ޝައުނާ ސާފު ޖަވާބެއް ނުދެއްވުމުން މަޖިލީހުގެ ރައީސް އާއި މެމްބަރުން ނުރުހިއްޖެ

އެންވަޔަރުމަންޓް މިނިސްޓަރު އަމިނަތު ޝައުނާ-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަވާބު ހޯދުމަށް ކުރެއްވި އެއްވެސް ސުވާލަކަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ސާފު ޖަވާބެއް ނުދެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި ބައެއް މެމްބަރުން ނުރުހުން ފާޅުކުރައްވައިފިއެވެ.

މިއަދު ޖަލްސާއަށް ހާޒިރުވެވަޑައިގެން މެމްބަރުން ވަނީ ގިނަ މައްސަލަތަކަކާ ގުޅޭގޮތުން މިނިސްޓަރުގެ އަރިހުން ޖަވާބު ހޯއްދެވުމަށް ސުވާލު ކުރައްވާފައެވެ.

މިހާރު ރައްޔިތުންގެ މެދުގައި އެންމެ ބޮޑަށް ކަންބޮޑުވުން އުފެދިފައިވާ އެއް މައްސަލަ ކަމަށްވާ، ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގުމާ ބެހޭ ގޮތުން ވެސް މިނިސްޓަރާ ސުވާލު ކުރެއްވިއެވެ. އެގޮތުން ކޮތަޅު ބޮނޑި ހޯލްސޭލް ރޭޓުގައި ގަތަސް، އެ ބޮނޑީގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާ ދައްކަން ޖެހުމުގެ މައްސަލަ މެމްބަރުން ފާހަގަކުރެއްވިއެވެ.

އާންމުންގެ ޝަކުވާ ބޮޑުވުމާ ގުޅިގެން ކޮތަޅުން ފީނެގުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުގެ ފަރާތުން މިހާރު ވަނީ އެ ގާނޫނަށް ބައެއް އިސްލާހު ހުށަހަޅާފައެވެ.

އެކަމާ ގުޅޭގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވަނީ ކޮތަޅުގެ ޓެކްސް ނެގުމުގެ ތަކުލީފް ރައްޔިތުންނަށް އުފުލަން ޖެހުނީ ގާނޫނަށް އިސްލާހު ހުށަހެޅި އިރު އޭގައި ހިމެނި ބައެއް ކަންކަން ރައްޔިތުންގެ މަޖިލީހުން އުނި ކުރުމުން ކަމަށް، އެންވަޔަރަމަންޓް މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ކަމަށް ވިދާޅުވެ އެކަން ސާފު ކޮށްދެއްވުމަށް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކުނި މެނޭޖުކުރުމުގެ ގާނޫނަށް މިހާރު އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ. އެހާހިސާބުން ރިޔާސަތުން ވަނީ ޝައުނާގެ ވާހަކަ ހުއްޓުވައި، ކޮތަޅު ބޮނޑިން ޓެކްސް ނަގަން އިސްތިސްނާ ނުދިނުމަށް ނިންމީ ހަމައެކަނި މަޖިލީހުންތޯ އައްސަވާފައެވެ.

"އަޅުގަނޑު ހިތުން ސުވާލަކީ އެ އިސްތިސްނާ އުނިކުރީ ހަމައެކަނި މަޖިލީހުންތޯ؟" ރައީސް ނަޝީދު އެއްސެވިއެވެ.

އެ ސުވާލަށާއި، މެމްބަރުން ކުރެއްވި އެހެން ސުވާލުތަކަށް މިނިސްޓަރުގެ ފަރާތުން ސާފު ޖަވާބެއް ލިބިފައި ނުވާތީ ރިޔާސަތުން ވަނީ އެތައް ފަހަރެއްގެ މަތީން މިނިސްޓަރުގެ ވާހަކަ ހުއްޓުވައި ސުވާލަށް ޖަވާބު ދެއްވުމަށް އެދިފައެވެ. އަދި ގިނަ ސުވާލުތަކަށް އެކަށީގެންވާ ޖަވާބު ދެއްވާފައި ނުވާތީ ގިނަ މެމްބަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އޭގެ ތެރޭގައި އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހީމް ވަހީދާއި، މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަދި އަލީ އާޒިމްގެ އިތުރުން އިބްރާހީމް ރަޝީދު (ބޮންޑޭ) ހިމެނެއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ކޮމިޓީގެ ޔައުމިއްޔާ އާއި ކޮމިޓީ ރިޕޯޓުން ވެސް ކޮތަޅު ބޮނޑިން ޓެކްސް ނަގަން ނިންމި ސަބަބެއް ނުފެނުނު ކަމަށެވެ.

އަޅުގަނޑު ކިޔައިފިން ކޮމިޓީގެ ޔައުމިއްޔާތައް. އަޅުގަނޑު ކިޔައިފިން ކޮމިޓީގެ ރިޕޯޓުވެސް. އެހެންނަމަވެސް މި މާއްދާ، ވަކިން ހާއްސަކޮށް އިސްތިސްނާ ވާ ހާލަތްތަކުގައި ހިމެނޭ 50 ކޮތަޅާއި އަދި ނުވަތަ އެއަށް ވުރެ ގިނައިން ހިމެނޭ ކޮތަޅު ބޮނޑި އިސްތިސްނާވާ ހާލަތްތަކުން އުނި ކުރި ޖަސްޓިފިކޭޝަން އެއް އަޅުގަނޑަކަށް ނުފެނޭ. މިނިސްޓަރު އައިމިނަތު ޝައުނާ

އެއާއެކު އަނެއްކާވެސް މިނިސްޓަރުގެ ވާހަކަ ހުއްޓުވައި ރައީސް ނަޝީދު ވިދާޅުވީ ކޮމިޓީން އެ އިސްތިސްނާ އުނިކުރި ސަބަބު ވަރަށް ތަފްސީލްކޮށް މަޖިލީހުގައި ކިޔައިދީފައިވާ ކަމަށެވެ.

ކޮތަޅު ބޮނޑިން ޓެކްސް ނަގާ މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު އެ މިނިސްޓްރީން ނެރުނު ބަޔާނުގައި އެ އިސްތިސްނާ ނުދޭން ނިންމީ މަޖިލީހުން އެކަނި ބޭނުންވެގެން ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާއިރު، އެންވަޔަރަމަންޓް އެންޑް ކްލައިމަޓް ޗޭންޖް ކޮމިޓީން އެ އިސްތިސްނާ ނުދޭން ނިންމުމަށް ފަހު ބިލު ފާސްކުރުމުގެ ކުރިން، މިނިސްޓްރީން ދެކޭ ގޮތް ހޯދަން ފޮނުވުމުން މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން ޖަވާބެއް ދީފައެއް ނުވެއެވެ.

އެހެން ނަމަވެސް އިސްތިސްނާ ނުދޭން ނިންމި ސަބަބުތައް ކޮމިޓީ ރިޕޯޓުގައި ބަޔާންކޮށްފައި ނުވާ ކަންވެސް ފާހަގަކޮށްލެވެއެވެ. އެ އިސްތިސްނާ އުނިކުރަން ނިންމައި މިނިސްޓްރީއަށް ފޮނުވި ސަބަބުތައް މަޖިލީހުގެ ރިޔާސަތުން އިއްޔެ ވަނީ މެމްބަރުންނާ ހިއްސާ ކުރައްވާފައެވެ.

comment ކޮމެންޓް