ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީ އާއި އަދުލު އިންސާފުގެ ބިންގާ ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ބޭއްވި ގްލޯބަލް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ގުޓަރޭޒް ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ބައިނަލްއަގްވާމީ މުޖުތަމައުން ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރާތާ ތިރީސް އަހަރު ވެފައިވާއިރު، ނޫސްވެރިކަމަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
ގުޓަރޭޒް ވިދާޅުވީ ޚިޔާލުތައް ބައްޓަންކޮށް ތެދުބަސް ބުނުމަށްޓަކައި ބޭނުންވާ ހަގީގީ މައުލޫމާތު ފޯރުކޮށްދިނުމުގެ އަސާސަކީ މިނިވަން ނޫސްވެރިކަން ކަމަށެވެ.
ގުޓަރޭޒް ގެ ވާހަކައިގައި އޭނާ ވަނީ މިނިވަން ނޫސްވެރިކަމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް ވެސް އަލި އަޅުއްވާލައްވާފައެވެ.
ޑިސްއިންފޮމޭޝަންގެ ސަބަބުން ހަގީގަތް ފާޅުކުރުމަށް ހުރަސް އެޅޭ، ސައިންސް އާއި ކޮންސްޕިރެސީ އަދި ހަގީގަތާއި ފިކްޝަންގެ މެދުގައިވާ ފަރަގު އޮޅުވާލަން މަސައްކަތް ކުރުމަކީ ވެސް ހުރަހެއް. އަދި ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގާނޫނާ ގަވާއިދުތަކުގެ ސަބަބުން ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ނުރައްކާވޭ. އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެޒް
މީގެއިތުރުން، ބައެއް ނޫސްވެރިން ޝާއިއު ކުރާ ލިޔުންތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި އެ ނޫސްވެރިންނަށް ފާޑުކިޔުން އަމާޒުވެ، ފުރައްސާރަ ކުރާ މަންޒަރު ފެންނަ ކަމަށާއި، ނޫސްވެރިން ބިރުދައްކައި، މަސައްކަތް ކުރުމަށް ހުރަސްއަޅައި ބައެއް ފަހަރު ހައްޔަރު ކުރާ މަންޒަރު ފެންނަ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން، 2022 ވަނަ އަހަރު މީޑިއާގައި މަސައްކަތްކުރާ 67 ނޫސްވެރިން މަރާލާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު، 50 އިންސައްތައިގެ އިތުރުވުމެކެވެ. އޮންލައިންކޮށް ކުރާ ގަނާ އަދި ފުރައްސާރައިގެ ޝިކާރައަކަށް ތިންބައި ކުޅަ އެއްބައި އަންހެން ނޫސްވެރިން ވެގެންދާއިރު، ކޮންމެ ހަތަރު ނޫސްވެރިއަކުން އެކަކަށް އެކި ވަރުގެ އިންޒާރު ދީފައިވެއެވެ.
މީގެ ދިހަ ވަރަކަށް އަހަރު ކުރިން އދ އިން ވަނީ ނޫސްވެރިންގެ ރައްކާތެރިކަމާ ބެހޭ ޕްލޭން އޮފް އެކްޝަން އެއް އުފައްދައިފައެވެ.
އޭނާ ވިދާޅުވީ މިއީ ހުރިހާ ނޫސްވެރިން އެއް އަޑަކުން އަޑު އުފުލަން ޖެހޭ ދުވަހެއް ކަމަށެވެ. ގުޓަރޭޒް ވަނީ ނޫސްވެރިންނަށް އިންޒާރުދިނުމާއި ހަމަލާދިނުން ހުއްޓާލުމަށާއި، ދޮގާއި ދޮގު މައުލޫމާތު ދިނުމާއި ރައްޔިތުންގެ ކުރިމައްޗަށް ހަގީގަތް ގެސްދޭ މީހުން ޓާގެޓް ކުރުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.