ހަ އަހަރު ފަހުން އަނަސްގެ މަރުގެ މައްސަލައިގައި ހުކުމް ކުރުނީ

ލިޓަސް ގަރާޖު ތެރޭގައި ތޫނު އެއްޗެހިން މަރާލާފައި އޮއްވައި ފެނުނު ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް ---

ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ހުކުމް 30 ދުވަސް ތެރޭގައި ކުރައްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެއެވެ.

އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ 2017ވަނަ އަހަރުގެ ޖުލައިމަހުގެ 31ވަނަ ދުވަހުގެ ރެއެވެ.

އަނަސްއަށް ހަމަލާދީފައި ވަނީ ސައިކަލު ތަކެއްގައި އައި ހަތަރު މީހަކު ކަމަށާއި ހަމަލާ ދިނުމަށް ފަހު އެ މީހުން ފިލި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތާއި ދިފާއުން ވަނީ ހުލާސާ ބަޔާން އިއްވައިފައެވެ. އެގޮތުން ހާދިސާ ހިނގައި ދިޔަ ގޮތާއި އެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނާ ގުޅޭ ގޮތްތައް ވެސް ދައުލަތުގެ ވަކީލު ވަނީ ކިޔައިދެއްވައިފައެވެ. އަދި، އެ ހަތް މީހުންގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާނެ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

ދިފާއުން ހަތް މީހުންގެ ފަރާތުން އެ މީހުންގެ ވަކީލުން ވެސް ވަނީ ހުލާސާ ބަޔާން ހުށަހަޅައިފައެވެ. އަދި، އެ މީހުންގެ މުވައްކިލުންނާ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ވަނީ ބުނެފައެވެ.

ދިފާއީ ބަޔާން ހުށަހަޅައި ނިމުމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ, ޝަރީއަތުން އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލަ ނިންމުމަށް ބާއްވާ އަޑައެހުން ކަމަށެވެ. އެ އަޑުއެހުން 30 ދުވަސް ތެރޭގައި ތާވަލު ކުރައްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އަނަސްއަށް ހަމަލާ ދީފައިވަނީ އަހުމަދު ޒަޔާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފު ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި، އެ ތިން މީހުންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އެ މީހުންގެ ތެރެއިން، މުހައްމަދު ސާޒު އާއި ޖުނައިހު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާ ދިންމީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުންނެވެ.

އެ މީހުން އަނަސްއަށް ހަމަލާދިނުމަށް އައުމުން، ސައިކަލެއް މަތީގައި އިށީންދެ އިން އަނަސް ވަނީ ދުވެފައި ގޮސް ލިޓަސް ސާވިސް ސެންޓަރަށް ވަދެފައެވެ. އަދި، އެ މީހުން އަނަސްއަށް ވަޅިން ހަމަލާދީފައިވަނީ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ހަމަލާއަށް ފަހު އަނަސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބެއްލެވި ޑރ. އިބްރާހިމް މުބީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އޭނާގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު ލިބިފައި ހުރި ޒަޚަމްތަކަކީ ވަގުތުން މީހާ މަރުވާފަދަ ޒަޚަމްތަކެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް