އަބަދުވެސް ބަލަނީ އަމިއްލައިން ކިޔެވުމަށް ވަގުތު ހުސްކުރެވޭތޯއެވެ. ހާއްސަކޮށް އޯލެވެލް އަަހަރު ކިޔެވުމުގެ އާދަތައް ބައްޓަން ކުރީ އެގޮތުގެ މަތިންނެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެ މާއްދާއަކަށް ވެސް މަދުވެގެން އެއް ގަޑިއިރު ހޭދަކުރެވޭތޯ ބެލިއެވެ. ވަގުތު މެނޭޖު ކުރަން މަސައްކަތް ކޮށް އަށް ގަޑިއިރުގެ ނިދި ވެސް ހަމަ ކުރެއެވެ. ކިޔެވުމުގެ ތެރެއިން ހުސް ވަގުތު ވެސް ނަގައެވެ.
ކިޔެވުމުގެ އިތުރުން ރަނގަޅަށް ކެއިން ބުއިމަށް ވެސް ސަމާލުކަން ދެއެވެ. ޕާސްޓް ޕޭޕަރުތައް ހެދުމަށް ސަމާލުކަން ދީގެން އެންމެ ފަހު ވަގުތުގައި މުދައްރިސުން ކިޔައިދޭ ވާހަކަތައް ވެސް ކަނުލައި އަޑު އަހައި، ކިތަންމެ ކުޑަ އޮޅުމެއް އިނަސް އެކަން ސާފުކުރިއެވެ. އަދި އޯލެވެލްގެ ކުރިން ޓިއުޝަން ނުނަގައި ޓިއުޝަން ނަގަން ފެށީ މޮކް އިމްތިހާނުން ދައްވި މާއްދާތަކުން އެކަންޏެވެ. މި ހުރިހާ ކަމެއްގެ މައްޗަށް އެންމެ ބޮޑު ސަމާލުކަމެއް ދިނީ ގަޑިންގަޑިއަށް ނަމާދުކޮށް، ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ގަވައިދުން ޤުރުއާން ކިޔެވުމަށެވެ.
މިއީ 2019 ވަނަ އަހަރު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއިން އޯލެވެލް ނިންމައި، ހުރިހާ މާއްދާއަކުން އޭ ސްޓާ ހާސިލުކޮށް، ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުމުގެ އިތުރުން އެކައުންޓް މާއްދާއިން ރާއްޖެއިން އެއްވަނަ ހާސިލުކޮށް، ހަމަ އެ މާއްދާއިން ދުނިޔޭގެ ހަ ވަނަ ހާސިލު ކުރި ފާތިމަތު ޝާހާ ހުސައިން، އޭނާގެ އޯލެވެލް އަހަރު އަމަލުކުރި ގޮތުގެ ޚުލާސާއެކެވެ.
މި ވާހަކަތައްކަށް މި ފަހަރު އެންމެ ޝައުގުވެރިވާނީ މި އަހަރު އޯލެވެލް އިމްތިހާން ހަދާ ދަރިވަރުންކަން ޔަގީނެވެ. މާދަމާ އެސްއެސްސީ އިމްތިހާން ފެށޭއިރު، މި ދުވަސްކޮޅަކީ މި އަހަރު ގްރޭޑް ދިހައެއް ކިޔަވަމުންދާ ދަރިވަރުނަށް ނާޒުކު، އަދި އެހާމެ މުހިއްމު ދުވަސްކޮޅެކެވެ. ދިހަ އަހަރު ދުވަހުގެ ކިޔެވުމަށް ނިމުން ގެނުވާ އިމްތިހާނުތަކަށް ހުރިހާ ދަރިވަރުން ތައްޔާރުވަމުންދާއިރު، ސަމާލުވާން ޖެހޭ އެތައް ކަމެއް އެބަހުއްޓެވެ.
