ސްކްރީނަށް ބަލަމުން ނޫނީ މިހާރު ނުވެސް ކެވޭ

ކުރީގެ ކެއުމުގެ އާދަތަކާ އަޅާ ބަލާނަމަ ޒުވާނުންގެ ކެއުމުގެ އާދަތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ތަފާތު މީޑިއާތައް ބޭނުންކުުރުމަށް ފަސޭހަ ވެފައިވާ މިންވަރުގެ ސަބަބުން ސްކްރީނަކީ މިހާރު ކެއުމުގެ އާދަތަކުގެ އެެންމެ ގާތް އެކުވެރިއެވެ. އަދި, މިހާރު ކާ ވަގުތު އެއްޗެއް އަޅުވައިގެން ބަލައި ނުލެވޭ ނަމަ ގިނަ މީހުންނަށް އެއްޗެއް ނުވެސް ކެވެއެވެ.

މީގެ ކުރީން ކެއުމުގެ ވަގުތަކީ އާއިލާ އެކުގައި ދިމާވާ ވަގުތެވެ. އެކަމަކު، މިހާރު ކެވެނީ ކޮންމެ ވެސް ޓީވީ ޝޯއެއް، ފިލްމެއް އަޅުވައިގެން ނުވަތަ ޔޫޓިއުބް އަޅުވައިގެންނެވެ. މިއިން އެއްޗެއް ބަލަމުން ނޫނީ މިހާރު ނުވެސް ކެވެނީއެވެ.

ގެންގުޅޭ ފޯނުތަކަކީ ފަސޭހައިން މީޑިއާތަކަށް ވަދެލެވޭ އެއްޗަކަށް ވުމުން ކޮންމެ ވަގުތެއްގައި ވެސް އެއްޗެއް ބަލާލުމަށް މިހާރު މާ އުނދަގުލެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ކާ ވަގުތު ކޮންމެ ވެސް އެއްޗެއް ފޯނުން އަޅުވާލެވޭ ގޮތް ވެއެވެ.

ކާން އިންނަ ވަގުތު އެކި މީހުން ބަލައި އުޅެނީ އެކި އެއްޗެއްސެވެ. އެއްބައި މީހުން ބަލައި އުޅެނީ ކޮމެޑީ ޝޯތަކެވެ. އަނެއް ބަޔަކު ޑޮކިއުމެންޓަރީ ވެސް ބަލައި އުޅެނީ ކާ ވަގުތެވެ.

"އާންމުކޮށް ކާއިރު ބަލަނީ، ބެކްގްރައުންޑް ނޮއިސް އެއްގެ ގޮތުގައި ބޭނުން ކުރެވޭނެ އެއްޗެހި. މާ ބޮޑަށް ސިކުނޑި ބޭނުން ނުކޮށް ބަލައި ލެވޭ އެއްޗެހި ކާ އިރު ބަލަނީ،" ކާއިރު އާންމުކޮށް "ފްރެންޑްސް" ބަލާ ޒުވާނަކު ބުންޏެވެ.

މުހިއްމު ޝޯއެއް ނުވަތަ ފިލްމެއް ނަމަ އެއަށް ސަމާލުކަން ދޭން ޖެހެއެވެ. އެހެންވީމާ ކާ ވަގުތު ޝޯއަށް އެހާ ބޮޑަށް ސަމާލުކަން ނުދިނުމަށް އެފަދަ އެއްޗެހި ނުބަލާ ކަމަށް އޭނާ ކިޔައިދިނެވެ.

ކޮންމެއަކަސް މިއީ ގިނަ ބައެއްގެ އާދައެކެވެ. އެކަމަކު މިއީ އެންމެ ރަނގަޅު އާދަ ނޫން ކަމަށް ބައެއް މީހުން ގަަބޫލު ކުރެއެވެ. މިޝިގަން ސްޓޭޓް ޔުނިވާސިޓީން ކުރިއަށް ގެންދިޔަ ދިރާސާއަކުން އެނގޭ ގޮތުގައި އެއްޗެހި ބަލަމުން މީޑިއާ ބޭނުން ކުރާނަމަ އޭގެ ސަބަބުން ބައެއް ކަހަލަ ގެއްލުންތައް ލިބެއެވެ.

މިޝިގަން ސްޓޭޓް ޔުނިވާސިޓީއިން 2019ވަނަ އަހަރު ކުރިއަށް ގެންދިޔަ އެ ދިރާސާއިން ހާމަވެފައިވާ ގޮތުގައި އެއްޗެއް ބަލަމުން ކާ ނަމަ އާންމު ކޮށް ކާ މިންވަރަށް ވުރެ 150 ކެލޮރީ އިތުރަށް ބޭނުން ކުރެވެއެވެ. އެންމެ ބޮޑު މައްސަލަ އަކީ އެހެން އިނދެގެން މާ ގިނައިން ކެވުމެވެ. ކެވޭ ވަރު ނޭނގެނީއެވެ. ނަތީޖާއަކަށް ވަނީ އެކަށީގެންވާ ވަރަށް ވުރެ ގިނައިން ކެވުމެވެ. އެހެންވީމާ ކެލޮރީ ބޭނުން ކުރެވޭ މިންވަރު ވެސް އިތުރުވެއެވެ.

އާންމުކޮށް ޝޯތައް ބަލަމުން ކާ ނަމަ ކާން އިންނަ ވަގުތު އިތުރުވެއެވެ. އެޕިސޯޑެއް ނިންމާލާފައި ނޫނީ ގިނަ ފަހަރަށް ކެއުން ނިންމައެއް ނުލާނެއެވެ. އެހެންވީމާ ކެވޭ މިންވަރު ވެސް އިތުރުވަނީއެވެ.

އެހެންވީމާ ކެއުމަށް ހޭދަވާ މިންވަރު ކުޑަކޮށް އެއްޗެހި ބެލުމުގެ އާދައާ މެދު ކޮންމެ ވެސް ވަރަކަށް ވިސްނައި މި އާދައަށް ބަދަލުތަކެއް ގެނައުން ވަރަށް މުހިއްމެވެ.

comment ކޮމެންޓް