މޫސުމަށް ސަމާލުވެ، ސަލާމަތީ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭގެ ޚާއްސަ އިލްތިމާސެއް

މޫސުމަށް ސަމާލުވުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސް ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ހުކުރު އަދި ހޮނިހިރު ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އިލްތިމާސް ކޮށްފިއެވެ.

އެންޑީއެމްއޭއިން ބުނީ ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އަދި ބައެއް ރަށްރަށަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާ ކޮށްފައިވާ ކަމަށެވެ.

މިގޮތުން ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ، ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސް ކުރެއެވެ. އެގޮތުން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުމަކީ ކުރެވިދާނެ ކަމެއް ކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

އެންޑީއެމްއޭއިން ބުނީ ފެންބޮޑުވެ، ގެެއްލުން ވެދާނެ މުދާ، ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ބަަދަލު ކުރުން ނުވަތަ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލު ކުރަން އިލްތިމާސް ކުރާ ކަމަށެވެ. އަދި ގަދަ ވައިގެ ސަބަބުން ފުރާޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް ސަމާލުވުމާ، ފުރާޅު އެއްލައިލާނެ ކަމަށް ލަފާކުރެވޭނަމަ ވައު ބޭނުންކޮށްގެން ސަލާމަތީ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާ ކަމަމަށެވެ.

ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ، ރައްކާ ކުރަން ވެސް ސަމާލުކަން ދިނުމަށް ވެސް އެންޑީއެމްއޭއިން އެދިފައިވެއެވެ.

އޭގެ އިތުރުން، ބޭނުން ނުކުރާ ވަގުތުތަކުގައި ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުކަން ދިނުމާ، ދަތުރަށް ނުކުންނައިރު ސަލާމަތީ އެންމެހާ ފިޔަވަޅުތައް އަޅައި، މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީން ކުރުމަށް އެދޭ ކަމަށެވެ.

މޫސުން ގޯސްވެ، ބުރާސްފަތި ދުވަހު އައްޑޫ ސިޓީއާއި މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެފައިވެއެވެ. އެގޮތުން އައްޑޫގެ ބައެއް ގެތަކަށް ފެންވަދެ، ބޮޑެތި ގެއްލުން ވެސް ލިބިފައިވެއެވެ.

comment ކޮމެންޓް