ފަރިތަކުރުމުގައި ސަމާލުވުން މުހިއްމު
މިއަދަކީ އެސްއެސްސީ އިމްތިހާން ފަށަން އެންމެ ފަހު ދުވަހަށް ވާއިރު، ހަނދާނުގައި ބެހެއްޓުން މުހިއްމު އިތުރު ކަންތައްތަކެއްގެ ވާހަކަ ވެސް ޝާހާ، އޭނާގެ ތަޖުރިބާއިން ހިއްސާކުރިއެވެ.
"އެންމެ ފަހު ދުވަހު އެހާވަރަކަށް ކިޔަވާ ނުހަދަން. ކުޑަކޮށް ހަމަޖެހިލައި، ކުޑަކޮށް ޓޮޕިކްސްތަކަށް ބަލާލި. ދެން ޕާސްޓް ޕޭޕަރުގެ އުނދަގޫ ސުވާލުތައް ގޯތުރޫ ކޮށްލީ،" އޭނާ ބުންޏެވެ.
މި އިމްތިހާނަކީ ވަރަށް ގިނަ ކަންކަމެއް އެ އިމްތިހާނުތަކަކަށް ބަރޯސާވާ އެއްޗަކަށްވާއިރު، ސްކޫލުތަކުން ވެސް ދަރިވަރުންނަށް ބޭނުންވާ އެހީ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭތޯ މަސައްކަތް ކުރެއެވެ. ދަރިވަރުންނަށް ލިބޭ ކާމިޔާބީ ސްކޫލަށް ވެސް ލިބޭ ކާމިޔާބަކަށް ވާތީއެވެ. އަދި ސްކޫލުގެ ނަން ރަން އަކުރުން ތާރީޚުގައި ލިޔެވިގެން ދަނީ ހުނަރުވެރި އަދި ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ފުށުން ކަމުގައިވާތީއެވެ. މި ފަހަރުގެ އޯލެވެލްއަށް ސްކޫލުތަކުން ވަމުން އައި ތައްޔާރީ އާއި އަދި އެންމެ ފަހުގެ ތައްޔާރީ ވެސް ވާނީ އޮޅުންފިލުވާލައިފައެވެ.
"އެހީ ބޭނުންވާ ކުދިންނަށް ހާއްސަކޮށް އިތުރު އެހީ ވާނެ އިތުރު ގަޑިތައް ނަގައިގެން ފޯރުކޮށްދީފަ. ވަރަށް މަސައްކަތް ކޮށްދިނިން ހުރިހާ ގޮތަކުން ވެސް ދަރިވަރުންނަށް. ޕާސްޓް ޕޭޕަރުތައް ވެސް ހަދުވައި، އިތުރަށް ބޭނުންވާ އެހީތައް ވެސް އެންމެ ފުރިހަމައަށް މުދައްރިސުންގެ ފަރާތުން ދެވޭތޯ މަސައްކަތްކޮށްދިނިން. މިހާރު އެންމެ ފަހު ވަގުތާ ހިސާބަށް ގާތްގަނޑަކަށް އާދެވިފަ ވާއިރު، އެދެނީ ހުރިހާ ކުދިންނަށް ވެސް ކާމިޔާބީއަށް،" އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވިއެވެ.
މައިންބަފައިން ވިސްނާލުން މުހިއްމު
އޯލެވަލް އިމްތިހާނަކީ ދަރިވަރުންގެ އިތުރުން މައިންބަފައިންނަށް ވެސް މުހިއްމު އެއްޗެކެވެ. ކޮންމެ މީހަކީ ވެސް އަމިއްލަ ދަރިފުޅު އެންމެ މަތިން ނަތީޖާ ގެންނާނެ ކަމަށް އެތައް އުއްމީދުތަކެއް ކުރާ ބައެކެވެ. އެ އުއްމީދުތަކުގައި، ދަރިވަރުންނަށް ކުރަން ނުޖެހޭ ޕްރޭޝާ، ނޭނގި ކުރެވޭ މަންޒަރު ފެނެއެވެ. އޭގެން ދަރިވަރުން ވަނީ އިތުރަށް ހާހެވެ. އިތުރަށް ގަންނަނީ ބިރެވެ. ބައެއް ސްކޫލުތަކުން ވަނީ މި ދުވަސްވަރާ ދިމާކޮށް، ދަަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން މިކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދީފައެވެ.
"ދަރިވަރުންގެ މެންޓަލް ހެލްތަކީ އެންމެ މުހިއްމު އެކަތި. އަބަދު ކިޔެވުމުގެ އުޅެގެން ވެސް އެހީއެއް ނުލިބޭނެ. އަޅުގަނޑުމެން ގިނަ ކްލާސްތަކެއް ނަގައިގެން ދަރިވަރުންނަށް އެކި ގޮތްގޮތަށް ފަރިތަކޮށްދިނިން. އެކަމު ދުވަސްކޮޅުގެ ގޮތުން ކުދިންނަށް ވެސް އެކި މީހުން ގެނެސްގެން މޯޓިވޭޝަނަލް ސެޝަންތައް ނަގައިދިނިން." އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މަމްދޫހް ވިދާޅުވިއެވެ.
"މި ފަހަރު ގްރޭޑް ދިހައެއްގަ އުޅޭ ހުރިހާ ދަރިވަރުންގެ ޕޭރެންޓުންނާ ބައްދަލުކޮށް ވަކި ކުދި ގްރޫޕްތައް ހަދައިގެން ބައްދަލުކޮށްދިނިން. ދަރިވަރުންނާއި އިމްތިހާނާ ބެހޭ ގޮތުން ވާހަކަދެއްކިން. ދަރިވަރުންނަށް ޕްރެޝާއެއް ލިބޭ އެއްވެސް ގޮތަކަށް އަމަލުނުކުރުމަށް އެދުނިން. އެކި ގޮތް ގޮތުން ވަރަށް ބައިވަރު މަސައްކަތްތަކެއް މި އިމްތިހާނަށް ކުރެވިއްޖެ. މިހާރު އުއްމީދުކުރަނީ ކާމިޔާބު ނަތީޖާއަކަށް،"
މިފަދަ ހުރިހާ މަސައްކަތަކުން ވެސް ދޭހަކޮށްދެނީ މި އިމްތިހާނުގެ މުހިއްމުކަމެވެ. ދަރިވަރުންނާއި ސްކޫލުތަކުން މި އިމްތިހާނަށް ކެނޑިނޭޅި ކުރާ މުހިއްމު މަސައްކަތްތަކެވެ. މާދަމާ އެސްއެސްސީ އިމްތިހާން ފަށާއިރު، ހުރިހާ ދަރިވަރުންގެ ވެސް ވިސްނުން ހުންނާނީ މާދަމާގެ އިމްތިހާނަށެވެ. މި ފަހަރުގެ އިމްތިހާން ފަށަނީ އިސްލާމް ޕާޕަރުގެ ކަރުދާސް އެކަކުންނެވެ. އެންމެ ފަހު ވަގުތު މި އިމްތިހާނަށް ތައްޔާރު ވާންވި ގޮތް ވެސް، އިސްލާމް މާއްދާގެ ތަޖުރިބާ ލިބިފައިވާ މުދައްރިސަކު ވަނީ ތިލަކޮށްދީފައެވެ.
"މި އޮތް ވަގުތުކޮޅުގަ އެންމެ ފުރަތަމަ ގޮތެއްގަ ވެސް ހަމަ ހަމަޖެހިލަންވީ. އަށް ގަޑިއިރު ގެ ނިދިވެސް ވާނެ ހަމަކުރަން. އަދި މި ވަގުތުކޮޅު ހަމައެކަނި އަމިއްލައަށް ކުޑަކޮށް ކިޔާލައި އިސްލާމް ފިލާވަޅުގެ ވަކި ވަކި ޔުނިޓްތައް ބަލާލުމަށް ހުސްކުރަންވީ. ހާއްސަކޮށް އުނދަގޫހެން ހީވާ ޔުނިޓްތައް." އަހުމަދިއްޔާގައި އިސްލާމް މާއްދާ ކިޔަވައިދެމުންދާ ތަޖުރިބާކާރު މުދައްރިސް ހަލީމާތު ރަހީމާ ކިޔައިދިނެވެ.
