ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއްގެ ނުބަލާ ކިޔެވުމުގެ ބައިން ދެވަނައަށް އިސްކަންދަރު ސްކޫލުގެ ޝާޔާ

މިސްރުގެ ރައީސް ޝާޔާއަށް އިނާމް ހަވާލުކޮށް ދެއްވަނީ / ފޮޓޯ: ޓްވިޓާ

މިސްރުގައި ބޭއްވި 29 ވަނަ "އިންޓަނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޯލީ ޤުރުއާން" އިން ރާއްޖޭގެ ފަރާތުން ބައިވެރިވި އިސްކަންދަރު ސްކޫލްގެ ދަރިވަރު ފާތިމަތު ޝާޔާ ޒާހިރު, އެ މުބާރާތުން ދެވަނަ ހޯދައިފިއެވެ.

މިސްރުގައި ބޭއްވި މި މުބާރާތުން ޝާޔާ ދެވަނަ ހޯދީ 58 ގައުމެއްގެ ބައިވެރިންނާ ވާދަކޮށްފައެވެ. ޝާޔާ ދެވަނަ ހާސިލުކުރީ އެ މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިންނެވެ.

ޝާޔާއަށް އިނާމު ހަވާލުކޮށްދެއްވީ މިސްރުގެ ރައީސްް އަބްދުލްފައްތާޙް އަލްސީސީއެވެ.

ޝާޔާ ހޯދި ކާމިޔާބީ ފާހަގަކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ ޝާޔާ ހޯދި ކާމިޔާބީއަކީ މުޅި ރާއްޖެ ފަޚުރުވެރިވާ ކާމިޔާބީއެއް ކަމަށެވެ.

މި މުބާރާތަކީ ބައިނަލްއަގްވާމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އެއް ޤުރުއާން މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 58 ގައުމަކުން 100 އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައިވެއެވެ.

comment ކޮމެންޓް