ޚުރުތޫމް (25 އެޕްރީލް 2023): ސޫދާންގެ ސިފައިންނާއި ސިފައިންނަށް އެހީތެރިވުމަށް އުފައްދާފައިވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް) އާ ދެމެދު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތައް ހުއްޓުމެއްނެތި ކުރިއަށްދާތީ އެގައުމުގައި ހުންނަ ބޭރުގައުމުތަކުގެ އެމްބަސީތައް ބަންދުކުރަން ފަށަފައިފިއެވެ.
މިހާތަނަށް އެމްބަސީތައް ބަންދުކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ސައޫދީ އަރަބިއާ ހިމެނެއެވެ. ސޫދާނުގައި އެމްބަސީ ހުޅުވާފައިވާ އެހެން ގައުމުތަކުންވެސް ގެންދަނީ އެމްބަސީތައް ބަންދުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެމްބަސީތައް ބަންދުކުރުމުގެ ކުރިން ކޮންމެ ގައުމަކުންވެސް އިސްކަންދެނީ ސޫދާނުގައި ތިބޭ އެގައުމުތަކުގެ ޑިޕްލޮމޭޓުންނާއި އެމީހުންގެ އާއިލާތައް ރައްކާތެރިކަމާއެކު ސޫދާނުން ބޭރުކުރުމަށެވެ.
މިހާތަނަށް އެމެރިކާ، ސައޫދީ، ލުބްނާން، އުރުދުން އަދި އިނގިރޭސިވިލާތް މިގައުމުތަކުގެ ޑިޕްލޮމޭޓުންނާއި އެމީހުންގެ އާއިލާތައްވަނީ ސޫދާނުން ބޭރަށް ގެންގޮސްފައެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން މިކަންކުރީ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތަކުގައި ވައިގެ މަގުންނެވެ. ސައޫދީ އާއި ލުބްނާނާއި އުރުދުންއިން މިކަންކުރީ ކަނޑުގެ މަގުންނެވެ. ސޫދާނުގެ ޕޯޓް ސޫދާނުގެ ބަނދަރުން ސައޫދީގެ ޖިއްދާގެ ބަނދަރަށް އާގު ބޯޓެއްގެ ދަތުރު ބާއްވައިގެންނެވެ.
ސޫދާނުގެ އެންމެ ބޮޑު ދެ ލަޝްކަރުގެ ދެމެދުގައި ހިނގަމުންދާ އަސްކަރީ ތަޅާފޮޅުންތައް ދާޚިލީ ހަނގުރާމައަކަށް ބަދަލުވަމުންދާއިރު ހަމަލާތައް ހުއްޓާލައި ސުލްހައިގެ މަގު ޚިޔާރުކުރަން ދެފަރާތުންވެސް ބޭނުންނުވާކަން ދަނީ ހާމަވަމުންނެވެ. ދެލަޝްކަރުގެ ހަމަލާތަކުގެ ސަބަބުން ސޫދާނު ރައްޔިތުންގެ ދިރިއުޅުންވަނީ ވަރަށްބިރުވެރި ވޭންދެނިވި ހާލަތަކަށް ވެއްޓިފައެވެ.
ހަމަލާތަކުގައި ފައްސަތޭކައަށްވުރެ ގިނަމީހުން މަރުވެފައިވާއިރު ޒަޚަމްވި މީހުންގެ އަދަދު ހާހަކަށްވުރެ ވަނީ އިތުރުވެފައެވެ. ހޮސްޕިޓަލްތަކާއި ޔުނިވާސިޓީތަކާއި ސްކޫލްތަކަށްވެސްދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. އެއާޕޯޓްތައް ދަނީ ހަލާކުވަމުންނެވެ. މަގުތައްވަނީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައެވެ.
ސޫދާން ސިފައިންނާއި "އާރް.އެސް.އެފް" ސުލްހަ ކުރުވަން އދ. އާއި އެފްރިކާގެ އިއްތިހާދާއި އަވަށްޓެރި ގައުމުތަކުން ކުރަމުން ގެންދާ މަސައްކަތް މިހާތަނަށްވަނީ ނާކާމިޔާބުވެފައެވެ. ސޫދާނުގައި ތިއްބަވާ ބޭރުގެ މުރާސިލުން ބުނާގޮތުން ސޫދާން މިސްރާބު ޖަހާފައިވަނީ ސޫރިޔާ އާއި ލީބިޔާ އަދި ޔަމަންގައި ހިނގި ފަދަ ދާޚިލީ ހަނގުރާމައަކާ ދިމާއަށެވެ.