ޕީޕީއެމްގެ ''މުށުތެރޭގައި'' އޮތް ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފި

ފާއިތުވި 14 އަހަރަށްފަހު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ކޮނޑި ވެރިކަންކުރާ އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އާންމުކުރި ވޯޓު ފޮށިތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ސަތޭކައަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުން ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ޝާޒްއެވެ.

މިއީ ފެހި ގާނޫނު އަސާސީ ވުޖޫދުވީ ފަހުން ބޭއްވި މަޖިލިސް އިންތިހާބެއްގައި އެމްޑީޕީން މި ގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ

ހުސައިން ރިޒާ (ޕީޕީއެމް) 1226
އިބްރާހީމް ޝާޒް (އެމްޑީޕީ) 1340
އަލީ އަރީފް (އެމްއެންޕީ) 136

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ކުރިއަށްގެންދިޔައީ ވަރަށް ފޯރިގަދަ ވާދަވެރި ކެމްޕެއިނަކަށްފަހުއެވެ. މި އިންތިހާބަށް ސަރުކާރުން ނުފޫޒުފޯރުވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް، ޕީއެންސީން މިއަދުވެސް އިހްތިޖާޖުކުރިއެވެ.

ގުރައިދޫ ދާއިރާގެ ކޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް މެލޭޝިޔާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

comment ކޮމެންޓް