މަސްދަރު ހާމަކުރަން ޕީޖީއަށް ހައިކޯޓުގައި އެދެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

ނޫސްވެރިން މަޖިލިސް ސަރަޚައްދުގައި މުޒާހަރާ ކުރަނީ --- ސަން ފޮޓޯ

ޚާއްސަ ހާލަތްތަކުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހައި ކޯޓުގައި އެދެވޭނެ ކަމަށް ކަނޑައަޅައި ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް ޖުޑީޝަރީ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.

ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ ޚަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަން ޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތް ކުރާއިރު ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު ބައެއް ހާލަތްތަކަށް ވުރެ ބޮޑު ކަމުގައި ޝަރީއަތަށް ބުރަވެވޭ ނަމަ ނޫސްވެރިޔާ އަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާ އަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވޭނެއެވެ.

މި މާއްދާގެ ދަށުން، މަސްދަރު ހާމަކޮށްދިނުމަށް އެދި ދައުލަތުގެ އިތުރުން ދައުވާ ކުރާ މީހުންނަށް ވެސް ކޯޓުގައި އެދެވިދާނެއެވެ.

ހެއްކާ ބެހޭ ގާނޫނަށް މި އިސްލާހު ގެނަން ކޮމިޓީން ފާސްކުރީ ހެއްކާބެހޭ ގާނޫނު މިހާރު އެކުލަވާލާފައިވާގޮތުން ނޫސްވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށްފަހުއެވެ.

ނޫސްވެރިން މީގެކުރިން ކަންބޮޑުވުންފާޅުކުރީ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭނެ ހާލަތްތައް ފުޅާކޮށް މާނަ ކުރަން ހުޅުވާލެވޭ ގޮތަށް މަސްދަރު ހާމަކުރުމާ ބެހޭ މާއްދާ އޮތުމުންނެވެ. އެހެން އެ މާއްދާ އޮތުމަކީ ނުފޫޒާއި ބާރު ހުރި ބަޔަކަށް އެކަމުގެ ނާޖާއިޒު ފައިދާ ނަގަން ހުޅުވާލެވޭ ދޮރެއް ކަމަށާއި، އެކަމުގެ ސަބަބުން ނޫސްވެރިންނާއި ނޫސްވެރިންގެ މަސްދަރު ވެސް ނުރައްކަލަށް ހުށަހެޅި ޖަލަށް ދާން ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލަށް ކޮމެޓީން ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އެ ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ނޫސްވެރިއަކަށް އެއްވެސް ފަރާތަކުން މައުލޫމާތު ދީފައިވަނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން ފަރާތުގެ ރުހުމަކާ ނުލައި، އެއީ ކާކުކަން އަންގައިދޭނެ ނުވަތަ އެއީ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރު ކޮށްގެން ނުވާނެ ކަމަށެވެ.

ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ މައުލޫމާތާއި އެފަދަ މައުލޫމާތެއް އެކުލެވިގެންވާ ވަސީލަތްތަކާއި އެއްޗެހިވެސް ޝަރީއަތަށް ހާމަ ކުރުމަށް އަމުރު ނުކުރެވޭނެ ކަމަށް އެ މާއްދާގެ (ށ) އަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.

އެ ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް ޓެރަރިޒަންގެ ކުށްތަކާއި ގައުމީސަލާމަތަށް ނުރައްކާވެދާނެ ފަދަ އަމަލެއް އެކުލެވޭ ކުށްތަކުގެ މައްސަލަ ތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަ ކުރުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް، ހައިކޯޓަށް ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަ ކުރުމަށް އެ ކޯޓުން އަމުރު ކުރެވިދާނެ ކަމަށް ކޮމެޓީން އިސްލާހު ގެނެސްފައިވެއެވެ.

އަދި އެގޮތަށް މަސްދަރު ހާމަ ކުރަން އަމުރު ކުރާ އިރު، ރިއާޔަތް ކުރަން ޖެހޭ ކަމަށް ގާނޫނުގައި ހިމަނާފައިވާ ބައެއް ކަންތައްތަކަށްވެސް ކޮމެޓީން ވަނީ ބަދަލު ގެނެސްފައެވެ.

މީގެއިތުުރުން، ކޮމިޓީން ފާސްކުރި ރިޕޯޓުގައި ގައުމީ ސަލާމަތް މާނަ ކުރާ ގޮތަށް ވެސް ބައެއް ބަދަލު ގެނެސްފައިވާއިރު، އޭގެތެރޭގައި ރައްޔިތުންނަށް ލިބިދީފައިވާ ގާނޫނީ ހައްގުތައް ބޭނުންކޮށްގެން ހިންގާ ކަންކަން ނުހިމެނޭ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް