މުސާރަ ބޮޑު ކުރުމާ އެކު އެންމެން ބޭނުންވަނީ ނަރުހުން

ކޮވިޑު ތެރޭގައި ނަރުހުންތަކެއް މާލޭގެ މަގުމަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަ ކުޑަ މައްސަލައަކީ އެތައް ޒަމާނެއް ވަންދެއް ގިނަ ބަޔަކު ދައްކަމުން އައި ވާހަކައެކެވެ. އެންމެފަހުން އެ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް މިއޮތީ ލިބިފައެވެ. ސިއްހީ ދާއިރާގެ މަސައްކަތް ކުރާ މީހުންގެ މުސާރަ ސަރުކާރުން ވަނީ ވަރަށް ބޮޑު ކޮށްފައެވެ.

އެއާ އެކު މުޅި އިންޓަނެޓުގައި މިހާރު ދައްކަނީ އެއް ވާހަކައެކެވެ. އެއީ ނަރުހެއް ބޭނުންވާ ވާހަކައެވެ.

ދިވެހި ސަރުކާރުން ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެކި ލެވެލްތަކުގެ ނަރުހުންނާއި ޑޮކްޓަރުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފައެވެ. ކުރިން ގެއަށް ގެންދަން ލިބޭ ފައިސާއަށް ވުރެ މިހާރު ލިބޭ މިންވަރު ވަނީ ބޮޑުވެފައެވެ. މި ގެނެވުނު ރަނގަޅު ބަދަލާ އެކު މިހާރު ގިނަ ބަޔަކު އިންޓަނެޓުގައި ދައްކަމުން އަންނަނީ އެއް ވާހަކައެވެ. އެއީ ނަރުހުންގެ ވާހަކައެވެ.

އެއް ބަޔަކު ބޭނުންވަނީ ސިއްހީ ދާއިރާއަށް ވަންނާށެވެ. އަނެއް ބަޔަކު ބޭނުންވަނީ ނަރުހަކާ ރަށްޓެހި ވާން ނުވަތަ އިންނާށެވެ. ކޮންމެއަކަސް މި ހުރިހާ ވާހަކައެއްގެ މެދުގައި އެންމެ ބޮޑު ސަމާލު ކަމެއް އޮތީ ނަރުހުންނަށެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟

މިކަމާ ގުޅޭ ބޮޑު ސަބަބެއް ވެއެވެ. އެއީ މިފަދަ ކޮމެންޓްތައް ބޭނުންކުރަނީ ފިރިހެނުންނަށް ވާތީއެވެ.

"އަދިވެސް ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ނަރުހުންނަކީ އަންހެނުންނަށް އޮތް ދާއިރާއެއް ހެން. އަދި، މި ދާއިރާގައި އުޅޭނީ ޒުވާން އަންހެނުން އެކަނި ކަމަށް ވެސް ވަރަށް ގިނަ މީހުންނަށް ހީވެފައި އޮވޭ،" ދާދި ފަހުން ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި ޒުވާން އަންހެނެއް ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި އަދިވެސް ބައެއް މީހުން ނަރުހުން ދެކެނީ ހަމައެކަނި "ބަލާލަން ކަމުދާ" ޑޮކްޓަރުގެ އެސިސްޓެންޓެއްގެ ގޮތުގައެވެ. އެ ވިސްނުމާ ގުޅިގެން މިހާރު ހަމައެކަނި ނަރުހުންގެ ވާހަކަ ދައްކާތީ އެއީ އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ.

އަދި، ރަނގަޅު ޑޮކްޓަރަކަށް ވާ ނަމަ ތިބޭނީ ފިރިހެނުން ކަމަށް އަދިވެސް ދެކޭ މީހުން ރާއްޖޭގައި އުޅެއެވެ. ނަމަވެސް އެއީ އެ ކަމުގައި އެއްވެސް ތެދެއް އޮތް ވާހަކައެއް ނޫނެވެ.

ހުރިހާ ދާއިރާއަކަށް ހުރިހާ ޖިންސެއްގެ މީހުން ވެސް ވަންނަމުން އަންނައިރު ރާއްޖޭގައި ވެސް ނަރުހުންނަށް ވާ ފިރިހެނުންގެ އަދަދު އަންނަނީ ގިނަ ވަމުންނެވެ.

ކޮންމެއަކަސް މި ފަހަރު ޖިންސީ ތަފާތު ކުރާ ވިސްނުމެއް މި ކަމުގައި އޮތް ކަމުގެ އިޝާރާތް އޮތް ނަމަވެސް ފައިސާ އާ ގުޅިގެން މިފަދަ ވާހަކަތައް ދެކެވުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

އެގޮތުން ޓީޗަރުންގެ މުސާރަ ބޮޑު ކުރަން ނިންމުމާ އެކުގައި ވެސް އެތައް ބަޔަކު ވަނީ މިފަދަ މޭރުމަކުން ވާހަކަ ދައްކައިފައެވެ. އެ ދުވަސްވަރު ދެކެވުނީ ޓީޗަރުންނަށް ވާން ބޭނުންވާ ވާހަކައެވެ. ހަމަ މިފަދައިން އެހެން ދާއިރާއެއްގައި މުސާރަ ބޮޑު ކުރާ ވާހަކަ ދެކެވޭ ދުވަހަކުން އެންމެ ގަދައަށް ދައްކާނީ އެ ދާއިރާއަށް ވަންނަން ބޭނުންވާ ވާހަކައެވެ.

comment ކޮމެންޓް