ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން ދަތިވާ ކަމަށް ބުނި މައްސަލަ މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި އެމްއެންޑީއެފްއަށް މީގެ ކުރިން ދަތިތަކެއް ދިމާވި ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) އަށް ހުށަހަޅައިފިއެވެ.

މި މައްސަލަ 241 ކޮމިޓީއަށް ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ރާއްޖެ އާއި މޮރީޝަސް އާ ދެމެދު ފުށުއަރާފައިވާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިޓްލޮސްއިން ގޮތް ނިންމުމާއެކު އެމްއެންޑީއެފުން ދައްކަމުން އައި ވާހަކަ ތަފާތުވެފައިވާ ކަމަށެވެ.

އެގޮތުން މީގެކުރިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި އެއްވެސް ދައްޗަކާ ކުރިމަތިލާން ޖެހުނު ފަދަ ވާހަކައެއް އެމްއެންޑީއެފުން އަދި ކޯސްޓްގާޑުން ވެސް ދައްކާފައި ނުވާކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، މިހާރު އެ ގޮތަށް ވާހަކަ ދެއްކުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.

މީގެކުރިންވެސް ހަމަ ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް ވަންނަ ލަންކާ ފަދަ ގައުމުތަކުގެ ބޯޓުތައް އެބަހުރި ހިފަހައްޓާފަ. ބުނެފައެއް ނުވޭ އެކަން ކުރުމުގައި ދަތިތަކަކާ ކުރިމަތި ވާކަމަކަށް. ސިފައިންގެ ގާނޫނުގެ ދަށުން ވެސް ސިފައިންނަށް ލާޒިމް ކުރާ ކަމެއް އެއީ ޚާއްޞަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުން. އެހެންވީމާ ޗީފް އޮފް ޑިފެންސް ފޯސް އެފަދަ ވާހަކައެއް ދެއްކެވުމަކީ ވަރަށް ސީރިއަސް މައްސަލައެއް. އާދަމް ޝަރީފް އުމަރު

މީޑިއާއެއްގައި ވާހަކަދައްކަވަމުން ޝަމާލް ވިދާޅުވީ ކުރިން ރާއްޖޭގެ ދެކުނު އިމުގައި ފުށު އަރާ ސަރަހައްދެއް އޮތުމުން، ކޯސްޓް ގާޑަށް ދެކުނުގައި ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވަމުން ދިޔަ ކަމަށާއި، ނަމަވެސް އިޓްލޮސްއިން އިމުގެ މައްސަލަ ނިންމުމާއެކު އެކަން ދިވެހި ސިފައިންނަށް ސާފުވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް މެމްބަރު ފޮނުވި ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކުރަން ދިވެހިރާއްޖޭގެ ދިފާއީ ބާރަށް ދަތިވެ، މައްސަލަތަކެއް ކުރިމަތިވެފައިވާ ކަން ޝަމާލް ދެއްކެވި ވާހަކަތަކުން ދޭހަވާ ކަމަށެވެ. އަދި އެއީ ސިފައިންގެ ގާނޫނުން ލާޒިމް ކުރާ ޒިންމާ އަދާކުރުމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ މައްސަލައެއް ކަަމަށް ސިޓީގައި ބުނެފައިވެއެވެ.

މީގެއިތުރުން އާދަމް ޝަރީފް ވަނީ އިޓްލޮސައިން އެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މޮރިޝަސްއަށް ފޮނުއްވި ސިޓީއަށް ހަވާލާދީފައިވާތީ އެ ސިޓީގެ ކޮޕީއެއް ހޯދުމަށްވެސް އެދިވަޑައިގެންފައެވެ.

މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ބަހަން އިޓްލޮސްއިން ނިންމީ މިދިޔަ ހުކުރު ދުވަހުއެވެ. އިޓްލޮސް އިން ނިންމީ ފުށުއަރާ ބައި އިކުއި ޑިސްޓެންޓު އުސޫލުން ބަހާލައިށެވެ. މި ނިންމުމާ އެކު، ރާއްޖެއަށް 4687 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ވަނީ ލިބިފައެވެ.

comment ކޮމެންޓް