އައްޑޫގައި ފެންބޮޑުވެ 24 ގެއަށް ގެއްލުންވެއްޖެ

ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ވެލިބަސްތާ ޖަހަނީ--- ފޮޓޯ/ އައްޑޫސިޓީ ކައުންސިލް

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، 24 ގެއަށް ފެންވަދެ، އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް، ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާާ ވިއްސާރައިގައި އައްޑޫ ސިޓީގައި ފެންބޮޑުުވެ، ހިތަދޫން 16 ގެއަކަށް ވެންވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ހިތަދޫން ހަތް ގެއެއްގެ ދަނޑުބިންތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ބުންޏެވެ.

އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީ ފޭދުގައި ވެސް ވިއްސާރައިގެ ސަބަބުން އަށް ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ހާލަތަކަށް ގޮސްފައި ނުވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އެ 24 ގޭގެ އިތުރުން އިތުރުން ސ. މީދޫގެ ބައެއް ގެތަކަށް ފެންވަދެ، ސްކޫލުގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އެކަމާ ގުޅިގެން މީދޫ ދާއިރާގެ ކައުންސިލް މެމްބަރު އައިމިނަތު ޞާލިހާ 'ސަން'އަށް ވިދާޅުވީ މީދޫގައި 10 ގެއަކަށް ފެންވަދެ، އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ސްކޫލުގައި ވެސް ފެންބޮޑުވެ، ކްލާސްތަކަށް ވެސް ފެނުގެ އަސަރު ކޮށްފައިވާ ކަމަށެވެ. އެގޮތުން ސްކޫލު ގޯތިތެރޭގައި ވެސް ފެންބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެެވެ.

އައްޑޫގެ މަގުތަކުގައި ފެންބޮޑުވެފައި---- ފޮޓޯ/ އައްޑޫސިޓީ ކައުންސިލް

މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެފަހިފައިވަނީ ސ. ގަމަށެވެ. ގަމަށް 120.3 މިލީމީޓަރު ވާރޭ ވެހިފައިވާއިރު ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ. ހުޅުމީދުއަށެވެ. އެއީ 113.2 މިލިމީޓަރުގެ ވާރެއެވެ. ތިން ވަނައަށް އެންމެ ގެނައިން ވާރޭ ވެހިފައިވަނީ މާލެއަށެވެ. އެއީ 81.3 މިލިމީޓަރުގެ ވާރެއެވެ.

އައްޑޫ ސިޓީގެ އިތުރުން، ބުރާސްފަތި ދުވަހު މާލޭގެ މަގުތަކުގައި ވެސް ފެންބޮޑުވެފައިވެއެވެ.

https://sun.mv/176933

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ހުކުރު އަދި ހޮނިހިރު ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. އެކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސް ވެސް ކޮށްފައެވެ.

މިގޮތުން ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ، ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސް ކުރެއެވެ. އެގޮތުން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުމަކީ ކުރެވިދާނެ ކަމެއް ކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

https://sun.mv/176968

comment ކޮމެންޓް