އައްޑޫގައި ފެން ބޮޑުވެ، ގެތަކަށް ގެއްލުންވަނީ

މީގެ ކުރިން އައްޑުގެ މަގުތަކުގައި ފެން ބޮޑުވެފައި --- ފޮޓޯ/ އެމްއެންޑީއެފް

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ގެތަކަށް ގެއްލުންވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ހިތަދޫ ރަސްގެދަރަ ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރު ވިދާޅުވީ، އައްޑުއަށް ބޯކޮށް ވާރޭ ވެހޭތާ ހަފުތާއެއްހާ ދުވަސް ވެއްޖެ ކަމަށެވެ.

އެގޮތުން އައްޑޫގެ ހުރިހާ ސަރަހައްދަކަށް ވެސް ބޯކޮށް ވާރޭ ވެހޭ ކަމަށާއި ރޭ 9:30 ހާއިރުން ފެށިގެން މެދު ނުކެނޑި ވާރޭ ވެހެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ބޯ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ފެން ހެދި ގެތަކަށް ފެން ވަނުމުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށެވެ. އަދި, ގިނަ އަދަދެއްގެ ގެތަކަށް ފެން ވަދެ، ފަރުނީޗަރަށާއި ހިފާ ގެންގުޅޭ ސާމާނަށް ވެސް ގެއްލުންވެފައިވާކަމުގެ ރިޕޯޓު ލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

"މި ވަގުތު ދަންނަވަން ދަތި ކިހާ އަދަދެއްގެ ގެއަކަށްކަން ފެން ވަދެގެން ރިޕޯޓު ކުރީ. ބައެއް ގޭގެ ހުންނާނެތާ ރިޕޯޓު ނުކޮށް ވެސް. އެކަމަކު ވަރަށް ގިނަ ގޭގެއިން އެބަ ރިޕޯޓު ކުރޭ. އެ މީހުނަށް ލިބުނު ގެއްލުމުގެ ތަފްސީލު އެނގޭނީ ތަފުސީލީ އެސެސްމަންޓެއް ހެދިގެން،" ޒަރީރު ވިދާޅުވިއެވެ.

އައްޑޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން ގޭގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މީގެ ކުރިން އައްޑުގެ މަގުތަކުގައި ފެން ބޮޑުވެފައި ---

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރޭގެ އަށަކުން ފެށިގެން މިއަދު ހެނދުނު އަށަކާ ހަމައަށް އެންމެ ގިނަ އަދަދަކަށް ވާރޭ ވެހިފައި ވަނީ އައްޑޫއަށެވެ. އެގޮތުން ސ. ގަމަށް 70.4 މިލިމީޓަރުގެ ވާރޭ ވެހިފައި ވާރިއު، ސ. ހުޅުމީދޫއަށް 62.1 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހި ގުގުރުމާ އެކު ވައި ގަދަވާނެ ކަމަށް ލަފާ ކޮށްފައެވެ. އެގޮތުން ވިލާގަނޑުުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

comment ކޮމެންޓް