ދުރުން ބަލަން ތިބޭ ބަޔަކަށް ފެންނަނީ ސަރުކާރު ވަރަށް ބަލިކަށިވެފައި އޮތް މަންޒަރެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ކޯލިޝަން އޮތީ ނަމެއްގައެވެ. ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އޮތީ ހަގީގަތުގައި ވެސް ދެބައިވެ ދެ ފިކުރެއްގެ ދެމެދުގައި ތާށިވެފައެވެ. އެހެންކަމުން ސަރުކާރާއި ރައީސް ޞާލިޙް، ސިޔާސީ ގޮތުން ވަރަށް ނިކަމެތި ވެފައިވާ ކަމަށް ދުށް މީހުން ގިނައެވެ. ނަމަވެސް އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއިން ބުނެ ދިނީ އެ ވާހަކައެއް ނޫނެވެ.
ސަރުކާރާއި އެމްޑީޕީ މި ހާލަތުގައި އޮއްވައި ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ފުރަތަމަ ފަހަރަށް ކ. އަތޮޅަށް ނިސްބަތްވާ މަޖްލިސް ގޮނޑިއެއް އެމްޑީޕީއަށް ކާމިޔާބު ވުމަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ކާމިޔާބީއެކެވެ. ގުރައިދޫ ދާއިރާއަކީ ޒަމާނުއްސުރެއް އިދިކޮޅު ޕީޕީއެމްއިން ރަސްކަން ކުރަމުން ދިޔަ ދާއިރާއެކެވެ. އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް މި އިންތިޚާބު ކާމިޔާބުކުރީ 120 ވޯޓްގެ ތަފާތަކުންނެވެ. އެފަދަ ދާއިރާއެއް އެމްޑީޕީއަށް މި ހާލަތުގައި ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރި މީހުން މަދެވެ.
އެމްޑީޕީއަށް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ނުވޭތޯ މަސައްކަތް ކުރީ ހަމައެކަނި އިދިކޮޅަކުން ނޫނެވެ. ރައީސް މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ގޮފިން ވެސް ސީދާ ފާޅުގައި ދެކޮޅަށް މަސައްކަތް ކުރިއެވެ. މިހާތަނަށް ނަޝީދަށް ތާއީދު ކުރާ ބޭފުޅުން ވިދާޅުވަމުން ދިޔައީ އެމްޑީޕީގެ މެންބަރުން އިންތިޚާބުތައް ކާމިޔާބު ކުރަނީ ނަޝީދުގެ ފޮޓޯ ދައްކައިގެން ކަމަށެވެ. ނަމަވެސް އިއްޔެގެ އިންތިޚާބު އެމްޑީޕީއިން ކާމިޔާބު ކޮށްފައި އެ ވަނީ ނަޝީދުގެ ފޮޓޯ ނުދައްކައި އަދި، ނަޝީދު ސީދާ އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކޮށް އިންތިޚާބު ކާމިޔާބު ކުރި ޝާޒު ---(ފޮޓޯ/އެމްޑީޕީ)
މި އިންތިޚާބު ސަރުކާރަށް މުހިންމުވީ ހަމައެކަނި މަޖިލިސް ގޮނޑިއެއްގެ ބޭނުމުގައެއް ނޫނެވެ. ޖެހިލުމެއްނެތި ސަރުކާރަށް ކަންކަން ނިންމޭ ވަރަށް މިހާރު ވެސް މަޖިލީހުގެ މެޖޯރިޓީ އެބައޮތެވެ. ރައީސް ޞާލިޙް ރިޔާސީ ދެވަނަ ދައުރަކަށް ނުކުންނަވައިގެން އުޅުއްވާތީ ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ބެލުމަށް މި އިންތިޚާބު ވަރަށް މުހިންމުވިއެވެ. ނަތީޖާ ބުރައެވީ ސަރުކާރު ކޮޅަށެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވި ގޮތުގައި ގުރައިދޫ ދާއިރާގެ ގޮނޑި، އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބު ކުރެވުމުން މި އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޞާލިޙަށް ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އާ ވެއްޖެއެވެ.
އިންތިޚާބު އަހަރު ޕީޕީއެމްގެ ކިއްލާއަކުން އެމްޑީޕީ ހޯދި ކާމިޔާބަކީ އެތައް ވާހަކައެކެވެ. ދުރުން ފެންނަ މަންޒަރާއި ހަގީގީ މަންޒަރު ތަފާތުކަން ވަރަށް ސާފުކޮށް މި އިންތިޚާބުން ބުނެދެއެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވި ގޮތުގައި މި އިންތިޚާބުގެ ނަތީޖާއިން ފެނިގެން ދިޔައީ ތަފާތު ކުރުމެއްނެތި ރާއްޖެއަށް ރައީސް ޞާލިޙް ގެންނަވާ ހެޔޮ ބަދަލުތައް ރައްޔިތުން ބަލައިގަންނަކަން ކަމަށެވެ.
"ހަމަގައިމު ވެސް މި ފަހަރަކު ނަޝީދުގެ ފޮޓޯފުޅެއް ވެސް ނެތް. އެ މަނިކުފާން ހިޔެއް ނުވޭ މި ގައުމުގައި ހުންނެވި ހެނެއް ވެސް. އެހެންކަމުން މީގެން ކަމަކާ ނުލައި މި އިންތިޚާބު ކާމިޔާބު ކުރެވުމުގެ ނަތީޖާއަކީ ހަމަ ހަގީގަތުގައި ވެސް ދިވެހި ރައްޔިތުން ބޭނުން ވަނީ ހަމަޖެހުމާއި އެހީތެރިކަމާއި އެއްބާރުލުންކަން ހާމަވުން،" ސަމީރު ވިދާޅުވިއެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ
މާފުއްޓަކީ ކުރިންސުރެ ވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަށެކެވެ. ގުރައިދޫގައި އެމްޑީޕީއަށް ވުރެން ތާއީދު ބޮޑީ ޕީޕީއެމްއަށެވެ. އެމްޑީޕީ ދެބައި ވުމުން ހީކުރެވިފައި އޮތީ އެ ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުން ވެސް އެގޮތަށް ބަދަލުވާނެ ކަމަށެވެ. ނަމަވެސް ވޯޓްގެ ނަތީޖާއަކުން އެ ތަނެއް ނުފެނެއެވެ. ފެނިގެން ދިޔައީ ކުރިއަށް ވުރެން އެމްޑީޕީ ވަރުގަދަވި ތަނެވެ.
