ވަޓްސްއެޕުން ފޮނުވާ މެސެޖު، ފަހުން އެޑިޓްކުރެވޭ ފީޗާއެއް ޓެސްޓުކުރަނީ

ވަޓްސްއެޮޕް: -- ފޮޓޯ/ ބްލޫމްބާގް

ވަޓްސްއެޕުން ފޮނުވި މެސެޖެއް، ފަހުން އެޑިޓްކުރެވޭ ފީޗާއެއް ވަޓްސްއެޕްގެ ވެބް ވާޝަންގައި ޓެސްޓްކުރަމުންދާ ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ.

މީގެ ކުރިން ވަޓްސްއެޕުން ވަނީ މެސެޖެއް އެޑިޓް ކުރުމުން، އެ މެސެޖަށް ބަދަލު ގެނެސްފައިވާކަން އަންގައިދޭ ޕޮޕްއަޕް އެލާޓެއް ތައްޔާރުކުރުމުގެ މަސައްކަތްކޮށްފައެވެ. އަދި މިހާރު ވަޓްސްއެޕުން ވަނީ ޓެކްސްޓް މެސެޖެއް ފޮނުވުމަށްފަހު އެ މެސެޖެއް ބަދަލުކުރުމުގެ ގާބިލުކަން ބައެއް ބީޓާ ޓެސްޓަރުންނަށް ތައާރަފުކޮށްފައެވެ.

ވަޓްސްއެޕް ވެބްގެ ވާޝަން 2.2319.9 ގައި އާ ފީޗާއެއް ހިމެނޭ ކަމަށް ވަޓްސްއެޕް ފީޗާ ޓްރެކާ ޑަބްލިއުއޭބީޓާއިންފޯއިން ބުނެފައިވާއިރު، ވަޓްސްއެޕް ވެބް ކްލައިންޓްގެ މި ވާޝަން ހިންގަމުން އަންނަ ކަސްޓަމަރުންނަށް ރައިޓް ކްލިކް މެނޫގައި އާ އެކްޝަން އެޑިޓް މެސެޖެއް ފެންނާނެއެވެ. ނަމަވެސް އެ ފީޗާ އަދި ޚާއްސަކޮށްފައި ވަނީ ޓެކްސްޓް މެސެޖުތަކަށެވެ. މިފީޗާ ވަޓްސްއެޕްގެ ހުރިހާ ޔޫޒަރުންނަށް ލިބޭނީ އަދި ކިހާދުވަހަކުން ކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ކަމާ ބެހޭ މައުލޫމާތު އެނގޭ ފަރާތްތަކުން ހިއްސާކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު މެސެޖެއް ފޮނުވުމަށް ފަހު އެޑިޓް ކުރަން ލިބޭނީ އެންމެ ފަސް މިނެޓެވެ. ނަމަވެސް އެ ފަސްމިނިޓްގެ ތެރޭގައި އެތައް ފަހަރަކު މެސެޖެއް އެޑިޓް ކުރެވޭނެ ކަމަށާއި މެސެޖުތައް އެޑިޓް ކުރުމަކީ އަމިއްލަ ޗެޓްތަކާއި ގްރޫޕްތަކަށްވެސް ލިބޭނެ ފީޗާއެއް ކަމަށް ޑަބްލިއުއޭބީޓާއިންފޯ އިން ބުނެއެވެ.

މިދިޔަ އަހަރު އައިއޯއެސް 16 ނެރުނުއިރު އެޕަލް އިން މެސެޖް އެޕް މެދުވެރިކޮށް ފޮނުވާ މެސެޖުތައް 15 މިނެޓުގެ ތެރޭގައި އެޑިޓް ކުރުމުގެ ފުރުސަތު ތައާރަފުކުރި ނަމަވެސް ކޮންމެ ލިޔުމެއް އެޑިޓް ކުރެވޭނީ އެންމެ ފަސް ފަހަރަށެވެ.

މެސެޖުތައް އެޑިޓް ކުރުމުގެ ގާބިލުކަން މިހާރު ލިބެނީ ވަޓްސްއެޕް ވެބްގެ އެންމެ ފަހުގެ ބީޓާ ވާޝަނުން ކަމަށް ވިޔަސް، ފީޗާ ޓްރެކަރުން ބުނަނީ މި ފީޗާ ވަރަށް އަވަހަށް އެންޑްރޮއިޑާއި އައިއޯއެސް ވަޓްސްއެޕް ބީޓާ ވާޝަންތަކަށް ލިބޭނެ ކަމަށެވެ.

ޑަބްލިއުއޭބީޓާއިންފޯއިން ބުނީ އެންޑްރޮއިޑް 2.23.10.10 އަށް މެސެޖެއް އެޑިޓްކޮށްފައިވާކަން އަންގައިދޭ އެލާޓެއް ވަޓްސްއެޕް ބީޓާއިން ފެނިފައިވާ ކަމަށާއި މިއީ ޓެސްޓު ކުރުމަށް ފީޗާ ނެރުމުގެ ކުރިން އެޅުނު އެންމެ ފަހު ފިޔަވަޅެއް ކަމަށް ބެލެވޭ ކަމަށެވެ.

comment ކޮމެންޓް