ގުރައިދޫ ގޮނޑި އިދިކޮޅަށް ކާމިޔާބު ކޮށްދޭން، ނަޝީދު ފެކްޝަނުން ކުރި މަސައްކަތަށް އިދިކޮޅުގެ ޝުކުރު

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް--- ފޮޓޯ/ މަޖިލިސް

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ޕީޕީއެމަށް ކާމިޔާބު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' ގޮފިން ކުރި މަސައްކަތަށް އިދިކޮޅުން ޝުކުރު އަދާކޮށްފިއެވެ.

މިއަދު ބޭއްވު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރޯދަ މަހަށް، މުދަލާއި ޚިދުމަތުގެ އަގުތައް ކޮންޓްރޯލު ކުރަން ސަރުކާރަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި، ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރު ހުށަހެޅުއްވުމުގެ ކުރިން އާދަމް ޝަރީފް ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކޮށްފައިވާތީ އެ ޕާޓީއަށް މަރުހަބާ ވިދާޅުވެފައެވެ.

އޭގެ އިތުރުން، ޕީޕީއެމަށް ގޮނޑި ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރި އަދި ވޯޓު ދިން އެންމެނަށް ވެސް އާދާމް ޝަރީފް ޝުކުރުއަދާ ކުރެއްވިއެވެ. އެއަށްފަހު އޭނާ ވަނީ ރައީސް ނަޝީދުގެ 'ފިކުރެއްގެ ދިރުން' ގޮފިން، ޕީޕީއެމަށް އެ ގޮނޑި ކާމިޔާބު ކޮށްދިނުމަށް ކުރި މަސައްކަތް ވެސް ފާހަގަކުރައްވާ، ޝުކުރު އަދާކޮށްފައެވެ.

"މި އިންތިޚާބު ޕީޕީއެމަށް ކާމިޔާބު ކޮށްދިނުމަށް ފިކުރެއްގެ ދިރުމުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރު ކޮށްދީފައިވާތީ އެ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް އެހެން ވިދާޅުވެފައިވާއިރު އެ އިންތިޚާބުގެ ކުރިން، އެމްޑީޕީގެ ޗެއާޕާސަން އަދި، އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވިޔަ ނުދޭން އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް މެމްބަރުން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

https://sun.mv/176094

މިގޮތުން، އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން ގުރައިދޫ ދާއިރާގެ މެންބަރުންނަށް ގުޅާ، އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒަށް ވޯޓު ނުދިނުމަށް އެދެމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އެ ތުހުމަތާ އެކު ފައްޔާޒު ވިދާޅުވީ، "އިޙްތިރާމުު ކުރުމުގެ ގޮތުން ވެސް ބެލޭނީ ވަކި ވަރަކަށް" ކަމަށާއި ޕާޓީ ފުނޑުފުނޑު ކޮށްލަން ކުރަމުންދާ މަސައްކަތް ބަލައިނުގަންނާނެ ކަމަށެވެ.

'ފިކުރެއްގެ ދިރުން' ގޮފިން ޕީޕީއެމަށް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްދޭން މަސައްކަތް ކޮށްދީފައިވާއިރު އެ ގޮފިން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ތާއީދުކުރަން ނިންމައި، ކޯލިޝަން އެގްރީމެންޓެއް ހެދުމުގެ މަޝްވަރާތައް ފައްޓަވައިފައެވެ.

ފާޅުގައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަށް ތާއީދު ކުރެއްވި ނަމަވެސް، އެމްޑީޕީން މީގެ ކުރިން ބުނެފައިވަނީ ނަޝީދާ މެދު ފިޔަވަޅެއް އެޅުމުގެ ވިސްނުން އެ ޕާޓީގައި ނެތް ކަމަށެވެ. އެކަމަކު، ފައްޔާޒުގެ އިންޒާރާ އެކު އެ މަންޒަރު ބަދަލުވެދާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް