ސޫރިޔާ، އަރަބި ސަފަށް ގެނަައުމުން އެމެރިކާގެ ނުރުހުން

ސޫރިޔާ އަރަބި ސަފަށް އަލުން ގެނައުމަށް އިސްވެ އޮވެގެން މަސައްކަތްކުރީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އިސްކޮށް ހުންނަވައިގެން ސައޫދީ ސަރުކާރުން

ވޮޝިންޓަން (8 މެއި 2023): ސޫރިޔާ އަލުން އަނބުރައި އަރަބި ސަފަށް ގެނައުމަށް އަރަބި ގައުމުތަކުގެ އިއްތިފާގުން އިއްޔެ ނިންމި ތާރީޚީ ނިންމުމާ ދެކޮޅަށް އެމެރިކާ އަޑު އުފުލައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިއު މިލާ ވިދާޅުވީ ސޫރިޔާ އަލުން އަނބުރައި އަރަބި ސަފަށް ގެނައުމަކީ އެމެރިކާ ގަބޫލުކަމެއް ނޫންކަމަށާއި ސޫރިޔާއަށް އަރަބި ލީގުގެ މެންބަރުކަން އަލުން ދިނުމަކީ ރަނގަނޅަށް އެޅި ފިޔަވަޅެއް ކަމަށް އެމެރިކާ ނުދެކޭ ކަމުގައެވެ. އަދި، މިއީ އެމެރިކާ އެދޭ ގޮތް ނޫންކަން ވެސް މެތިއު ހާމަކުރެއްވިއެވެ.

އެމެރިކާ ބޭނުންވަނީ ސޫރިޔާގެ ވެރިކަމުން ބައްޝާރުލްއަސަދު ދުރު ކުރުމަށެވެ. މި ކަމަށްޓަކައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބައްޝާރުގެ ސަރުކާރާ ދެކޮޅަށް ފެށި ދާޚިލީ ހަނގުރާމައަށް 12 އަހަރު ވެގެން ދިޔައިރު ވެސް ބައްޝާރުގެ ވެރިކަން ވައްޓާލުމުގައި އެ މީހުން ވަނީ ނާކާމިޔާބުވެފައެވެ.

ނަމަވެސް މި ދިގުލީ ހަނގުރާމައިގާ ސޫރިޔާގެ އެތައް ލައްކަ ބަޔަކު މަރުވެ މުޅި ގައުމު ވަނީ ހަލާކުވެ ސުންނާފަތިވެފައެވެ. އަދި، ސޫރިޔާގެ އާބާދީގެ ތިންބައިކުޅައެއްބައި މީހުން ވަނީ ގެދޮރު ގެއްލި ރެފިއުޖީންނަށް ވެފައެވެ.

ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އެންމެ ބޮޑަށް އެހީތެރިވި ބޭރު ގައުމުތަކުގެ ތެރެއިން އެއް ގައުމަކީ އެމެރިކާއެވެ. އަނެއްކޮޅުން އިދިކޮޅު ފަރާތްތަކާ ކުރިމަތިލުމުގައި ބައްޝާރަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ރަޝިއާއާއި އީރާނުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ދާޚިލީ ހަނގުރާމައިގާ ބައްޝާރު ވައްޓާލުމުގައި ނާކާމިޔާބުވުމުން އެމެރިކާ ދެން މަސައްކަތް ކުރީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ބައްޝާރުގެ ސަރުކާރު އެކަހެރިކޮށްގެން އެ ސަރުކާރު ވައްޓާލައި އެމެރިކާ ބޭނުންވާ ފަރާތެއް ސޫރިޔާގެ ވެރިކަމަށް ގެނައުމަށެވެ. މި ކަމަށްޓަކައި އެމެރިކާ ގެންދަނީ ހަނގުރާމައިގާ ފުނޑުފުނޑުވެފައިވާ ސޫރިޔާ އިތުރަށް ނިކަމެތި ކުރުމަށްޓަކައި އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ.

