ޔާމީންގެ ލަފާފުޅަށް ޕީޕީއެމުން ނަޝީދާ އެކު މަޝްވަރާކޮށްފި

އިދިކޮޅު ޕީޕީއެމުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ބޭއްވި ބައްދަލުވުން -- ފޮޓޯ/ އަބްދުއްރަހީމް އަބްދުﷲ

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ލަފާފުޅަށް އިދިކޮޅު ޕީޕީއެމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އެކު މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މަނީލޯންޑްރިންއާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު ޔާމީން ވަނީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ އެންމެހާ ބޭފުޅުންނާ އެކު މަސައްކަތް ކުރަން ޕީޕީއެމްގެ ލީޑާޝިޕަށް ލަފާ ދެއްވައިފައެވެ.

އެ ލަފާފުޅުގެ މަތިން އެ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މިއަދު ވަނީ ނަޝީދާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ. އެ މަނިކުފާނާ އެކު މި މަޝްވަރާގައި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު މުހައްމަދު ރަޝާދު ވެސް ވަނީ ބައިވެރިވެލައްވައިފައެވެ.

ބައްދަލުވުމަށް ފަހުގައި "ސަން"އާ ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މި ބައްދަލުވުމަކީ އިމުގެ މައްސަލައިގައި އެކުގައި މަސައްކަތް ކުރެވޭނެތޯއާއި އެ މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

"ރައީސް ޔާމީންގެ އިރުޝާދާ އެއްގޮތަށް އަޅުގަނޑުމެން މި ގެންދަނީ ޗާގޯސް މައްސަލައިގައި އެކުގައި މަސައްކަތް ކުރެވޭނެ އެންމެހާ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން،" އޭނާ ވިދާޅުވިއެވެ.

"މިއަދު އެއްވެސް ނިންމުމެއް ނުނިންމަން، އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރެވިދާނެތޯ މި މަޝްވަރާ ކުރެވުނީ. އަދި އަޅުގަނޑުމެން ދާނީ އެންމެންނާ ވެސް މަޝްވަރާ ކުރަމުން، އެއަށް ފަހުގައި ކުރިއަށް ދާނެ ގޮތަކާއި، ކުރާނެ ކަމަކާއި ތާރީހެއް ކަނޑައަޅާނީ،"

އިމުގެ މައްސަލައިގައި ނަޝީދު ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި، ޗާގޯސްއަކީ ދިވެހިންގެ ތަނެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ.

https://sun.mv/177008

ސަރުކާރާ ފެޔަށް ޖެހި އެމްޑީޕީ ތެރޭގައި ވަކި ހަރަކާތެއް ހިންގަވަން ފައްޓަވާފައިވާ ނަޝީދުގެ ފަރާތްޕުޅުން މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ޕީޕީއެމާ އެކު މަޝްވަރާ ކުރައްވައިފައެވެ. އެ ދުވަހުގެ ބައްދަލުވުމުގައި އެމްއެންޕީއާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވެސް ވަނީ ބައިވެރިވެފައެވެ.

ރާއްޖެއިން ވަކާލާތު ކުރި ގޮތަށް އިޓްލޮސްއިން ނިންމި ނަމަވެސް ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ތުހުމަތު ކުރައްވައި ސަރުކާރާ ދެކޮޅު ޕާޓީތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަމުން އަންނަނީ އެ ސަރަހައްދު އެއްކޮށް ލިބެންވާނީ ރާއްޖެއަށް ކަމަށް ބުނެއެވެ.

comment ކޮމެންޓް