ރޭ އިރާކޮޅު އޮއްސާލި ބޯ ވާރެއާއެކު ވެސް، ފިލްމީ ދާއިރާގެ އިހުގެ ތަރިންނާއި އަލަށް ދާއިރާއިން ފެންނަ ތަރިން ޖަމާވީ އޮލިމްޕަހަށެވެ. އެ ބޯ ވާރޭގައި ޖެހި ތެމިގެން ވެސް، މުޅި ފިލްމީ އާއިލާ އެ ތަނަށް ޖަމާވިއެވެ.
ރެޔަކީ ދިވެހި ފިލްމީ ދާއިރާއަށް ބޮޑު ރެއެކެވެ. ދިވެހި ފިލްމީ އާއިލާ "ޔާރާ" އާއިިލާއަށް އަދި ވަކިން ހާއްސަ ރެއެކެވެ. އެ އާއިލާގެ ފިލްމީ ތަރި އައިޝަތު ރިޝްމީ ރަމީޒްގެ ހުވަފެނީ ޕްރޮޖެކްޓުގައި ކުލަޖެހުނު ރެޔެވެ.
ޔާރާ ޕްރޮޑަކްޝަންއަކީ ފިލްމީ ތަރި އާމިނަތު ރަޝީދާގެ ޕްރޮޑަކްޝަނެކެވެ. ދެން އެ އާއިލާއިން ކުރި ފަޅައި، ދިވެހި ފިލްމި އިންޑަސްޓްރީގައި އެތައް މަލެއް ފޮޅެން ފެށީއެވެ. އެއީ ދިވެހި ފިލްމީ ބަގީޗާ ފަޅުފިލުވައިލަދިން މާ ތަކެކެވެ.
ރޭ ބައިސްކޯފުގައި އިފްތިތާހު ކުރީ ޔާރާ ޕްރޮޑަކްޝަންގެ އުފެއްދުމެއް ނޫނެވެ. ޔާރާ ޕްރޮޑަކްޝަންގެ ފައުންޑާ، އައިންތުގެ ދަރިފުޅު، ފިލްމީ ތަރި ރިޝްމީގެ އަމިއްލަ ޕްރޮޑަކްޝަނެކެވެ. އޭނާގެ ޕްރޮޑަކްޝަން ހައުސް "އާރު2ޒީ ޕްރޮޑަކްޝަން" އާއި ދިވެހި ސްޓްރީމިން ޕްލެޓްފޯމް "ބައިސްކޯފު" ގުޅިގެން ނެރިފައިވާ ސީރީޒެކެވެ.
ހުސް ވެސް ދިިރިއުޅުމާ ގުޅޭ ކަންކަން!
ރޭ އޮލިމްޕަހުގައި ޔާރާގެ ދެ ސީރީޒް ބަލަން އިނދެ ހިތަށް އެރިއެވެ. މި ސީރީޒްގައި ދައްކަމުން މި ދަނީ މިއަދު ރާއްޖޭގެ މި މުޖުތަމައުގައި އުޅޭ އެކި ސްޓައިލުގެ މީހުންނެވެ.
ކައިވެންޏާއި ލޯބީގެ ގުޅުންތަކުގެ ވާހަކައިން ފަށައިގެން ފުރަތަމަ އެޕިސޯޑް ދެއްކިއިރު، އެކި މިޒާޖުގެ މީހުންގެ ވާހަކަ ގެނެސްދެއެވެ. ކައިވެންޏާމެދު އެކި ގޮތްގޮތަށް ދެކޭ އެކި ކެެރެކްޓަރުން މި ސީރީޒްގައި އުޅެއެވެ.
ލޯބީގެ ގުޅުމުން ފަށައި، ރަހުމަތްތެރިކަމުގެ ގުޅުމާއި އާއިލީ ގުޅުމާއި އޮފީސް މާހައުލުގެ ގުޅުންތަކުގެ ވާހަކަ ވަނީ ގެނެސްދީފައެވެ.
