އިމުގެ މައްސަލައިގައި ސްޓޭންޑު ބަދަލެއް ނުވާނެ، ޕީޕީއެމުން ހަދަނީ ދޮގު: ސަރުކާރު

މޮރިޝަސްގެ ބޮޑުވަޒީރާއި ރައީސް ޞާލިހް --ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދައްކަމުން އަންނަ ވާހަކައަކީ ބައިނަލްއަޤްވާމީ ދުނިޔެއާއި ރައްޔިތުންނަށް އޮޅުން އަރައިފަދަ މޭރުމަކުން ދައްކާ، ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށް ބުނެ އިދިކޮޅުގެ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

މި މައްސަލައިގައި ޕީޕީއެމްގެ ވާހަަކަތައް ދޮގުކޮށް ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އިދިކޮޅުން ހިންގާ އަމަލުތަކަކީ ސިޔާސީ މަންފާ ހޯދުމުގެ ނިޔަތުގައި ހިންގާ 'ދަށު ދަރަޖައިގެ' އަމަލުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އެގޮތުން އެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަމަލުކުރައްވައިފައިވަނީ ގާނޫނީ އިމުގެ ބޭރުންކަމަށް ކުރާ ތުހުމަތުތައް ވެސް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

"މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޢަމަލުކުރައްވާފައި ވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކޮށްފައިވާ ތުހުމަތުތައް ވެސް ދިވެހި ސަރުކާރުން ދޮގުކުރަމެވެ،" ސަރުކާރުގެ ބަޔާނުގައިވެއެވެ.

ސަރުކާރުން ބުނީ ޗާގޯސް އާކިޕެލާގޯގެ މައްސަލައިގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަޙައްދު ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގެ އިމަކީ މިހާތަނަށް އައިއިރު، ބައިނަލްއަޤްވާމީ ކަނޑާބެހޭ މުއާހަދާގެ ދަށުން ކަނޑައެޅިފައިވާ ސަރަޙައްދެއް ނޫންކަމަށެވެ.

"ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަޤްވާމީ ގާނޫނުތަކުގެ ދަށުން، ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ގާނޫނު އަސާސީން ލިއްބައިދީފައިވާ ބާރަކަށްވީހިނދު އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނަމެވެ." ސަރުކާރުގެ ބަޔާނުގައިވެއެވެ.

އެގޮތުން މޮރިޝަސްއިން އިޓްލޮސްއަށް މައްސަލަ ހުށައެޅުމާ އެކު، އިޓްލޮސް މެދުވެރިކޮށް މި މައްސަލައަށް ހައްލު ހޯދައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ސަރުކާރުން ނިންމީ ވަޒީރުންގެ މަޖީލީހުން އެކަމާ މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

ޕީޕީއެމުން ބުނާ ގޮތުގައި ޗާގޯސްގެ ސަރަހައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެކެވެ. އަދި، އެ ތަނުގައި މީގެ ކުރިން ވެސް ދިވެހިން އިގްތިސާދީ ބޭނުންތަކުގައި މަސައްކަތް ކޮށްފައިވާކަމަށް ބުނެއެވެ. އެ ތަނަށް ސިޔާދަތީ ބާރު ހިނގާކަމަށް ދައުވާކުރަމުން އައިކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

"ލިޔެވިފައިވާ ގާނޫނު އަސާސީއެއްގެ ތަރަހައިގެ ތެރޭގައި ވެރިކަމެއް ރާއްޖޭގައި ކުރަމުންދާތާ ގަރުނަކާ ގާތްވާއިރު، އަދި އެއަށްވުރެ ދުރު މާޒީއަށް ބެލި ނަމަވެސް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތާ ޚިލާފަށް، ޗާގޯސް އާކިޕެލާގޯގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާކަމަށް އެއްވެސް އިރެއްގައި ރާއްޖެއިން ދަޢުވާ ކޮށްފައެއް ނުވެއެެވެ،" ބަޔާނުގައިވެއެވެ.

ސަރުކާރުން ބުނީ ޗާގޯސްގެ މައްސަަލައިގައި ދިވެހި ދައުލަތުން ގެންގުޅުނު ސިޔާސަތު މި ސަރުކާރުން އެއްވެސް އިރެއްގައި ބަދަލުކޮށްފައިނުވާ ކަމަށެވެ. އަދި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދާ މައްސަލައިގައި ފާއިތުވި 20 އަހަރު ދުވަހު ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ދަމަހައްޓާނެކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.

އެގޮތުން "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965"ގެ ގަރާރު، އދ.ގެ މަޖިލީހުގެ ތަޅުމަށް އަލުން ހުށަހެޅިއްޖެނަމަ، އެ ގަރާރަށް ރާއްޖެއިން ތާއީދުކުރުމަށް ނިންމާފައިވާކަން ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް މާ ކުރިން އަންގައިފައިވާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ނަމަވެސް އެ ކަމާ މިިހާރު އިޓްލޮސްގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތްކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި، ކުރީއްސުރެ ސަރުކާރުން އެ މައްސަަލައިގައި ގެންގުޅެމުން އައި ސިޔާސަތަށް ބަދަލެއް ނާންނަކަން މޮރިޝަސްއަށް ވެސް އަންގައިފައިވާކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.

comment ކޮމެންޓް