ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކުރަން ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅިގެން ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކުރަން ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މި މައްސަލައާ މެދު ގޮތެއް ނިންމުން އަންނަ ހުކުރު ދުވަހަށް ތާވަލްކޮށްފައި ވާއިރު، ޗާގޯސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުކުރި ސަބަބު ހާމަކޮށްދިނުމަށް އެ މައްސަލައިގައި ގޮވާލާފައިވެއެވެ.

ބަހުސްގެ ފުރަތަމަ ފުރުސަތުގައި ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ، އެވަރުގެ ބޮޑު މައްސަލައެއް ނިމިގެން ދިޔައިރު ރާއްޖޭގައި ތިއްބެވި ގާނޫނީ ގޮތުން ފުންނާބު އުސް އެއްވެސް ބޭފުޅެއްގެ ރައުޔެއް އެކަމުގައި ހޯދާފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމުގެ ބަދަލުގައި ސަރުކާރުން އެހެން މިސްރާބަކަށް ދިޔުމަށް މަސައްކަތް ކުރަމުން ދާތީ އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑު ތަކަކީ ޚާއްސަކޮށް ފޯޅަވައްސާ ހިސާބުން މި ފާހަގަކުރެވޭ ހިސާބުތަކަކީ ސަތޯރަހަޔާ އާއި އެނޫންވެސް ރާއްޖޭގެ މަސްވެރިކަމަށް ވަރަށް ހާއްސަ ސަރަހައްދުތައް ކަމަށް ވާއިރު، މި ގެއްލިގެން ދާ ބަޔަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ މަސްވެރި ކަމަށްވެސް މުޅި ރާއްޖެއަށް ވެސް އޭގެ ސަބަބުން އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިގެން ދާނެ ކަމެއް. މެމްބަރު އާދަމް ޝަރީފް އުމަރު

މީގެ އިތުރުން ސަރުކާރުން މޮރިޝަސް އާ އެކު ސިއްރު ޑީލްތަކެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވާ މެމްބަރު ވަނީ އެ ޑީލްތައް ތަހުގީގުކޮށް އެކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ ތެރެއިން 23 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޗާގޮސް މޮރިޝަސް އާ ހަވާލުކުރުމާ ދެކޮޅަށް ރާއްޖެއިން މީގެކުރިން ވަކާލާތު ކުރަމުން އައި ނަމަވެސް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ވަކާލާތުކުރަމުން އެ ގަރާރާ އެއްކޮޅަށް ވޯޓުދޭން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު ވަނީ ވިދާޅުވެފައެވެ.

އެކަމަށް ތާއީދުކުރުމަށް ސަރުކާރުން ނިންމީ ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށްވެފައި ގައުމުތަކުގެ ސިޔާދަތީ ބާރު އޮތުމަށް ތާއީދުކުރާ ގައުމަކަށް ވާތީ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް