ރާއްޖެއަށް ޑިމޮކްރެސީގައި ހޯދިފައިވާ ކުރިއެރުންތަކުގެ މައިގަނޑު އެއް އަސްލަކީ، މައުލޫމާތު ފެތުރުމުގެ ދާއިރާއިން، ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައި ރައީސް ވަނީ ދިވެހި ނޫސްވެރިކަމުގައި ހޯދިފައިވާ ތަޖުރިބާތަކުގެ އަލީގައި ނޫސްވެރިކަމުގެ ކުރިމަގު އެއަށް ވުރެ އުޖާލާ ކުރުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެ މަނިކުފާނުގެ ޚިޠާބުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހުރިހާ ނޫސްވެރިންގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައިވެއެވެ.
ހަމައެހެންމެ، ފަރުދުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، އެ މުޖްތަމަޢެއްގައި ދިރިއުޅޭ އެންމެންގެ އިންސާނީ އަސާސީ ޙައްޤުތައް ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރުމަކީ ނޫސްވެރިންގެ އިސް ވާޖިބަކަށް ވާޖެހޭކަން ވެސް އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ވެސް، ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދު ވެސް ކަށަވަރު ކޮށްދެއްވާނެކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ ދުވަހުގެ ތަހުނިޔާ ހުރިހާ ނޫސްވެރިންނަށް ފޮނުއްވައިފައެވެ.