ފުރަތަމަ އެޕިސޯޑުގައި ނެރޭޝަންއަކާއެކު ކެރެކްޓާތައް ތައާރަފްކޮށްދީފައިވާ ގޮތް ވެސް ހިތްގައިމެވެ. ކޮންމެ ކެރެކްޓާއެއްގެ ވާހަކަ ތަފާތު ގޮތަކަށް ގެނެސްދީފައިވާއިރު، ބެލުންތެރިންނާ ގާތް ގުޅުމެއް އޮންނަ ބައެއްކަމުގެ އިހުސާސްކުރެވެއެވެ.
ސީރީޒްގެ ސިނަމެޓޮގްރަފީ ވެސް ވަރަށް ފުރިހަމައެވެ. ޝޮޓުތައް ގެނެސްދީފައި ވަނީ ބަލާލަން ހިތްގައިމު ގޮތަކަށެވެ.
ރިލޭޓް ކުރެވޭ ކަންތައްތައް!
މި ސީރީޒް ބިނާކޮށްފައި ވަނީ އެހެނަސްއިން ބެލުންތެރިންގެ ލޯބި ހޯދި، ސްކްރީން ރައިޓަރު އަހްމަދު އިގްބާލުގެ ވާހަކައެއްގެ މައްޗަށެވެ.
ދެހާސްސޯޅަ ވަނަ އަހަރުން ފަަަށައިގެން އިގްބާލް ކުރިފަޅުވަމުން އައި މި ވާހަކައަކީ އެހެނަސްއިން އޭނާއަށް މަގުބޫލުކަން ލިބުނު އިރުގެ ވެސް ކުރީގެ ޕްރޮޖެކްޓެކެވެ. އިގުބާލު ބުނާ ގޮތުން، "ސްޓްރަގަލް" ކުރަމުން ދިޔަ ދުވަސްވަރެއްގައި ލިބުނު ފުރުސަތެކެވެ.
"މި ސީރީޒް ލިޔުނުއިރު އެންމެ ބޮޑަށް ވިސްނީ މީހުންނަށް ރިލޭޓްވާނެ ކަންކަމާ މެދު. އެހެންވީމަ އެކީގައި އުޅޭ އެންމެން ތެރޭ ދެކެވޭ ވާހަކަތައް. އެކަހަލަ ވާހަކަތަކަށް ބޮޑަށް ފޯކަސް ކުރީ،" އިގްބާލް ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި، މި ފިލްމުގައި މާ ގިނަ ކަންތައްތަކެއް ނުހިނގާނެއެވެ. މާ ބޮޑު ޑްރާމާއެއް ނޯންނާނެއެވެ. މިއީ ވަރަށް ސިމްޕަލް ވާހަކައެވެ. މި ސީރީޒް ގިނަ ބަޔަކަށް ކަމުދާނީ، އެ މީހެއްގެ ދިރިއުޅުމާ ގުޅޭތީކަމަށް އޭނާ ދެކެއެވެ.
މި ފިލްމަކީ 90އާ ގާތްކުރާ އަދަދަކަށް ކާސްޓުން އުޅޭ ފިލްމެކެވެ. ރާއްޖޭގެ އިހުގެ ގިނަ ފަންނާނުންތަކަކާއި އަލަށް މި ދާއިރާއަށް ތައާރަފްވާ ގިނަ މޫނުތަކެއް ފެންނާނެއެވެ.
އިގްބާލްގެ ވިސްނުމަކީ މެއިންކޮށް އުޅޭ ކޮންމެ ކާސްޓަކަށް ޕާފޯމް ކުރެވޭނެ ކެރެކްޓާއެއް ލިޔުމެވެ. އެ ކެރެކްޓާ ބިލްޑު ކުރާއިރު، އޭގެ ބެކްސްޓޯރީގައި ގިނަ ކާސްޓުން ހިމެނޭ ގޮތަށެވެ.
"ބޭނުންވީ ދާއިރާގެ ގިނަ ބަޔަކު އެކައްޗަކުން ދައްކާލަން،" އިގްބާލް ބުންޏެވެ.
ރިޝްމީގެ ހުވަފެނީ ޕްރޮޖެކްޓެއް!
