އޮސަސޫނާ ބަލިކޮށް، ރެއާލް މެޑްރިޑުން ތާރީހުގައި 20 ވަނަ ފަހަރަށް ކޮޕާ ޑެލްރޭ ކާމިޔާބުކޮށްފިއެވެ.
ރެއާލުން ކޮޕާ ޑެލްރޭގެ ޗެމްޕިއަންކަން ހޯދީ އެސްޓާޑިއޯ އޮލިމްޕިކޯ ޑި ސެވިއްޔާގައި ރޭ ކުޅުނު ފައިނަލުގައި 2-1 ގެ ނަތީޖާއަކުން އޮސަސޫނާ ބަލިކޮށްގެންނެވެ.
މެޗު ފެށިގެން ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ރެއާލުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ވިނީޝިއަސް ޖޫނިއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ރެއާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ރޮޑްރީގޯއެވެ.
އޭގެ ހަ މިނެޓު ފަހުން އޮސަސޫނާއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ރުބެން ޕެނާ ނަގައިދިން ހުރަހަކުން އޮސަސޫނާގެ ކްރޮއޭޝިއާ ފޯވަޑް އެންޓޭ ބުޑިމިއާ ފޮނުވާލި އެ ހަމަލާ، ރެއާލްގެ ބެލްޖިއަމް ގޯލްކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފައެވެ.
އޭގެ ފަހުން ރެއާލްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނުނު އިރު، އެޓީމުން ވަނީ ގޯލު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މެޗުގެ 25 ވަނަ މިނެޓުގައި ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާއަށް ލިބުނު ފުރުސަތެވެ. ރޮޑްރީގޯ ދިން ބޯޅައަކުން ބެންޒެމާ ފޮނުވާލި އެ ހަމަލާ، އޮސަސޫނާގެ ކީޕަރު ސާޖިއޯ ހެރޭރާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ 58 ވަނަ މިނެޓުގައި އޮސަސޫނާ އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އޮސަސޫނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ލޫކަސް ޓޮރޯއެވެ.
މަސައްކަތްތަކަކަށްފަހު ރެއާލުން އަލުން ލީޑު ހޯދީ މެޗުގެ 70 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ރެއާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ރޮޑްރީގޯއެވެ.
ރެއާލުން ހޯދި 20 ވަނަ ކޮޕާ ޑެލްރޭގެ ތައްޓަކީ 2014 ވަނަ އަހަރަށްފަހު، އެޓީމުން ހޯދި އެ މުބާރާތުގެ ފުރަތަމަ ތައްޓެވެ. ކޮޕާ ޑެލްރޭގެ އެންމެ ކާމިޔާބު ޓީމަކީ ރެއާލްގެ ވާދަވެރި ބާސެލޯނާއެވެ. އެޓީމުން ވަނީ 31 ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ.