މަންޒަރު ސާފު: ޗައިނާ ޓޫރިސްޓުން ލައްކައަކާ ގާތް ކުރާނެ!

ޗައިނާ ފަތުރުވެރިއަކު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔަނީ--- ސަން ގްރެފިކްސް/ އަޙްމަދު ސަދޫފް މޫސާ

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާ މާކެޓުން ޓޫރިސްޓުން ރާއްޖެ އަންނަން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ފެށުނު އިރު ޗައިނާ މާކެޓުގެ ކުރިމަގު އޮތީ އެހާ ސާފުކޮށެއް ނޫނެވެ. އެހެން ނަމަވެސް، އޭރު ވެސް ސަރުކާރުގެ އަމާޒެއް އޮތެވެ.

"އެމީހުންނަކީ [ޗައިނާ ފަތުރުވެރިންނަކީ] ވަރަށް ބައި ބޯ ބަޔަކަށް ވެފައި އަޅުގަނޑުމެންނަށް ރީޒަނަބަލް ނަންބަރެއްގައި، ޗައިނާ މާކެޓު ރަނގަޅު ގޮތެއްގައި އައިސްފިނަމަ އެއްލައްކައާ ގާތްކުރާނެ ވަރުގެ އަދަދަކަށް ފަތުރުވެރިން އަންނާނެކަމަށް މި ބަލަނީ،" މިއީ ޗައިނާ މާކެޓުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ވާހަކަކޮޅެވެ.

މި އަމާޒު ހާސިލުވުމާ މެދު ސުވާލެއް އޮތް ނަމަވެސް، މިއަދާ ހަމައަށް އައިއިރު ޗައިނާގެ މާކެޓުން ފެންނަނީ ކުރިއެރުމެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ މި އަހަރުގެ މިހާތަނަށް ޗައިނާ މާކެޓުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދެވެ.

- ޖެނުއަރީ: 5،796

- ފެބްރުއަރީ: 4،276

- މާރިޗު: 7،619

- އޭޕްރީލް 23 ގެ ނިޔަލަށް: 8,545

ޗައިނާގެ ފަތުރުވެރިއަކު ރާއްޖޭގައި --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ނަންބަރުތަކުން ފެންނަނީ ފެބްރުއަރީ މަހުގައި ޗައިނާ މާކެޓު ދަށްވި ކަމުގައި ވީ ނަމަވެސް، އޭގެ ފަހުން ޗައިނާ މާކެޓު ކުރިއަރަމުން އަންނަ ތަނެވެ. މި އަހަރުގެ މިހާތަނަށް ޗައިނާ އިން 26،234 ފަަތުރުވެރިއަކު އައިސްފައިވާއިރު، މި މަސް ނިމޭއިރު މި މަހުން އެކަނި 10،000 އަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

"އެއްކަމަކަށް މިހާރު ނަންބަރު އަށެއްގައި ދެއްތޯ ޗައިނާ މާކެޓު މި އޮތީ. އަޅުގަނޑުމެން އަންދާޒާ މި ކުރަނީ ނަންބަރު ހަތަކަށް މި އަންނަ ހަފުތާގައި ނޫނީ ދެން އަންނަ ހަފުތާގައި ޗައިނާ މާކެޓު އަރާނެ ކަމަށް،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ޗައިނާ މާކެޓު އިއްޔެ އާ ހަމައަށް އައިއިރު އޮތީ ރާއްޖޭގެ ހަތް ނަންބަރު މާކެޓުގެ ގޮތުގައިއެވެ. ހަވަނައިގައި އޮތް އެމެރިކާ އާއި ޗައިނާ މާކެޓާއި އުޅެނީ އެންމެ އެއް ހާސް ފަތުރުވެރިންގެ ތަފާތެކެވެ. މި ތަފާތަކީ މި މަސް ނިމުމުގެ ކުރިން ޗައިނާ އަށް ކައިރި ކުރެވޭނެ ތަފާތެކެވެ.

ޓުއަރިޒަމް މިނިސްޓަރ މައުސޫމް ސަން އަށް އިންޓަވިއު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

" ޔޫއެސް އަދި ފްރާންސް ފާހާލާނެ ކުރިއަށް އޮތް ހަފުތާ ތަކުގައި. އޭގެ މާނައަކީ ހަތަކަށް އަރައިފައި ހަޔަކަށް ވެސް އަރާނެއޭ. އަންދާޒާ މި ކުރަނީ ކުރިއަށް އޮތް ދުވަސް ތަކުގައި އެކަން ފެންނާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާ މާކެޓުން ފްލައިޓްތައް އައުން މަދު!

ޗައިނާ މާކެޓުން ފަތުރުވެރިން އައުން ބޮޑު ތަނުން އިތުރުވަމުން ދިޔަ ނަމަވެސް، އަދި ވެސް ޗައިނާ މާކެޓު ރަނގަޅަށް ރާއްޖެއަށް ނުހުޅުވެއެވެ. ޗައިނާ އިން ރާއްޖެއަށް ޑައިރެކްޓް ކޮށް ދަތުރުކުރަނީ ގާތްގަޑަކަށް އެންމެ ދެ ފްލައިޓެވެ.

"މި ވަގުތު ވެސް ދިމާވެގެން މި އުޅޭ ކަމަކީ އަގު ބޮޑު ވުމާއި، އެއާލައިންތަކުގެ ކަނެކްޓިވިޓީ ދަށް ވުން. ޚާއްސަކޮށް އީސްޓަން ކަނެކްޓިވިޓީ ނެތީމާ،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ބީދާއިން ޗައިނާ އިން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް މަދުވުމަކީ ރާއްޖެއަށް ޗައިނާ ފަތުރުވެރިން އައުން މަދުވާ އެއް ކަމެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ ލެޓްސްގޯ މޯލްޑިވްސް ގެ ސީއީއޯ މުހައްމަދު ރިޔާޒް ވެސް ގަބޫލުކުރައްވަނީ އެފަދައިންނެވެ.

ޗައިނާގެ ފަތުރުވެރިއަކު ރާއްޖޭގައި --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

"ޗައިނާ މާކެޓު އަސްލު އެ އުޅެނީ އޯޕަން ނުވެގެން ރާއްޖެއަށް. އަނެހެން ބުނަންޏާ އިތުރު ފްލައިޓެއް ވެސް އަސްލު ނީނދޭތާ ދޯ. އެކަމަކު އެހެން ޑެސްޓިނޭޝަންތަކަށް އެބަދޭ ޗާޓާރު. އެކަމަކު ރާއްޖެއަށް އަދި ނުވެގެން އެ އުޅެނީ،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ޗައިނާ މާކެޓުތަކުން ރާއްޖެއަށް ސީދާ އަންނަ ފްލައިޓްތަކުގެ ސަބަބުން އޭގެ ރަނގަޅު އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ކަމަށެވެ. އެހެން ކަމުން އެފަދަ ސީދާ ދަތުރުތައް ރާއްޖެއާއި ޗައިނާގެ މާކެޓުތަކަށް އޮތުމަކީ މުހިއްމު ކަމެއް ކަމުގައި އޭނާ ދެކެއެވެ.

ރިޔާޒް ފާހަގަ ކުރެއްވި ބީދާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި މާހިރުން ވެސް ގަބޫލުކުރައްވަނީ ޗައިނާ މާކެޓް ރާއްޖެއަށް ބޮޑަށް ހުޅުވި، ގިނަ ފްލައިޓުތައް އަންނަން ފެށުމުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާ އިން ރާއްޖެއަށް އައި ބެއިޖިން ކެޕިޓަލް އެއާލައިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އެގޮތުން ގިނަ އެއާލައިންތަކުން އޮޕަރޭޓަރުންނާ ވާހަކަ ދައްކުމަކީ އެ މާކެޓު ހުޅުވާލުމަށް ލިބޭނެ ފުރުސަތެއް ކަމުގައި ގިނަ ބޭފުޅުން ގަބޫލުކުރައްވައެވެ.

"ކޮވިޑްގެ ކުރިން އައި ހުރިހާ ފްލައިޓެއް ނާދޭ ނޫންތޯ. އެކަމަކު އަންނަން ފެށި ވަރަކަށް ވެސް ރަނގަޅުވާނެ ކަމަށް ދެކެނީ،" ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރާ ހައި ރައިޒް ޕްރައިވެޓް ލިމިޓެޑްގެ ކޯ ފައުންޑާ އަދި ޑިރެކްޓަ އިސްމާއިލް ހަމީދު ވިދާޅުވިއެވެ.

ފްލައިޓްތައް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ދެހާސް ނަވާރަ ވަނަ އަހަރު ޗައިނާ އަކީ ރާއްޖޭގެ އެއް ނަންބަރު މާކެޓެވެ. އޭރު ޗައިނާ އިން ރާއްޖެއަށް ގިނަ ފްލައިޓްތަކުން ދަތުރު ކުރެއެވެ. މި އަހަރުގެ ކުރިއަށް އޮތީ ޗައިނާގެ ޕީކް ދުވަސްވަރަށް ވާއިރު، މި ދުވަސްވަރަށް ގިނަ ފްލައިޓްތަކުން ޗައިނާ މާކެޓުން ޓޫރިސްޓުން ރާއްޖެ ގެނައުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީ އިން ދަނީ ކުރަމުންނެވެ.