މިއީ ރިޝްމީގެ އަމިއްލަ ފުރަތަމަ ޕްރޮޖެކްޓެއް ނޫނެވެ. އޭނާވަނީ މަގުބޫލު އެތައް ޕްރޮޑަކްޝަންތަކެއް އާއްމުންނަށް ދޫކޮށްލައިފައެވެ. އާއްމުންގެ ލޯބި ވެސް ހޯދައިފައެވެ.
އެކަމަކު، ކުރެވުނު ހުރިހާ މަސައްކަތެއްގެ ތެރެއިން ވެސް މި ޕްރޮޑަކްޝަން ރިޝްމީއަށް ހާއްސައެެވެ. މިއީ އޭނާ ވަރަށް ކުރިއްސުރެ ދުށް ހުވަފެނެކެވެ. ކުރި އުންމީދެކެވެ.
"އަސްލު ބުނަންޏާ އެންމެ ބޮޑު އުންމީދެއް ކުރެވޭ ސީރީޒް މިއީ ރިޝްމީގެ ޕްރޮޑަކްޝަން ތެރެއިން. މިއީ ހަމަ ޑްރީމް ޕްރޮޖެކްޓެއް،" ރިޝްމީ ބުންޏެވެ.
"އައި ގޭވް މައި އޯލް އިންޓު އިޓް. މީގައި އުޅުނު ހުރިހާ ކުދިން ވެސް ވަރަށް ސަޕޯޓިވް. އައުޓްޕުޓް ވެސް ވަރަށް ހިތްހަމަޖެހޭ،"
ރިޝްމީ ވެސް ފާހަގަކުރި އެއްކަމަކީ، މީގެ ސްޓޯރީއަކީ މާ ތަފާތު ސްޓޯރީއެއް ނޫން ކަމެވެ. މި ސީރީޒްގައި ދައްކުވައިދޭނީ ކޮންމެ ދުވަހެއްގެ ވެސް ދިރިއުޅުމުގައި ހިނގާ ކަންތައްތަކެވެ. އެކި ގުޅުންތަކުގެ މެދުގައި ހިނގާ ކަންތައްތަކެވެ.
އެކަމަކު، މި ޕްރޮޑަކްޝަންގެ ކޮންސެޕްޓް ތަފާތެވެ. ކެރެކްޓާސް ގެނެސްދީފައިވާ ގޮތާއި، ޑައިލޮގްތައް ގެންގުޅެފައިވާ ގޮތުން މި ސީރީޒް ބޮޑު ތަފާތެއް ގެނެސްދެއެވެ.
ޔާރާ އާއިލާއަށް ވެސް ހާއްސަ!
މި ސީރީޒްގެ އެންމެ ލީޑް އެކްްޓްރެސްއިންނަކީ ރިޝްމީ އާއި މަރިޔަމް އައްޒައެވެ. އެ ނޫނަސް، އެތައް ސަބަބަކާ ހެދި ޔާރާގެ އާއިލާއަށް މި ޕްރޮޖެކްޓް ހާއްސައެވެ.
ރިޝްމީގެ ޕްރޮޑްކްޝަންއަށް އޭނަގެ މަންމަ އައިންތު ބުނީ ރިޝްމީގެ ކޮންމެ މަަސައްކަތެއް ވެސް ވަރަށް ހިތްހަމަޖެހިގެން ބަލައިގަންނަ ކަމަށެވެ.
"އެއީ ކޮންމެ ކޮންމެ ގޮތަކަށް މަސައްކަތެއް ދާކަށް ދޫކޮށްލާނެ ކުއްޖެއް ނޫން،" އައިންތު ބުންޏެވެ.
"އެހެންވީމަ، އޭނާ ކޮންމެ ލަވައެއް ހެދިޔަސް، ފިލްމެއް ހެދިޔަސް ޑްރާމާއެއް ހެދިޔަސް އެ އެތި އިންނާނީ ވަރަށް ފުރިހަމަކޮށް. އެހެންވީމަ ވަރަށް އުފާވޭ، ވަރަށް ބަލައިގަންނަން އެކަން،"
ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް، އާއްމުންގެ ލޯތްބާއި އިހުތިރާމް ހޯދައިފައިވާ އައިންތު މި ސީރީޒަށް ކުރާ އުންމީދުތައް ބޮޑެވެ. މިއީ އޭނާ ގަބޫލު ކުރާ ގޮތުގައި އިންޑަސްޓްރީގެ ދުވަސްވީ ގިނަ ތަރިންތަކަކާއި މިހާރުގެ އާ މޫނުތައް ހިމަނައިގެން އުފައްދައިފައިވާ ތަފާތު ސީރީޒެކެވެ.
" ބުނެލާނީ ބެލުންތެރިންނަށް ބުނެލާނީ ވަރަށް ތަފާތު ސީރީޒެކޭ ފެނިގެން މިދަނީ. ވަރަށް ޖޯޝާއި ފޯރީގައި ބަލާލައްޗޭ،" އައިންތު ބުންޏެވެ.
މިއީ އައްޒައަށް ވެސް ހާއްސަ ޕްރޮޖެކްޓެކެވެ. އާއިލާގެ ތެރެއިން ފެށިގެން އައި "ޔާރާ" ދުވަހަކު ވެސް މިހާ ބޮޑުވެދާނެ ކަމަށް އޭނާ ނުވިސްނައެވެ. އެކަމަކު، މިއަދު އެ ކަމުގައި ވެސް އޭނާއަށް ބައިވެރިވެވިފައިވާތީ އައްޒަ ހުރީ ވަރަށް އުފަލުންނެވެ.
"މިއީ ފެށިގެން ދިޔައިރު ރިޝްމީގެ ޑްރީމް ޕްރޮޖެކްޓެއް އަސްލުގައި. ނިމިގެންދިޔައިރު އައްޒަގެ ވެސް ޑްރީމް ޕްރޮޖެކްޓަށް ވެފައި މި ވަނީ،" އައްޒަ ބުންޏެވެ.
"ދެ މީހުންގެ ވެސް ވަރަށް ބުރަ މަސައްކަތް މިއީ،"
އައްޒަގެ ކެރެކްޓާއަށް ތައުރީފް!
ސީރީޒް ބަލައި ނިމި، އޮލިމްޕަހުން ނުކުމެ ދިޔަ މީހުންގެ ތެރެއިން އެންމެ މަގުބޫލު ކެރެކްޓާއަކީ ކޮބާތޯ އަހާލުމުން ގިނަ ބައެއްގެ ޖަވާބަކީ މިއެވެ.
"އައްޒަގެ ކެރެކްޓާ އެންމެ ސަޅީ،"
މި ސީރީޒްގައި އައްޒަގެ ކެރެކްޓާ ތަފާތެވެ. ހަމަައެކަނި ތަފާތީއެއް ނޫނެވެ. އޭނާގެ އެކްޓިން މޮޅުވެފައި ކުޅަދާނައެވެ. އަނެއްކާ، އެއީ މީހުން ގަޔާވާ ކަހަލަ ކެރެކްޓާއެކެެވެ.
އައްޒަ ބުނީ މިއީ މިހާތަނަށް އޭނާ ކުރި އެންމެ ބޮޑު މަސައްކަތް ކަމަށެވެ. އޭނާ ހުރީ މި މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހި އުފަލުންނެވެ. އެކްސައިޓްމަންޓާއެކުގައެވެ.
"މި ސީރީޒުން ފެނިގެންދާ އައްޒަގެ މި ކެރެކްޓާ ޝާޔާއަކީ އައްޒަ މިހާތަނަށް އެންމެ އިންޕުޓް ލީ ކެރެކްޓާ. ހުރިހާ ގޮތަކުން ލުކްފޯވާޑް ވެސް ކުރެވޭ. މަަސައްކަތް ވެސް ކުރެވުނު. ވަރަށް ލޯބިވާ ކެރެކްޓާއެއް މިއީ. މިހާތަނަށް ކުޅެވުނު ކެރެކްޓާތަކުގެ ތެރެއިން އެންމެ ލޯބިވާ ކެރެކްޓާ މިއީ،" އައްޒަ ބުނެލިއެވެ.
ކުރި މަރައިނުލައި ބުނާނަމަ، އައްޒަގެ ކެރެކްޓާގައި ދައްކުވައިދެނީ ވަރަށް މޮޑާން އަންހެން ކުއްޖެކެވެ. ފުރަތަމަ ދެ އެޕިސޯޑުން ދައްކުވައިދެނީ، ލޯތްބާމެދު އޭނާ ވެސް ދެކޭ ގޮތެވެ. ލޯބީގެ ގުޅުމެއްގައި އޭނާ އުޅޭ ގޮތެވެ.
އައްޒަ ގާތުގައި އަހާލީމެވެ. މި ސީރީޒް ތަފާތުވާނީ ކޮންގޮތަކުންތޯއެވެ. އެ ސުވާލަށް އޭނާގެ ޖަވާބު ވަރަށް ސާފެވެ.
"ހުރިހާ ގޮތަކުން ވެސް. ކޮލިޓީ ވައިޒް. ޓްރީޓް ޓު ޔުއާ އައިސް. ކުލަތަކުން ފެށިގެން، ހުރިހާ ޝޮޓަކީ ވެސް އެ ޝޮޓަކަށް ވަކިން ކުލަތައް ގެނެސްގެން ސެޓުކޮށްގެން ނެގި ސީންތަކެއް،" އައްޒަ ބުންޏެވެ.
މިއީ ބޮޑު ސީރީޒަކަށް ވާތީ މި ސީރީޒަށް ވަރަށް މަސައްކަތް ގިނަކަން އޭނާ ފާހަގަކުރިއެވެ. އެކަމަކު، އެހާ ގިނަ ސީރީޒްތަކެއް ހެދިޔަސް ކޮލިޓީ ކޮމްޕްރޮމައިޒްކޮށްފައި ނުވާކަމަށް ބުންޏެވެ.
ސީރީޒް ބަލައި ނިންމުމަށްފަހު ވެސް، ގިނަ ބަޔަކު އައްޒަގެ ކެރެކްޓާއަށް ތައުރީފް ކުރިއެވެ. އޭނާގެ މޮޅު އެކްޓިންއަށް ވެސް ތައުރީފް ކުރިއެވެ.
"މި ތަނުން ބެލުންތެރިން މައްސަލަ ޖައްސަނީ އަސްލު އެންމެ ދެ އެޕިސޯޑު އެޅުވީމަ. އެ މީހުން ބޭނުންވަނީ ފަސްވަރަކަށް އެޕިސޯޑް ބަލާލަން،" ހީލަމުން އައްޒަ ބުނެލިއެވެ.
ރާއްޖޭގައި އެންމެ ގިނަ ކާސްޓުންނާއެކު ހަދާ އެއް ސީރީޒަކީ ޔާރާއެވެ. މި ސީރީޒްގައި، 90 އަށްވުރެ ގިނަ ކާސްޓުން ފެނުމަކީ އެއީ ވެސް މި ސީރީޒްގެ ހާއްސަ ކަމެކެވެ.
ފަންސާސް އެޕިސޯޑް ހިމެނޭ މި ސީރީޒް ބަލައިލެވޭނީ، ބައިސްކޯފު އެޕްލިކޭޝަނުންނެވެ.
ގައިމު ވެސް، ފުރަތަމަ ދެ އެޕިސޯޑް ބަލައި "ޔާރާ"އަށް ކިޔާނެ ފާޑެއް ނެތެވެ. މި ސީރީޒަށް ކުރުން ހައްގީ ތައުރީފެވެ. ދައްކަން އޮތީ ފުރިހަމަކަމުގެ ވާހަކައެވެ. މޮޅުކަމުގެ ވާހަކައެވެ.
މިއީ ރާއްޖޭގެ ފިލްމީ ދާއިރާއަށް އަނެއްކާ ވެސް ދޫކޮށްލެވޭ މުހިންމު ބޮޅެކެވެ.