ރައީސް ނަޝީދުގެ ފެކްޝަނަށް ލިބުނު ނާކާމިޔާބީއާ ގުޅޭގޮތުން ސަމީރު ވިދާޅުވީ ހަމަނުޖެހުންތަކެއްގެ ތެރެއަށް އަނބުރާ ދާކަށް ދިވެހި ރައްޔިތުން މިހާރު ބޭނުން ނުވާ ކަމަށެވެ. އަދި، ރައްޔިތުން ބޭނުންވަނީ ވަކި މީހަކަށް ވަކި ކަމެއް ހޯދައިދޭން ނޫން ކަމަށް ސަމީރު ވިދާޅުވިއެވެ.
"ފިކުރެއްގެ ދިރުމުގެ އެއްބާރުލުމާއީ ތާއީދެއް ސަރުކާރުން ކުރާ އެއްވެސް ކަމަކަށް ނުލިބޭ. އެހެންކަމުން އެ ބޭފުޅުންގެ ހިޔާލާއި ފިކުރާ ވެސް ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ މި ހޯއްދެވި ކާމިޔާބީ މި ހޯއްދެވީ. މިއީ ކުރިމަތިވާ ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުއްމީދެއް މިއީ." ސަމީރު ވިދާޅުވިއެވެ.
"ތަންކޮޅެއް ކުރީގައި އެންމެ ގިނަ ބަޔަކު ތާއީދު ކުރާ އެކަކީ ރައީސް ނަޝީދު ކަމަށް ވެދާނެ. އެކަމަކު އަޅުގަނޑަށް މިހާރަކު ގަބޫލެއް ނުކުރެވޭ ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެންމެ ބޮޑަށް ތާއީދު ކުރާ އެއް ބޭފުޅަކަށް ވާނީ ރައީސް ނަޝީދު ކަމަކަށެއް. އެއަށް ވުރެން މާ ބޮޑަށް ތާއީދު އޮތްކަން ފެނިގެން މިދަނީ ރައީސް ޞާލިޙަށް،"
އެ ފާޑުކިޔުންތަކާ ގުޅޭގޮތުން ރައީސް ނަޝީދުގެ ފެކްޝަންގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.
މިއީ އިދިކޮޅު ކޯލިޝަނަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ. އެ ޕާޓީގެ ތާއީދު ދަށްވާ ކަމުގެ ހެއްކެކެވެ. ޒަމާނުންސުރެ ރަސްކަން ކުރަމުން ދިޔަ ދާއިރާތައް ވެސް ގެއްލޭތީއެވެ. މި ސަރުކާރު އައި ފަހުން ބާއްވާ ގިނަ އިންތިޚާބުތަކުގައި އިދިކޮޅަށް ލިބެމުން ދިޔައީ ވަރަށް ދަށް ނަތީޖާއެކެވެ. ހަމައެކަނި ބޮޑު ކާމިޔާބީއަކީ އެމްޑީޕީ ރަސްކަން ކުރަމުން ދިޔަ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމާއި ދާއިރާގެ ގޮނިތަކެއް ލިބުމެވެ. އެމްޑީޕީން މޭޔަރު ކަމަށް އަނަސް އަބްދުއްސައްތާރު ވާދަކުރެއްވިއިރު ކެމްޕެއިންގައި އިސްކޮށް އުޅުއްވީ ރައީސް ނަޝީދެވެ. ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ނަމަވެސް އެމްޑީޕީއަށް އެ އިންތިޚާބުން ލިބުނީ ބޮޑު ނާކާމިޔާބީއެކެވެ. އެ ނޫނީ މި ފަހުން އިދިކޮޅު ކޯލިޝަނަށް ބޮޑު ކާމިޔާބީއެއް ނުލިބެއެވެ.
އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވާ ގޮތުގައި ގުރައިދޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާ ނެރުނީ ނުފޫޒް ފޯރުވައި އެތައް މިލިއަން ރުފިޔާއެއް ބަހައިގެންނެވެ.
"އެކަމަކު ރައީސް ޞާލިޙާއި އެމްޑީޕީއަކަށް ރާއްޖޭގެ އެންމެނަކަށް ނުފޫޒެއް ނުފޯރުވޭނެ. ފައިސާއަކަށް ހުރިހާ ރައްޔިތުން ނުގަނެވޭނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް މާ ގިނަ ދުވަހެއް ނެތެވެ. ގުރައިދޫ ދާއިރާގެ ގޮނޑިއާ އެކު ސަރުކާރުން ހަމަޖެހިލައިފިއެވެ. މިއީ ދެވަނަ ދައުރެއް ހޯދެއްވުމަށް ރައީސް ކުރައްވާ މަސައްކަތަށް ލިބުނު ހިތްވަރެކެވެ. އަދި، މިއީ ރައީސާ ދެކޮޅު ރައީސް ނަޝީދުގެ ފެކްޝަނަށާއި އިދިކޮޅު ކޯލިޝަނަށް އޮތް ޕްރެޝަރެކެވެ.