" [ޗައިނާ ޓޫރިސްޓް އެރައިވަލް ރަނގަޅުކުރުމަށް] ތިން ކަނެކްޝަނެއްގެ ވާހަކަ އެބަ ދެކެވޭ. އޭގެ ތެރޭގައި ބަޓިކް އެއާ، އެއީ މެލޭޝިއާ އިން ދަތުރުކުރަން ފަށާނެ ކަމަށް ވަނީ ޖޫން ތެރޭގައި،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

ސިންގަޕޯ އެއާލައިންސް އިން ރާއޖެ އަށް ދަތުރު ފެށުން -- ފޮޓޯ: އެމްއޭސީއެލް

މީގެ އިތުރުން ވެސް އިތުރު ދެ އެއާ ލައިނަކާ ވާހަކަދެއްކުމުގެ މަސައްކަތް މިނިސްޓްރީ އިން އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޖެޓް ސްޓާ އަދި ކޮރެއަން އެއާއެވެ.

"ޖެޓް ސްޓާ ވެސް ނޮވެމްބަރުގައި ފެށޭނެ ކަމަށް މި ދެކެނީ. ކޮރެއަން އެއާގެ ދަތުރުތައް ފެށިއްޖެއްޔާ އެއީ ބޮޑު ކުރިއެރުމަކަށް ވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ފެންނަ މަންޒަރު ސާފު، އެއްލައްކަ ވާނެ!

ކުރިއަށް އޮތް ދުވަސްވަރަކީ ޗައިނާ ފަތުރުވެރިންގެ ޕީކް ދުވަސް ވަރަށް ވުމާއެކު ވެސް، ޓޫރިޒަމް ދާއިރާގެ ގިނަ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ޗައިނާ އިން މި އަހަރު އެއްލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެއެވެ.

"މިހާރު މި އަންނަނީ ޗައިނާގެ ހައި ސީޒަން އަޅުގަނޑުމެންގެ ލޯ ސީޒަން. އަނެހެން ޗައިނާ މާކެޓު ރަނގަޅަށް ހުޅުވިއްޖެ ނަމަ، ތި ދަންނަވާ ފިގާ އަށް އައުން ވަރަށް ގާތް،" ލެޓްސް ގޯ މޯލްޑިވްސް ގެ ސީއީއޯ ރިޔާޒް ވިދާޅުވިއެވެ.

ޗައިނާގެ ފަތުރުވެރިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ޗައިނާ އިން 2019 ވަނަ އަހަރު އެކަނި ވެސް ރާއްޖެއަށް 284,029 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެއީ ދުވާލެއްގެ ނިސްބަތުން ބަލާކަމަށް ވާނަމަ ދުވާލަކަށް 778 ޗައިނާގެ ފަތުރުވެރިންނެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޗައިނާއިން 26،234 ފަތުރުވެރިން ޒިޔާރަތްކުރިއިރު، އެއީ ނިމިދިޔަ މުއްދަތުގައި ދުވާލަކަށް ބަލާއިރު، 232 ފަތުރުވެރިންނެވެ.

މި އަދަދު މުޅިި އަހަރަށް އަންދާޒާކޮށް ބަލާއިރު އެއީ 84،860 ފަތުރުވެރިންނެވެ.

އެހެން ނަމަވެސް، ކުރިއަށް މި އޮތީ ޗައިނާއަށް ބަންދުތައް ގިނަ ދުވަސްވަރަކަށް ވެފައި ޗައިނާގެ ޕީކް ސީޒަންއަށް ވުމުން، މި އަދަދު މިއަށް ވުރެ އިތުރުވާނެއެވެ.

ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާރ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ޗައިނާގެ މާކެޓު އަތުލާނެ ކަމުގެ ވަރަށް ބޮޑު ކޮންފިޑެންސެއް އެބައޮތް. ޗައިނާގެ ބޮޑެތި ލައިވް ޝޯ ތައް ބާއްވަން މަޑުމަޑުން މި ފައްޓަނީ ދެއްތޯ. އިންޓަނޭޝަނަލް މާކެޓް ޓްރެވެލާސް ވެސް. ގަބޫލު ކުރާ ގޮތުގައި ޗައިނާ މާކެޓު އަދި މާ ރަނގަޅު ވާނެ،" ހައި ރައިޒް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި ރާއްޖެއިން ހާސިލްކުރަން ބޭނުންވާ އަމާޒު ސާފެވެ. މި އަހަރު ރާއްޖެއިން ޙާސިލް ކުރަން ބޭނުންވާ އަމާޒަށް ވާސިލްވެވޭނެއެވެ.

comment ކޮމެންޓް