ސޫރިޔާ އަރަބި ސަފަށް ގެނައުމަށް ފަސް ގައުމެއްގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައިފި

އުރުދުންގެ ޚާރިޖީ ވަޒީރު ސޫރިޔާގެ ޚާރިޖީ ވަޒީރާ އަންމާންގައި ވަކިން ބައްދަލުކުރައްވަނީ

އަންމާން (2 މެއި 2023): ދާޚިލީ ހަނގުރާމައިގެ ސަބަބުން އެކަހެރިވެފައިވާ ސޫރިޔާ އަލުން އަނބުރައި އަރަބި ސަފަށް ގެނައުމަށް ސައޫދީ އަރަބިޔާ އިސްވެ އޮވެގެން ހިންގަމުންގެންދާ ޑިޕްލޮމެޓިކް ހަރަކާތްތަކުގެ ދަށުން ސޫރިޔާއާއި ސައޫދީ ހިމެނޭ ގޮތަށް އަރަބި ފަސް ގައުމެއްގެ ޚާރިޖީ ވަޒީރުން އުރުދުންގެ ވެރިރަށް އަންމާންގައި އިއްޔެ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ސޫރިޔާއާއި ސައޫދީ އަރަބިޔާގެ ޚާރިޖީ ވަޒީރުންގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ އުރުދުން، މިސްރު އަދި ޢިރާގުގެ ޚާރިޖީ ވަޒީރުންނެވެ.

މި ބައްދަލުވުމުގައި މި ފަސްގައުމުގެ ޚާރިޖީ ވަޒީރުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ސޫރިޔާ އަލުން އަނބުރައި އަރަބި ސަފަށް ގެނައުމާ ބެހޭ ގޮތުންނާއި ސޫރިޔާގެ ދާޚިލީ ހަނގުރާމަ ސިޔާސީގޮތުން ނިންމައި ގައުމުން ބޭރުގައިވާ ސޫރިޔާގެ ރެފިއުޖީން އަލުން އެނބުރި ގައުމަށް ގެނެވޭނެ މާހައުލެއް ބިނާކުރުމާ ބެހޭ ގޮތުންނާ އަދި ސޫރިޔާގެ ބައެއް ސަރަހައްދުތައް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ފުޅާ ދާއިރާއެއްގައި ހިންގަމުންދާ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވޭނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.

މީގެ އިތުރުން ސޫރިޔާއަށް ގަވައިދާ ޚިލާފަށް އަރައިތިބި ބޭރުގެ ހަނގުރާމަވެރިންނާއި ބޭރު ގައުމުތަކުގެ ސިފައިން ބޭލޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

އުރުދުންގައި ބޭއްވި އަރަބި 5 ގައުމެއްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން

ސޫރިޔާގެ ސިޓީތަކާއި ރަށްތައް ހަނގުރާމައިގާ މުޅިން ހަލާކުވެ ވީރާނާވެފައިވާއިރު މި ކަންކަން ނުކޮށް އެ ތަންތަން އަލުން ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތްތައް ނުފެށޭނެކަން ވެސް އެ ބޭފުޅުންވަނީ ފާހަގަ ކުރައްވައިފައެވެ.

ސޫރިޔާގައި ތިބި ބޭރުގެ ސިފައިންގެ ތެރޭގައި އީރާނާއި ސޫރިޔާގެ ސިފައިން، ތުރުކީއާއި އެމެރިކާ ސިފައިން ހިމެނެއެވެ. ހަނގުރާމަވެރިންގެ ތެރޭގައި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންނާއި އީރާނަށް ތާއީދުކުރާ މިލީޝިއާ ހަނގުރާމަވެރިންނާ އަދި އައިއެސް ޖަމާއަތާއި އަލްގާއިދާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ ހަނގުރާމަވެރިން ހިމެނެއެވެ.

ބޭރުގެ ސިފައިންނާއި ބޭރުގެ ހަނގުރާމަވެރިންގެ ތެރެއިން ތުރުކީއާއި އެމެރިކާ ސިފައިން ސޫރިޔާއަށް ވަދެގަނެގެން އުޅެނީ ގަވައިދާ ޚިލާފަށެވެ. އެއީ ސޫރިޔާ ސަރުކާރުގެ ހުއްދަނެތި މުސްތަގިއްލު ގައުމަކަށް ގަދަބާރުން އަރައިތިބޭ އިސްތިއުމާރީ އުސޫލުން އެދެގައުމުގެ ސިފައިން ސޫރިޔާއަށް ހުއްދައަކާނުލައި އަރައިތިބޭތީއެވެ.