އެމެރިކާ ބޭނުންވާ ފަރާތެއް ސޫރިޔާގެ ވެރިކަމަށް އައުމުން ނޫނީ ހަނގުރާމައިގާ ހަލާކުވެ ފުނޑުފުނޑުވެފައިވާ ސޫރިޠާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ ފުރުސަތު ވެސް ނުދިނުމަށް އެމެރިކާ ގެންދަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، އިސްރާއީލު ގެންދަނީ އެމެރިކާގެ ރުހުމާ އެކު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސޫރިޔާގެ އެތައްމިތަނަށް އުދުވާނީ ހަމަލާތައް ދީ ސޫރިޔާގެ ބަލިކަށިކަމާއި ނިކަމެތިކަމުން ނާޖާއިޒު ފައިދާ ނަގަމުންނެވެ. އެމެރިކާ ގެންދަނީ ގަވައިދާ ޚިލާފަށް ސޫރިޔާގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް ވަދެ ސޫރިޔާގެ ތެޔޮ ވަގަށް ނެގުމުގެ އަމަލުތަކެއް ހިންގަމުންނެވެ. ވަގަށް ނަގާ ތެލުގެ ބޮޑު ބައެއް އެމެރިކާ ދެނީ އެމެރިކާ ވާގިވެރިވާ ސޫރިޔާގެ ކުރުދީ ބާޣީންނަށެވެ. މި މައްސަލައިގައި ތުރުކީގެ ރުޅިވެރިކަން ވެސް ވަނީ އެމެރިކާއަށް އަމާޒުވެފައެވެ.

އެމެރިކާގެ މި ނުބައި ރޭވުންތައް ވިސްނިގެން ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އަރަބި ގައުމުތަކުން މިހާރު ގެންދަނީ ސޫރިޔާ އެކަހެރިކުރި ކުރުން ނިމުމަކަށް ގެނެސް ސޫރިޔާއާ އަލުން ގުޅުންތައް ގާއިމު ކުރަމުންނެވެ. އަދި، ސޫރިޔާ އަލުން އާރާސްތު ކުރުމަށާއި ރެފިއުޖީން އެނބުރި އައުމަށް ވެސް އެހީތެރިވަމުންނެވެ. އަދި، އެންމެ ފަހުން ސޫރިޔާ އަލުން އަނބުރައި އަރަބި ސަފަށް ވެއްދުމަށް ވެސް އިއްޔެ ގާހިރާގައި ބޭއްވި އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ އިއްތިފާގުން ވަނީ ނިންމައިފައެވެ.

ކުރިން މި ކަމާ ދެކޮޅު ހެދި އަރަބި ތިން ގައުމު ކަމަށްވާ ގަތަރު، ކުވައިތު އަދި މަޣްރިބުން ވެސް އިއްޔެ ބޭއްވި އަރަބި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވަނީ ސޫރިޔާގެ ރައްޔިތުންގެ ހާލަތަށް ވިސްނުމަށް ފަހު އަރަބި ލީގަށް ސޫރިޔާ އަލުން ވެއްދުމަށް ތާއީދުކޮށް ވޯޓު ދީފައެވެ. މިއާ އެކު މި މަހުގެ 19 ގައި ސައޫދީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓަށް ހާޒިރުވުމުގެ ދައުވަތު ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަށް އަރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ދުނިޔެއަށް އަންނަމުންދާ ޖިއޮޕޮލިޓަލް ބަދަލުތަކާ އެކު ބޮޑު ބާރެއްގެ ގޮތުގައި ޑިޕްލޮމެޓިކް ގޮތުންނާއި އިގްތިސާދީ ގޮތުން ޗައިނާ މެދު އިރުމައްޗަށް ވަންނަމުންދާތީ އެމެރިކާގެ އާރާއި ބާރު މެދު އިރުމަތިން ވަނީ ކުޑަވާން ފަށައިފައެވެ. އެކަން އެމެރިކާގެ މަޝްހޫރު މަޖައްލާއެއް ކަމަށްވާ ނިއުސްވީކްއިން ވެސް ވަނީ ހާމަކޮށްފައެވެ.

އަރަބި ގައުމުތަކުގެ މައްޗަށް ކުރިން ހިނގި އެމެރިކާގެ ބާރާއި ނުފޫޒު މިހާރު ހިނގާނަމަ އެމެރިކާއަށް ބެލުމެއްނެތި ސޫރިޔާއާ ގާތްވެ ސޫރިޔާ އަލުން އަރަބި ސަފަށް ގެނައުމުގެ މުހިއްމު ނިންމުން ނިންމަން އަރަބި ގައުމުތަކަށް ނުކެރުނީސް ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

comment ކޮމެންޓް