ ގައުމުގެ ގުޅުންތަށް ބަދަހި ކުރުމަށް ދެން އެޅޭނެ ހުރަހެއް ނޯންނާނެ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.
ސޫރިޔާގައި ދާޚިލީ ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށް ސޫރިޔާގެ ސަރުކާރު ވައްޓާލުމަށްޓަކައި އައިއެސް ޖަމާއަތާއި އެ ނޫން ވެސް ޓެރަރިސްޓް ޖަމާއަތްތަކުގެ ޓެރަރިސްޓުން ސަރަހައްދީ ރޮނގު ހުރަސްކޮށް ސޫރިޔާގެ އުތުރަށް ވެއްދުމާއި އެމެރިކާއާ ގުޅިގެން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ހަތިޔާރުދީ ސޫރިޔާގެ ބޮޑުބައި ހަލާކުކޮށްލުމުގައި އުރުދުޣާންގެ ދައުރު ވަރަށް ބޮޑުކަމަށް ސޫރިޔާގެ ސަރުކާރުން ބުނެއެވެ.
ކުރިން 2011 އިން ފެށިގެން 2018 އަށް ހިނގި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ތުރުކީއާއި އެމެރިކާ ގަލްފުގެ ގައުމުތައް އަދި ޔޫރަޕް ގުޅިގެން އެހީތެރިވެދިނީ ބައްޝާރުގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށް ހަނގުރާމަކުރި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށެވެ. ރަޝިއާއާއި އީރާން އަދި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ވާގިވެރިވީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. އެ ސަރުކާރު ދެމެހެއްޓުމަށެވެ.
މި ކަމަށްޓަކައި ތުރުކީގެ ލަޝްކަރުތައް ސޫރިޔާގެ އުތުރަށް ވަދެގެންފައިވާއިރު ރަޝިއާއާއި އީރާން ވަނީ ސޫރިޔާ ސަރުކާރުގެ ހުއްދައާ އެކު އެ ސަރުކާރުގެ ދިފާއުގައި އަސްކަރީ ގޮތުން ސޫރިޔާއަށް ވަދެގެންފައެވެ. ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް ކުރި ސޫރިޔާގެ ދާޚިލީ ހަނގުރާމަ ރަސްމީ ގޮތުން އަދިވެސް ނިމުމަކަށް ނާދެއެވެ.
ނަމަވެސް، 2018 އަށްފަހު އަމަލީގޮތުން ހަނގުރާމަ ވަނީ ހުއްޓުމަކަށް އައިސްފައެވެ. ތުރުކީގެ އެހީއާ އެކު ސޫރިޔާގެ އުތުރަށް ވަދެގަތް އައިއެސް ޖަމާއަތާއި އަލްގައިދާގެ ހަނގުރާމަވެރިންގެ އެތައް ހާސް ބަޔަކު އަދިވެސް ސޫރިޔާގެ އުތުރުގެ އިދްލިބް ސަރަހައްދުގައި އެބަތިއްބެވެ.
އީރާނާއި ހިޒްބުﷲ އަދި ރަޝިއާގެ އިތުރުން ސޫރިޔާ ސިފައިންގެ ގަދަފަދަ ހަމަލާތަކުގެ ސަބަބުން އެމެރިކާގެ މަދަދު ލިބުނު ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކާއި އައިއެސްއާއި އަލްގާއިދާގެ ބާރުތައް ސޫރިޔާގައި ބަލިކޮށްލެވުނުއިރު ސޫރިޔާގެ ތިންބައިކުޅަ ދެ ބައި ވަނީ ހަލާކުވެ، ސުންނާފަތި ވެފައެވެ. ސޫރިޔާގެ ފަސް ލައްކައަށް ވުރެ ގިނަމީހުން މަރުވެ، 10 މިލިއަނަށް ވުރެ ގިނަ މީހުންވަނީ ރެފިއުޖީންނަށް ވެފައެވެ. ރެފިއުޖީންގެ ގޮތުގައި އެންމެ ގިނަ ބަޔަކު ހިޖުރަކުރީ ތުރުކީއަށެވެ.
އަށް އަހަރުގެ ދިގުލީ މި ހަނގުރާމައިގައި އެންމެ ފަހުން އީރާނާއި ރަޝިއާ އަދި ހިޒްބުﷲ ގެ އެހީއާ އެކު ސޫރިޔާގެ ސަރުކާރު ވަނީ ކާމިޔާބު ހޯދާފައެވެ. ސޫރިޔާގެ ތިން ބައިކުޅަ ދެބައި ހިފައިގެން ތިބި އިދިކޮޅު ހަނގުރާމަވެރިންނާއި އަލްގާއިދާއާއި އައިއެސްގެ ހަނގުރާމަވެރިންގެ އަތްދަށުން ސޫރިޔާގެ ބިމުގެ ބޮޑުބައި މިނިވަންކޮށް އެ ތަންތަން އަލުން އަނބުރައި ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމުގައި ބައްޝާރުގެ ސަރުކާރުވަނީ ކާމިޔާބު ހޯދާފައެވެ.
ނަމަވެސް، އެމެރިކާއާއި ޔޫރަޕުން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ސޫރިޔާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތްވަނީ ކުރެވޭގޮތް ނުވެފައެވެ. އަދި، ސޫރިޔާގައި ސުލްހަ ގާއިމުކުރެވިފައެއް ވެސް ނުވެއެވެ. ރަސްމީ ސިފައެއްގައި ހަނގުރާމަ ނިމިފައެއް ވެސް ނުވެއެވެ.
ސޫރިޔާގެ މި ހަނގުރާމައިގެ ތެރެއިން އެމެރިކާ ސިފައިންވަނީ ސޫރިޔާގެ ކުރުދީ ބާޣީންނާ ގުޅިގެން ޣައިރު ގާނޫނީ ގޮތެއްގައި ސޫރިޔާގެ އިރުއުތުރުގެ ތެލުގެ މުއްސަނދިކަން އެންމެ ބޮޑު ސަރަހައްދަށް އަރައި އެ ތަން ހިފާފައެވެ. އެ ތަނުގައިވާ ތެލުގެ ޚާޒާނާއިން އެމެރިކާއިން ވައްކަން ކުރަމުން ގެންދާކަން ސޫރިޔާ ސަރުކާރުންވަނީ ތުހުމަތުކޮށްފައެވެ.
އެމެރިކާއާއި ޔޫރަޕާއި ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ބައްޝާރުގެ ސަރުކާރު ވައްޓާނުލެވުމުން އުރުދުޣާން ވަނީ ސިޔާސަތު ބަދަލުކޮށް ބައްޝާރުގެ ސަރުކާރާ ގާތްވުމުގެ ސިޔާސަތެއް ގެންގުޅެން ފައްޓަވާފައެވެ. މި ގޮތުން ސޫރިޔާއާ ގާތްވުމަށް އުރުދުޣާންވަނީ އެތައް ފިޔަވަޅެއް އަޅުއްވާފައެވެ.
ނަމަވެސް، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވަނީ ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކަށް ގަވައިދާ ޚިލާފަށް ވަދެގަނެގެން އުޅޭ ތުރުކީ ސިފައިން އެ ތަންތަނުން ފޭބުމުގެ ކުރިން އުރުދުޣާނާ ބައްދަލުކުރަން ވެސް އަދި ތުރުކީއާ އެކު އެއްވެސް ގުޅުމެއް ގާއިމުކުރަން ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ.