ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރު އަޙްމަދު ޝަކީބް (ޝަކީބްބެ) އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ވަނީ، ޝަކީބް ޕީއެސްއެމްގެ އެމްޑީ ކަމަށް އައްޔަންކޮށްފައިވާކަން އިއުލާންކޮށްފައެވެ.
ޝަކީބް ވަނީ ޓީވީއެމްގައި ޕްރޮގްރާމްތައް ޕްރެޒެންޓްކުރުމުގައި އެތައް އަހަރެއް ހޭދަކޮށް، މަޝްހޫރުކަން ހޯއްދަވައިފައެވެ. އެގޮތުން ހުށަހެޅުއްވި ޕްރޮގްރާމްތަކުގެ ތެރޭގައި ތިޔަބޭފުޅުންގެ ފުރުސަތު، އެހާރާއި މިހާރު، އެހަނދާނުގައި، ހެއްޔަންބޯގެ އިތުރުން ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރި ފަދަ ބޮޑެތި ޓީވީ ޝޯތައް ހިމެނެއެވެ.
މި ސަރުކާރުގައި ޝަކީބް ގެންދަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 'ރައްޔިތުންނާއެކު' ޕޮޑްކާސްޓް ހޯސްޓްކުރައްވަމުންނެވެ.
ޕީއެސްއެމްގެ އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ނަސްރީން އިސްތިއުފާ ދެއްވުމުންނެވެ.
މިދިޔަ މަހުގެ 30ގައި އިސްތިއުފާ ދެއްވި ނަސްރީން، ފަހުން ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކޮށްފައެވެ.
ނަސްރީން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަށް އައްޔަނުކުރީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު މިދިޔަ އަހަރުގެ ޑިސެމްބަރު 19ގައި އިސްތިއުފާދެއްވުމުންނެވެ.
އޭގެ ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު ވެސް މެނޭޖިން ޑިރެކްޓަރުކަން ކުރެއްވީ ކުރު މުއްދަތަކަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 24ގެ ޒީނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.