އީރާނާއި ރަޝިއާ ސިފައިން ސޫރިޔާގައި ތިބެނީ ސޫރިޔާ ސަރުކާރުން ހުއްދަ ދީގެން އެސަރުކާރުގެ އެދުމުގެ މަތިންނެވެ. އަދި ސޫރިޔާ ސަރުކާރާ އެކު އެ ދެ ގައުމުން ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުންތަކުގެ ދަށުންނެވެ. ހަނގުރާމަވެރިންނަށް ބަލާއިރު ވެސް ހިޒްބުﷲ އާއި އީރާނަށް ތާއީދުކުރާ މިލީޝިއާ ހަނގުރާމަވެރިން ސޫރިޔާގައި ތިބެނީ ސޫރިޔާ ސަރުކާރުގެ އެދުމުގެ މަތިންނެވެ.

ނަމަވެސް އައިއެސް ޖަމާއަތާއި އަލްގާއިދާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ ހަނގުރާމަވެރިން ސޫރިޔާއަށް ވަދެގެންފައިވަނީ ސޫރިޔާގެ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ޖަމާއަތްތަކުން ކުރި މަސައްކަތްތަކުގެ ދަށުން ތުރުކީގެ ސަރަހައްދީ ރޮނގު ހުރަސްކޮށެވެ.

ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމުން ތުރުކީ މިހާރުވަނީ ގަދަބާރުން ބައްޝާރު ވެރިކަމުން ދުރުކުރަން ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތަކާ ދުރަށް ގޮސްފައެވެ. އަދި ސޫރިޔާ ސަރުކާރާ ގާތްވެ މައްސަލަތައް ހައްލުކުރަން ބޭނުންވާކަން ހާމަކޮށްފައެވެ.

ތުރުކީގެ ސިޔާސަތަށް އައި މިބަދަލާ އެކު ތުރުކީގެ ޚާރިޖީ ވަޒީރުވަނީ ތިން ފަހަރެއްގެ މަތިން ސޫރިޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާފައެވެ. ނަމަވެސް ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާނާ ބައްދަލުކުރައްވާނީ ސޫރިޔާގެ ހުއްދައަކާނުލައި ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކަށް އަރައިތިބި ތުރުކީ ސިފައިން އެ ސަރަހައްދުތަކުން ބާލައި ސޫރިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ތުރުކީ ނުވަންނާނެކަމުގެ ޔަގީންކަން އެރުދުޣާން ދެއްވުމުން ކަމަށް ވިދާޅުވެފައެވެ.

ސޫރިޔާ އަލުން އަނބުރައި އަރަބި ލީގަށް ގެނައުމަށް ސައޫދީ ކުރަމުން ގެންދާ މަސައްކަތްތަކަށް އަރަބި ގިނަގައުމުތަކުގެ ތާއީދު އެބައޮތެވެ.

ނަމަވެސް އަރަބި ހަތަރު ގައުމެއް މިކަމާ ދެކޮޅުހަދައެވެ. އެހެންކަމުން މިމަހުގެ 19 ގައި ސައޫދީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓަށް ޙާޒިރުވުމުގެ ދައުވަތު ސައޫދީ ރަސްގެފާނުގެ ފަރާތުން ބައްޝާރަށް ނުދިނުން އެކަށީގެންވެއެވެ. އެއީ އޭގެ ކުރިން ސޫރިޔާ އަރަބި ލީގަށް އަލުން އަނބުރައި އިއާދަ ނުކުރެވޭނެތީއެވެ.

ބައްޝާރަށް ދައުވަތު ނުދިން ނަމަވެސް އަރަބި ސަމިޓްގައި ސޫރިޔާ ތަމްސީލު ކުރުމުގެ ފުރުސަތު ސޫރިޔާގެ ޚާރިޖީ ވަޒީރަށް ސައޫދީ ރަސްގެފާނު ދެއްވާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި ސައޫދީ ރަސްގެފާނުގެ ދައުވަތަކަށް ލަސްތަކެއްނުވެ ރައީސް ބައްޝާރު ސައޫދީއަށް ވަޑައިގަންނަވާނެ ކަމަށް މުހައްލިލުން ލަފާކުރައްވައެވެ.

ބައްޝާރުގެ ވެރިކަމުގައި ސޫރިޔާއާ ގާތްވުމަށް ސައޫދީ އިސްވެއޮވެގެން ބައެއް އަރަބި ގައުމުތަކާ އެކު ކުރާ މަސައްތަކާ އެމެރިކާ ވަރަށް ދެކޮޅެވެ. ނަމަވެސް އެމެރިކާ މިހާރު އޮތީ މިކަން ހުއްޓުވުމަށް ސައޫދީއަށް ވެސް އަދި އަރަބި އެހެން ގައުމަކާ ދެކޮޅަށް ކުރިން ކަންކުރާގޮތަށް ޖިއޮޕޮލިޓިކަލް ގޮތުން ފިޔަވަޅެއް އެޅޭފަދަ އަދި ފިއްތުންތަކެއް ކުރިމަތި ކުރެވޭފަދަ ބާރުގަދަ ހާލަތެއްގައެއް ނޫނެވެ.

comment ކޮމެންޓް