ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ބޮޑުތަނުން ޚަރަދުކުރާ ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަދުން ހުސައިން) ކަންބޮޑުވުން ފާޅުކުރެއްވުމުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ މަޖިލީހުގެ މެމްބަރުން ނުރުހުން ފާޅުކުރައްވައި ތަޅުން ހޫނު ވެއްޖެއެވެ.
މިއަދު ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު އަދުން ހުސައިން ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަށް 80 ރުފިޔާ ޖެހޭ މިންވަރު ދައުލަތުން ވަކި ބޭފުޅަކަށް ޚަރަދު ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
މެމްބަރު އަދުން ހުސައިން އެފަދައިން ވިދާޅުވުމާއެކު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވަނީ ނިޒާމާ ބެހޭ މައްސަލައެއް ނަންގަވާ އެވާހަކައަށް ރައްދު ދެއްވާފައެވެ.
ބޮންޑޭ ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކު އަވަހާރަކޮށްލެއްވުމަށް ބޮމެއް ގޮއްވައިލުމުން އެ މަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުން، އެ ޚަރަދު ކުޑަ ކުރުމަށް ގޮވާލާނީ އަނެއްކާވެސް އެ މަނިކުފާނު އަވަހާރަކޮށްލެއްވުމުގެ ފުރުސަތު ދެއްވުމަށް ކަމުގެ ތުހުމަތު ކުރައްވާފައެވެ.
މިހާރު ތަހުގީގު ކުރާ ހިސާބަށް ގޮސްފި. ރައީސް ނަޝީދަށް ދެއްވާފަ އޮތް ސެކިއުރިޓީއަށް ކުރާ ޚަރަދު ކުޑަކުރަން ތަކުރާރުކޮށް އެ ގޮވާލަނީ ރޭވުމެއްގެ ތެރެއިން ކަމަށް އަޅުގަނޑު ގަބޫލު ކުރަން. ބޭނުމަކީ އަނެއްކާވެސް މަރާލުން. މަރާ ނުލެވިގެން މި މީހުން މި މަސައްކަތް ކުރަނީ. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)
ނަމަވެސް މެމްބަރު އަދުން ހުސައިން ވިދާޅުވީ ރައީސް ނަޝީދަށް ދެއްވާ ސެކިއުރިޓީގެ ޚަރަދު ކުޑަކުރަން އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށާއި، އޭނާ ފާހަގަކުރެއްވީ ދައުލަތުން އެ މަނިކުފާނަށް ކުރާ ޖުމްލަ ޚަރަދު ކަމަށެވެ. އެގޮތުން، ބޭސްފަރުވާއަށް އެމަނިކުފާނު ޖަރުމަނަށް ވަޑައިގެންނެވުމުން ގަނޑުވަރުކޮޅެއްގައި ހުންނެވުމަށް ޚަރަދު ކުރެއްވި ކަމަށާއި، އެއަށްފަހު އިނގިރޭސި ވިލާތަށް ވަޑައިގަތުމުން ވެސް ހުންނެވީ ގަނޑުވަރު ކޮޅެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެއަށްފަހު ނިޒާމާ ބެހޭ މައްސަލައެއް ނަންގަވައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ރައީސް ނަޝީދަށް ރައްކާތެރިކަން ފޮރުކޮށްދިނުމަށް ފެއިލްވުމުން އެކަމުގެ ދަރަނި އަދާކުރުމަށް ދޭން ޖެހޭ ސެކިއުރިޓީއާއި ބޭސްފަރުވާގެ ޚަރަދުވެސް ނުދިނުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށެވެ.
މި ބޭފުޅުން ލަދު ގަންނަން ޖެހޭނެ މި މަޖިލީހުގައި މި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއްގެ ވާހަކަ މި ދައްކަވަނީ. އެއަށް އިންސާފުވެސް ހޯދައި ނުދެވުނު މި ސަރުކާރަށް. އަނެއްކާ އިންސާފު ނުހޯދައިދެވުނު ތަނުގައި އަނެއްކާ އަވަހާރަކޮށްލުމަށް ހިތްވަރު އެ ދެއްވަނީ. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
އިންތި ވިދާޅުވީ ސަރުކާރަށް ގެއްލިފައިވާ ފައިސާ ހޯދާނެ ކަމަށް ވިދާޅުވެ ރައީސް ވެވަޑައިގެންނެވި ވައުދު ނުފުއްދަވާ، ކޮރަޕްޝަން ހިންގަމުން ގެންދަވާއިރު ސަރުކާރަށް ތާއީދުކޮށް ދައުލަތުގެ ޚަރަދުގެ ވާހަކަ ދައްކަވަން ލަދު ގަންނަން ޖެހޭނެ ކަމަށެވެ.
އެއަށް ފަހުވެސް ތިން މެމްބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައި ވާއިރު، މެމްބަރު އިންތި އާއި މެމްބަރު ބޮންޑޭ ވަނީ ރައީސް ނަޝީދު ދިފާއު ކުރައްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މިފަހަކަށް އައިސް ރައީސް ނަޝީދު ފެކްޝަނާއި ރައީސް ޞާލިޙްގެ ފެކްޝަނުގެ މެމްބަރުންގެ ދެމެދު ކޯޅުން ބޮޑުވަމުން ދާއިރު، މަޖިލީހުގައި މައިގަނޑު ގޮތެއްގައި ފެންނަނީ ދެ ފަރާތުގެ ދެމެދެ ރައްދު ކުރެވޭ ބަހުގެ ހަމަލާތައް ދުވަހެއް ދުވަހަކަށް އިތުރުވާ މަންޒަރެވެ.