"ދެން ދަސްނުވާހެން ހީވެގެން ބިރުގަނެގެން އަނެއްކާ ކިޔަން އުޅުނީމަ ދަސްކުރަން ވެސް އުނދަގޫވާނެ. އެހެންވީމަ ހަމަޖެހިލުން ވަރަށް މުހިއްމު. އެންމެ މުހިއްމު ގޮތެއްގައި އުނދަގޫ ޔުނިޓުތަކުން ފާހަގަވާ ފިލާވަޅުތައް ކިޔާލުން މުހިއްމު. އަމިއްލަ ނަފުސަށް އަބަދުވެސް އިތުބާރު ކުރަންވާނެ،"
ހަލީމަތު މިސްގެ މި ނަސޭހަތާއެކު، އެ ސްކޫލުގައި މިފަހަރުގެ އިމްތިހާނަށް ތައްޔާރުވުމަށް ކުރި މަސައްކަތްތަކަށް ވެސް ވަނީ އަލިއަޅުވާލައިފައެވެ.
"ވޯކް ޝޮޕެއް ބޭއްވީ މި ރޯދަ މަހު ހެނދުނުން ފެށިގެން ރޭގަނޑު ހަތެއް ޖަހަންދެން. އަންހެން ދަރިވަރުންނަށާއި ފިރިހެން ދަރިވަރުންނަށް ވަކިން. އޭގެ ތެރެއިން ވަރަށް ބޮޑަށް ވާނެ މި އިމްތިހާނަށް މަސައްކަތް ކުރެވިފަ. އެހާ ބޮޑަށް ކުރީގެ ޕޭޕަރުތަަކެއް އެކުދިން ލައްވާ ނުހަދުވަން. އެކަމު އެއް ޕޭޕަރު ހެދުވިން." އޭނާ ކިޔައިދިނެވެ.
"ދެން ޓެސްޓެއް ގޮތަށް އަމިއްލަ އަށް މާކު ކުރާ ގޮތަށް ވެސް މަސައްކަތް ދިނިން. ދެން ވޯކްޝޮޕް ކުރިއަށް ގެންދިޔައީ ކުދިންނަށް ބްރޭކް ވެސް ދެމުން. ކުޑަކޮށް ކުޅިވަރު ވެސް ހިމަނާލާފަ. ފެށީވެސް ދަރުހަކުން، ނިންމީ ވެސް. ދަރިވަރުންގެ މަސައްކަތާއި މި ވޯކްޝޮޕަށް ލިބުނު ދަރިވަރުންގެ ކޮމެންޓުތަކުން ވަރަށް އުފާވި. ވަރަށް އުއްމީދު އާވި،"
އިމްތިހާނަށް ދާއިރު، ވަކި ކަންކަމަކަށް ސަމާލުވާން ޖެހޭތަ؟
ހުރިހާ ގޮތަކުން ވެސް އެކި މާއްދާއަށް ހާއްސަ މުދައްރިސުން ދަރިވަރުންނާއެކު، މި އިމްތިހާނަށް މަސައްކަތް ކުރަމުންދާއިރު، މި ފަހަރުގެ އޯލެވެލްއާ ގުޅިގެން، ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ)ގެ ފަރާތުން ވެސް ދަރިވަރުންނަށް ވަނީ މުހިއްމު ނަސޭހަތްތަކެއް ދީފައެވެ.
"ހުރިހާ ދަރިވަރުންވެސް ގަޑިއަށް ސަމާލުވުން މުހިއްމު. 30 މިނެޓް ކުރިން އައީމަ އިދާރީ ކަންތައްތަކުގެ އިތުރުން އެހެނިހެން ކަންކަން ވެސް ހަމަޖެހިގެން ކުރެވޭނެ. އެގްޒާމާ ނުގުޅޭ އެއްވެސް އެއްޗެއް އެގްޒާމް ހޯލްތެރެއަށް ނުވެއްދުމަށް ސަމާލުކަން ދޭން ވާނެ. އިނގިރޭސީގެ އަޑު އެހުމުގެ ދޭހަ އޮންނަ ދުވަހު ހުރިހާ ކުދިންވެސް ވަކިން ހާއްސަކޮށް ގަޑިއަށް ދިއުމަށް ސަމާލުވާން ވާނެ. އަދި ބަލިވެގެން އެފަދަ އެއްވެސް ކަމެއް ވެއްޖެ ނަމަ، ވަގުތު އޮއްވައި އިންފޯމް ކޮށްލަން ވާނެ. އޭރުން ދަރިވަރަށް ހަމަޖެހިލައިގެން އެގްޒާމް ހެދުމުގެ ފުރުސަތު ދެވޭނެ. އިމްތިހާންގެ ހުރިހާ ގަވައިދުތަކަށް ފުރިހަމައަށް ކިޔަމަންވެ، ސަމާލުވުމަށް ހުރިހާ ކުދިންނަށް ވެސް ނަސޭހަތްތެރިވަން،" ޑީޕީއީގެ ރައީސް މުހައްމަދު އިހުސާން ވިދާޅުވިއެވެ.
ނަތީޖާއާ މެދު މިހާރު ވިސްނައި، މާޔޫސް ނުވޭ
މި އަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިހާން ފެށެން ކުޑަ ވަގުތުކޮޅަކަށްވެފައިވާއިރު، މިކަމާ ގުޅިފައިވަނީ އެތައް ކުދިންނެއްގެ ބުރަ އަދި މިންނެތް މަސައްކަތެކެވެ. އެތައް ބެލެނިވެރިން އެމީހުންގެ ދަރިންނަށްޓަކައި ދެކޭ ހުވަފެންތަކެކެވެ. އެތައް މުދައްރިސުންނެއް އަދި އެތައް ސްކޫލުތަކެއް ކުރާ އުއްމީދުތަކެކެވެ.
އެންމެ ފަހު ކަމެއްގެ ގޮތުން، މީގެ ކުރިން މި އިމްތިހާނުތައް ހަދައި، ދިރިއުޅުމުގައި ކުރިއަށް ގޮސް، އެކި ހަރުފަތްތަކުގައި މިހާރު ތިބި މީހުން މި އަހަރު މި އިމްތިހާން ހަދާ ދަރިވަރުންނަށް ދޭން އޮތީ އެންމެ ނަސޭހަތެކެވެ. އެއީ އަބަދުވެސް އަމިއްލަ ނަފުސަށް އިތުބާރުކޮށްގެން، ކުރެވޭ އެންމެ ބުރަ މަސައްކަތް ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުރުމެވެ. ނަމަވެސް އެއްވެސް އިރަކު މާޔޫސް ނުވުމެވެ.
ހެޔޮ ނިޔަތަކާއެކު، ދަރިވަރުންނަށް ދެވޭ އެންމެ "ބެސްޓް" ދިނުމުން އެ ދަރިވަރުންގެ ޒިންމާ ނިމުނީއެވެ. އޭގެ ފަހުން އަންނަ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް މިވަގުތު އެކަމަށް ނުވިސްނައި، އަބަދުވެސް އެންމެ ރަނގަޅަށް ކަންކަން ވާނެ ކަމަށް ވިސްނުމަށެވެ. އެއީ މި އިމްތިހާނަކީ ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ހުރި ހުރިހާ ހަރުފަތަކެއްގެ ފެށުމަކަށް ވީމަނަމެސް، އެ ނަތީޖާއަކީ ތިމާގެ މުޅި ދިރިއުޅުމަށް ނުވާނެތީއެވެ.
އެހެންވެ، މިވަގުތު ހަމައެކަނި ރަނގަޅު ވިސްނުމަކުން ވިސްނައި އަބަދުވެސް ހޯދޭ އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް އަޒުމު ކަނޑައަޅައި މަސައްކަތް ކުރާށެވެ. މި އަހަރު އެސްއެސްސީ އިމްތިހާނާއި އޯލެވެލް އިމްތިހާން ހަދާ ހުރިހާ ދަރިވަރުންނަށް ވެސް ފުރިހަމަ ކާމިޔާބަށް އެދެމެވެ.