ޖާބިރު އަތުން 10 މިލިއަން ރުފިޔާ ހޯދުމަށް މީހަކު ދައުވާ ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު: އޭނާ އަތުން 10 މިލިއަން ރުފިޔާ ނަގައި ދިނުމަށް އެދި މީހަކު ވަނީ ދައުވާ ކޮށްފަ ---

ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުالله ޖާބިރުގެ އަތުން ހަތް ލައްކަ ޑޮލަރު ނުވަތަ 10 މިލިއަން ރުފިޔާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓަށް މީހަކު މައްސަލައެއް ހުށަހަޅައިފިއެވެ.

ޖާބިރުއާ ދެކޮޅަށް މައްސަލަ ހުށަހެޅީ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްގެ ފަންސާސް އިންސައްތަ ހިއްސާ އޭނާ ގުތަމަށް އެއްބަސްވުމަށްފަހު އެ ފައިސާ އެއްކޮށް ދައްކާފައިނުވާ ކަމަށް ބުނެއެވެ.

އެގޮތުން އެ ކުންފުނީގެ ދެބައިކުޅަ އެއްބައި ހިއްސާ ޖާބިރު ގަތުމަށް އެއްބަސްވެފައިވަނީ 750,000 ޑޮލަރަށެވެ. އޭގެ ތެރެއިން މިހާތަނަސް ޖާބިރު ދައްކާފައިވަނީ ފަންސާސް ހާސް ޑޮލަރު ކަމަށް އެ މައްްސަލަ ހުށަހެޅި މީހާ ވަނީ ބުނެފައެވެ.

އެެހެން ކަމުން އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޖާބިރުގެ އަތުން ހަތް ލައްކަ ޑޮލަރު ނަގައިދިނުން ނުވަތަ އެ ފައިސާ ޖާބިރަށް ނުދެއްކޭ ނަމަ ފަންސާސް އިންސައްތަ ހިއްސާ ނަގައިދިނުމަށެވެ.

މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނީގެ ނަމުގައި ބައެއް ފަޅުރަށްތައް ހުރިއިރު ދާދި ފަހުން ވަނީ ވ. ބޮޑުމޮހޮރާ, ފަންސާސް އަހަރަށް އެ ކުންފުންޏަށް ދޫކޮށްފައެވެ. އެ އެއްބަސްވުމުގައި މެރިން ޓެކްނޮލޮޖީގެ ނަމުގައި ސޮއި ކުރައްވާފައިވަނީ ވެސް ޖާބިރުއެވެ.

comment ކޮމެންޓް