ޔާމީންގެ ކެންޑިޑަސީއާ މެދު އީސީން ގޮތެއް ނިންމަން ޖެހޭ: ޝަރީފް

އިބްރާހިމް ޝަރީފް --- ފައިލް ފޮޓޯ/ މަޖިލިސް

އަންނަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރެއްވުމާ މެދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮތެއް ނިންމަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު ވިދާޅުވެއްޖެއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެ ފައިސާ ލޯންޑަ ކުރި ކަމަށް އުފުލި ދައުވާ ސާބިތުވެ، ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވީނަމަވެސް މައްސަލައިގެ އަޑުއެހުން އަދި ނުފަށައެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފަރާތެއްގެ މައްސަލަ އިސްތިއުނާފް މަރުހަލާ ކުރިއަށްދާ ނަމަ، އިންތިހާބުތަކުގައި ކުރިމަތިލެވޭނެތޯ ނުވަތަ ނޫންތޯ އީސީން ކަނޑައަޅަން ޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބުކުރާ މީހުންގެ ޝަރުތު ބަޔާންކޮށް ގާނޫނުއަސާސީގެ 109 ވަނަ މާއްދާ ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމަށް ކަނޑައެޅި އަދަބު މާފުކުރިތާ ތިން އަހަރު ވާން ޖެހޭ ކަމަށެވެ.

ރައީސް ޔާމީން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވީނަމަވެސް، އެ ހުކުމް އަދި ނިހާއީ ހުކުމަކާ ހަމައަށް ނުދާކަން ފާހަގަކުރައްވާ ޝަރީފް ވަނީ މި ހާލަތުގައި ކެންޑިޑެސީއާ މެދު އަވަހަށް އީސީން ގޮތެއް ނިންމުން މުހިންމު ކަމަށް ވިދާޅުވެފައެވެ. އަދި ޕީޕީއެމްއަށް ވެސް ކުރިއަށް ދެވޭނީ ރައީސް ޔާމީންގެ ކެންޑިޑެސީއާ މެދު ގޮތް ނިންމައިގެން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ

މިކަމާ ގުޅޭގޮތުން އީސީގެ ރައީސް ފުއާދު ތައުފީގް މީގެކުރިން ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުގައި ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިގަތުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރުމުގެ ޝައުގުވެރިކަން ޕާޓީގެ ލީޑަޝިޕްގެ އެހެން މެމްބަރުން ގެންގުޅުވާ ކަމުގެ ވާހަކަތައް ފެންމަތިވެފައި ވީނަމަވެސް އެޕާޓީން އަންނަނީ އެކަން ދޮގު ކުރަމުންނެވެ. އަދި އެ ޕާޓީގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވަމުންނެވެ.

comment ކޮމެންޓް