ދުބާއީ ކުންފުންޏަކުން ރާއްޖޭގައި ހަތަރު ބިލިއަން ރުފިޔާގެ އިންވެސްޓްމެންޓެއް ކުރަނީ

ރާއްޖޭގައި ތަރައްގީ ކުރަން ނިންމާފައިވާ ރިސޯޓް

ދުބާއީގެ ވިޔަފާރި ކުންފުންޏަކުން ރާއްޖޭގައި 4.12 ބިލިއަން ރުފިޔާ (272 މިލިއަން ޑޮލަރު)ގެ ބޮޑު އިންވެސްޓްމެންޓެއް ކުރަން ނިންމައިފިއެވެ.

ދުބާއީގެ ބޮޑު ކުންފުނި، އެފްއޭއެމް ހޯލްޑިންގްސް އިން ރާއްޖޭގައި އިންވެސްޓްކުރަން ނިންމާފައިވަަނީ "އަލް މަހްރާ މޯލްޑިވްސް"ގެ ނަމުގައި ތަރައްގީ ކުރާ ރިސޯޓެކަށެވެ. އެގޮތުން މިއީ އެފަދަ އިންވެސްޓްމެންޓެއް އެ ކުންފުނިން ޔޫއޭއީގެ ބޭރުން ކުރާ ފުރަތަމަ ފަހަރެވެ.

މި އިންވެސްޓްމެންޓް ރާއްޖޭގައި ކުރާކަން އެ ކުންފުނިން އިއުލާން ކުރީ މިހާރު ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ 30ވަނަ އަރަބައިއަން ޓްރެވަލް މާކެޓުގައެވެ.

މި އިންވެސްޓްމެންޓް އިއުލާން ކުރުމަށް ފަހު އެފްއޭއެމް ހޯލްޑިންގް ގްރޫޕް ކުންފުނީގެ ޗެއާމަން ޑރ. ފައިސަލް އަލީ މޫސާ ވިދާޅުވީ އަލް މަހްރާ މޯލްޑިވްސް ޓޫރިސްޓިކް ރިސޯޓް ޕްރޮޖެކްޓް މެދުވެރިކޮށް އެ ކުންފުނީގެ އަމާޒަކީ ޔޫއޭއީއިން ބޭރުގައި ފުރަތަމަ ފަހަރަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ފުޅާކުރުން ކަމަށެވެ.

އަދި, ރާއްޖެއަކީ އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ ގައުމަކަށް ވެފައި، ދަތުރުފަތުރު ކުރުމާއި ފަތުރުވެރިކަމަށް ލޯބިކުރާ ގިނަ ބައެއްގެ މަންޒިލަކަށް ރާއްޖެ ވުމުން، އެ ކުންފުނީގެ އިންވެސްޓްމެންޓަށް ރާއްޖެއަކީ އެންމެ އެކަށޭނެ ގައުމުކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ރިސޯޓަށް ބަލާއިރު، މިއީ 100،000 އަކަ މީޓަރުގެ ރަށެއްގައި ތަރައްގީ ކުރާ ރިސޯޓެކެވެ.

އެ ރިސޯޓުގައި 150 ކޮޓަރި ހުންނައިރު، އޭގެ ތެރޭގައި 100 މޫދު ކޮޓަރި ހިމެނެއެވެ. އަދި, އެ ރިސޯޓުގައި 40 ބީޗު ވިލާ ހުންނައިރު، އޭގެ ތެރެއިން 10 ބޯޗު ވިލާ ޚާއްސަކޮށްފައިވަނީ ވިއައިޕީއަށެވެ.

މީގެ އިތުރުން، އެ ރިސޯޓުގައި ގާއިމް ކުރާ ކޮންމެ ކޮޓަރިއެއްގައި ޕޫލެއް ހުންނައިރު، އެ ރިސޯޓުގައި ތިން ރެސްޓޯރަންޓާއި، ޖިމެއް އަދި ސްޕާއެއް ވެސް ހުންނާނެއެވެ.

އެ ރިސޯޓު ތަރައްގީ ކުރާ ރަށެއް ނުވަތަ ފަޅެއް އަދި ހާމަކޮށްފައި ނުވާއިރު، އެ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ވަނީ ނިންމާފައެވެ.

އެ ރިސޯޓުގެ މަސައްކަތް ނިންމަން ތާވަލުކޮށްފައިވަނީ 2025ވަނަ އަހަރަށެވެ. އެހެންނަމަވެސް، އެ ރިސޯޓު ރަސްމީކޮށް ހުޅުވާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް